ހަބަރު

ނަޝީދާއި އަލީ ވަހީދު ހިމަނައިގެން މަޝްވަރާކުރަން އެމްޑީޕީ އިން ފާސްކޮށްފި

May 24, 2015
1

ޖަލަށް ލާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ހިމަނައިގެން ސަރުކާރާ އެކު މަޝްވަރާ ކުރަން އެމްޑީޕީ އިން ނިންމައިފި އެވެ.

މިއަދު ސޯލްޓް ރެސްޓޯރަންޓްގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައިވާ ގޮތުގައި ސިޔާސީ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރާ އެކު އެމްޑީޕީގެ ފަރާތުން މަޝްވަރާ ކުރާނެ ބޭފުޅުންނަކީ؛ އެ ޕާޓީގެ ރައީސް ނަޝީދާއި ޗެއާޕާސަން އަލީ ވަހީދުގެ އިތުރުން ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ހުށަހަޅުއްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ތާއީދު ކުރެއްވި އެ ގަރާރު ފާސްވީ ގައުމީ މަޖިލީހަށް ހާޒިރުވި 47 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ގަރާރު ހުށަހަޅުއްވައި ދެއްވަމުން ނިޔާޒު ވިދާޅުވީ ސިޔާސީ ކަމެއްގައި ހައްލު ހޯދުމަށް ނަޝީދާއި އަލީ ވަހީދު ނުލައި މަޝްވަރާއެއް ބޭއްވޭނެ ކަމަށް އެ ޕާޓީ އިން ނުދެކޭ ކަމަށެވެ. އަދި ސިޔާސީ މައްސަލަތަކަށް ހައްލު ހޯދޭނެ ހަމައެކަނި ބޭފުޅުންނަކީ އަލީ ވަހީދާއި ނަޝީދު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިބޭފުޅުންނަށް ނޫން ގޮތަކަށް މަޝްވަރާއެއް ކޮށް ކަމަކަށް ހައްލުތަކެއް ހޯދޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ނިޔާޒު ވިދާޅުވި އެވެ.

 

 

ގަރާރަށް ތާއީދު ކުރެއްވި އީވާ ވިދާޅުވީ، މަޝްވަރާތަކުގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނަން ޖެހޭނީ ރައީސް ނަޝީދާއި އެހެން ވެސް ސިޔާސީ ކުށްވެރިން ދޫކޮށްލުމުގެ މައްސަލަ ކަމަށެވެ. އަދި މަޝްވަރާ ކުރެވޭނެ މާހައުލެއް އެކުލަވާލުމަށް ސިޔާސީ ކުށްވެރިން ދޫކޮށްލުމާ މެދު އެންމެ ފުރަތަމަ މަޝްވަރާ ކުރުމަށް އީވާ ގޮވާލެއްވި އެވެ. އަދި އީވާ ވެސް ވިދާޅުވީ އެމްޑީޕީގެ އިސް ލީޑަޝިޕް ފިޔަވައި އެހެން ބަޔަކަށް ސިޔާސީ ކަންކަން ހައްލު ކުރުމަށް އެ ޕާޓީގެ ފަރާތުން މަޝްވަރާ ނުކުރެވޭނެ ކަމަށެވެ. 

ޑީއާރުޕީގެ ކުރީގެ ލީޑަރު ތަސްމީން އަލީ އާއި މަޖިލީހުގެ ކުރީގެ މެންބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވީ އެންމެ ފުރަތަމަ މަޝްވަރާ ކުރަން ޖެހޭނީ އެ ބޭފުޅުން ދޫކޮށްލުމާ މެދުގައި ކަމަށެވެ. އަދި އެކަމަށް ހައްލެއް ނައިސް މަޝްވަރާތަކުން ނަތީޖާއެއް ނިކުތުން ދުރު ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީއާ މަޝްވަރާ ކުރުމަށް ހުށަހަޅާފައިވަނީ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަމީން އެވެ. އެ ޓީމާ މެދު ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ މާ ބޮޑު ކަންބޮޑުވުމެއް ނެތެވެ. ނަމަވެސް އުމަރު ނަސީރު ހަރުކަށިކަން އިސްކުރައްވާ ކަމަށް ބުނެ ބައެއް ބޭފުޅުން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އަދާލަތު ޕާޓީ އިން ނިންމާފައި ވަނީ ބަންދުކޮށްފައިވާ އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމަނައިގެންނެވެ. އަދި ޝަރުތަކާ ނުލައި މަޝްވަރާ ކުރަން އެއްބަސްވެ ޖޭޕީ އިން ހުށަހަޅާފައި ވަނީ އެ ޕާޓީގެ ލީޑަރު އަމީން އިބްރާހިމް އާއި ކިބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ކަޑިތީމު ދާއިރާގެ މުހައްމަދު ހުސެއިންނެވެ.