ހަބަރު

ގައިދީން ޕްރޮމޯޓް ނުކުރަން ބްރޮޑްކޮމް އިން ވެސް އިންޒާރު ދީފި

May 29, 2018
7

ޝަރުއީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި، ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންގެ އިންޓަވިއުތަކާއި ބަޔާންތައް ބްރޯޑްކާސްޓްނުކުރުމަށާއި އެކަން ކުރާ ސްޓޭޝަންތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު، ބްރޯޑްކާސްޓިން ކޮމިޝަން، ބްރޮޑްކޮމް އިން އެންމެހާ ޓީވީސްޓޭޝަންތަކަށާއި ރޭޑިއޯތަކަށް މިއަދު ދީފި އެވެ.

ހުރިހާ ޓީވީ ސްޓޭޝަންތާކާއި ރޭޑިއޯތަކަށް ބްރޮޑްކޮމް އިން މިއަދު ފޮނުވި ސާކިއުލާގައި ބުނީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން، ސިޔާސީ ޕާޓީއާއި، ޖަމްއިއްޔާތަކަށް އާންމު މެންބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި އެތަންތަނުން ހިންގާ އެހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު، ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލު ބަންދުގައި ހުންނަ މުއްދަތުގައި ލިބިގެން ނުވާ ކަމަށެވެ. އަދި ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތްތަކާ ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހޯދައި އެ މައުލޫމާތު ބޭނުން ކުރަން ވާނީ ޕެރޯލްގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ސާކިއުލާގައިވެ އެވެ.

އެހެން ނަމަވެސް ބައެއް، ސިޔާސީ ޕާޓީތަކުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ގައިދީން ޕްރޮމޯޓްކޮށް ކުރިއަށް ނެރެ އެ މީހުންގެ ޝަހުސު އޮޅޭ ފަދަ މައުލޫމާތުތައް ފަތުރަމުންދާ ކަމުގެ ކަންބޮޑުވުން ކަމާ ގުޅޭ ފަރާތްތަކުން އެ ކޮމިޝަނަށް ވެސް ހިއްސާކޮށްފައިވާ ކަމަށް ސާކިއުލާގައިވެ އެވެ. އަދި މިއީ ގާނޫނާއި ގަވާއިދާ ހިލާފު ކަންތައްތަކެއް ކަމަށާއި މިފަދަ ކޮންޓެންޓް ނުފޮނުވުމަށް އަންގާ ކަމަށް ވެސް ބްރޮޑްކާސްޓިން ކޮމިޝަނުން ސާކިއުލާގައި ވަނީ ބުނެފަ އެވެ.

"ގާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) އާއި ގާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ގާނޫނު) އާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ބްރޯޑްކާސްޓްކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އަންގަމެވެ،" ސާކިއުލާގައިވެ އެވެ. އަދި ބުނީ، ގާނޫނާއި ގަވާއިދާ ތައާރުޒުވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފިނަމަ، އެފަދަ ކޮންޓެންޓް ގެނެސްދޭ ފަރާތްތަކާމެދު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފިޔަވަޅު އަޅާނެކަމަށެވެ.

ހޯމް މިނިސްޓްރީ އިން ވެސް މިއަދު ބަޔާނެއް ނެރެ ބުނެފައި ވަނީ، ގައިދީން ޕްރޮމޯޓްވާ ގޮތަށް ހަބަރުތައް ފަތުރާ މީޑިއާގެ ވަސީލަތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެފަދަ ކޮންޓެންޓް ނޫސްތަކާއި އެހެން ވެސް މީޑިއާގެ ވަސީލަތްތަކުގައި ނުހިމެނުމަށް އަންގާ ކަމަށެވެ.

ހޯމް މިނިސްޓްރީ އާއި ބްރޮޑްކޮމް އިން މީޑިއާތަކަށް މި ގޮތަށް އިންޒާރު ކުރި އިރު، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، "ޖަޒީރާ ރައީސް"ގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕޭނެއް ހިންގަމުން އެވެ. ގައިދީން ބައިވެރިކޮށްގެން ސިޔާސީ ކެމްޕެއިން ނުހިންގުމަށާއި ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.