ހަބަރު

ނާޒިމް ރާއްޖެ ވަޑައިގަތުމާ އެކު އަނބުރާ ޖަލަށް ގެންގޮސްފި

May 24, 2015

ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ރާއްޖެ ވަޑައިގަތުމާ އެކު އެއާޕޯޓުން އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ނާޒިމް ސިންގަޕޫރަށް ވަޑައިގަތުމުގެ ހުއްދަ ދީފައި ވަނީ ބޭސް ފަރުވާއަކަށެވެ. އެ ފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު މިއަދު މެންދުރު 12:00 އެހާކަން ހާއިރު ނާޒިމް ވަނީ ސިންގަޕޫރު އެއާލައިންސްގެ ފްލައިޓެއްގައި އެނބުރި ރާއްޖެ އައިސްފަ އެވެ. އޭނާ ރާއްޖެ ވަޑައިގަތުމަށް ފަހު އިމިގްރޭޝަންގެ ކަންކަން ނިމުމާ އެކު ޑީޕީއާރުއެސްގެ އޮފިސަރުން ވަނީ ނާޒިމް އެ ޑީޕާޓްމަންޓްގެ ބެލުމުގެ ދަށަށް ގެނެސް ވެހިކަލަކަށް އަރުވައިގެން ގެންގޮސްފަ އެވެ. ނާޒިމް ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެންނެވީ، އަނބިކަބަލުންނާ އެކު އެވެ.

ކަރެކްޝަނަލް ސާވިސަސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް ވަނީ ހުކުމް ތަންފީޒު ކުރުމަށް އައްސޭރި ޖަލަށް ގެންދެވިފައި ކަމަށެވެ.

ނާޒިމްގެ އެޕާޓްމަންޓުން ފިސްތޯލަ އަކާއި ވަޒަންތަކެއް ފެނުނު މައްސަލަ ސާބިތުވެ އޭނާ ޖަލަށް ލާފައި ވަނީ 11 އަހަރަށެވެ. އަދި އެ މައްސަލަ ނާޒިމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރައްވައިފަ އެވެ. އެ މައްސަލައިގައި ވަކީލެއްގެ ގޮތުން ހުސްނުއްސުއޫދު ވަނީ މިހާރު ހަމަޖައްސައިފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑު އެހުންތައް ފަށާނެ ތާރީހެއް އަދި ނޭނގެ އެވެ.