ކުޅިވަރު

ކީޕަރު ހުސައިން ފުރަތަމަ ޓެސްޓަށް ކެތްމަދުވެފައި

މި ސީޒަންގައި މާޒިޔާގެ ގޯލް ބަލަހައްޓަމުން ދިޔަ، އިޓަލީގެ މައުރޯ ބޮއެރިޗޯގެ ޑިސިޕްލިން މައްސަލައަކާ ގުޅިގެން، އޭނާގެ ކޮންޓްރެކްޓް ބާތިލު ކުރުމަށް ފަހު މާޒިޔާއިން ވަނީ އޭނާ ފޮނުވާލާފަ އެވެ. މާލޭ ލީގްގައި މިރޭ ޔުނައިޓަޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗަކީ މައުރޯ ނެތި މާޒިޔާ ކުރިމަތިލާ ފުރަތަމަ މެޗެވެ.

މިރޭގެ މެޗުގައި މާޒިޔާގެ އެއް ނަންބަރު މަގާމަށް ކުޅެން ނިކުންނާނީ، ޒުވާން ކީޕަރު ހުސައިން ޝަރީފެވެ. މެޗަކީ މާޒިޔާގެ ސީނިއާ ކެރިއާ އޭނާ ފަށާ މެޗެވެ. ކުރިން އަވަސް އަށް ދެއްވި އިންޓަވިއުގައި ހުސައިން ބުނީ ފުރުސަތު ހޯދުމުގައި އޭނާގެ ކެތްތެރިކަން އެބަހުރި ކަމަށެވެ.

"ފުރަތަމަ 11 އިން ޖާގަ ހޯދާކަށް އަވަސް ވެގެން ނޫޅޭނަން،" ގައުމީ ޓީމުގެ ދެ ވަނަ ކީޕަރު ކުރިން ބުނެފައި ވެއެވެ. "އެއީ އަދި އަޅުގަނޑު ވަރަށް ޒުވާން އެހެންވީމަ އަދި އެހިސާބަށް ދާން އިތުރަށް މަސައްކަތް ކުރަން ޖެހޭނެ."

ނަމަވެސް އޭނާ ހުރީ ލިބޭ ހަނި ފުރުސަތު ބޭނުން ހިފައިގެން ކުރިއަށް ދާށެވެ. މިރޭގެ މެޗާ ބެހޭގޮތުން އޭނާ ބުނީ، މެޗަކީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ މެޗަށް ވެގެންދާނެ ކަމަށެވެ.

"މާޒިޔާގެ ޖޯޒީގައި ސީނިއާ ކެރިއާއަށް ނިކުތުމަކީ ވަރަށް ބޮޑު ޝަރަފެއް، މި ފުރުސަތުގެ ބޭނުން ހިފައިގެން ކުރިއެރުން ހޯދަން މަސައްކަތް ކުރާނަން." އުމުރުން 19 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ކުރިއަށް އޮތް ހަތަރު މެޗުގައި، މާޒިޔާގެ ގޯލް ބަލަހައްޓާނީ ތ. ކިނބިދުއަށް ނިސްބަތްވާ ހުސައިން އެވެ. އެއަށް ފަހު ޓްރާންސްފާ ޕީރިއަޑްގައި އަލުން ބިދޭސީ ކީޕަރެއް ގެނައުމަށް އެކުލަބުން ވަނީ ނިންމާފަ އެވެ.