ވިޔަފާރި

ޓޫރިޒަމް އިންވެސްޓްމަންޓް މެނޭޖު ކުރުމުގެ ހުއްދަ މޯޓީޒާ ކެޕިޓަލް އަށް

May 29, 2018

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތައް މެނޭޖުކޮށް ލަފާދިނުމުގެ ދިނުމުގެ ހުއްދަ، ކެޕިޓަލް މާކެޓް ޑިވްލޮޕްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (ސީއެމްޑީއޭ) އިން، މޯޓީޒާ ކެޕިޓަލް ކުންފުންޏަށް ދީފި އެވެ.

ޓޫރިޒަމް ދާއިރާގެ ފަންޑު މެނޭޖު ކުރުމާއި ލަފާ ދިނުމުގެ ހުއްދަ ލިބުނު ފުރަތަމަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގާލީ މުރުތަލާ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ސިނާއަތުގެ ގޮތުގައި އޮތްނަމަވެސް މި ދާއިރާގައި އިންވެސްޓްމަންޓް ތަކަށް އޮތް ފުރުސަތުތައް މަދު ކަމަށެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް ޕާފޯމް ކުރަމުން އަންނަ އެއް ހޮޓެލް މާކެޓް ކަމުގައި ވިއަސް ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި އިންވެސްޓަރުންނަށް ބައިވެރިވުމުގެ ފުރުސަތު ވަރަށް މަދު. އަޅުގަނޑުމެންގެ އަމާޒަކީ އިންވެސްޓްމަންޓް ފަންޑު ފަދަ ގިނަ ފަރާތްތަކެއް ގުޅިގެން އިންވެސްޓްކުރެވޭ ނިޒާމުތަކުގެ އެހީގައި މި މާކެޓަށް އިންވެސްޓް ކުރުމަށް އެ ފުރުސަތު ހުޅުވައިލުން،" ގާލީ ވިދާޅުވި އެވެ.

މޯޓީޒާ ކެޕިޓަލްއަށް ޓޫރިޒަމް އިންވެސްޓްމަންޓް ފަންޑު މެނޭޖުކުރާ ކުންފުންޏެއްގެ ގޮތުގައި ލައިސަންސް ދިންއިރު، މިއީ ރާއްޖޭގައި ފަންޑު މެނޭޖުކުރުމުގެ ލައިސަންސް ލިބުނު ދެވަނަ ކުންފުންޏެވެ.

މޯޓީޒާ ކުންފުންޏަކީ ޓޫރިޒަމް ސިނާއަތާއި ބޭންކިން އަދި ރިއަލްއެސްޓޭޓް ދާއިރާގައި ފުންނާބުއުސް ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާހިރުން ހިމެނޭ ކުންފުންޏެވެ. މޯޓީޒާއަށް ލައިސަންސް ދިނުމާއެކު އަމިއްލަ ފަރުދުންނާއި މުވައްސަސާތައް އަދި ބޭންކްތަކަށް
އިންވެސްޓްމަންޓް ފަންޑުތައް ފަރުމާކޮށް ހިންގުމުގެ ހުއްދަ އެ ކުންފުންޏަށް ވަނީ ލިބިފަ އެވެ.

މޯޓީޒާ ކެޕިޓަލްއަކީ 2015 ވަނަ އަހަރު އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަގުސަދަކީ ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށް އިންވެސްޓްމަންޓް އެޑްވައިޒަރީ އަދި މެނޭޖުމަންޓް ހިދުމަތް ދިނުމެވެ.