ހަބަރު

ގައިދީންގެ އިންޓަވިއު ނުގެންނަން އެންގުމުން ކޯޓަށް

ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންގެ ބަޔާންތަކާއި އިންޓަވިއުތައް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އެންގި މައްސަލާގައި ރާއްޖެޓީވީ ކޯޓަށް ދާން ނިންމައިފި އެވެ. އެ ސްޓޭޝަނުން ކޯޓަށް މައްސަލަ ހުށަހަޅަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނެރުނު ސާކިއުލާ ބާތިލުކުރުމަށެވެ.

އިއްޔެ ހޯމް މިނިސްޓްރީންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ގައިދީން ޕްރޮމޯޓްކޮށް ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެކަމާ ގުޅިގެން ރާއްޖެޓީވީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުގެ އެންގުމަކީ ގާނޫނާ ހިލާފު އެންގުމެއް ކަމަށެވެ. އެންގުމަކީ މީޑިއާތަކަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. އެ ކޮމިޝަނަށް ލިބިފައިވާ ގާނޫނީ ބާރުގެ ބޭނުން ނާޖައިޒު ގޮތުގައި ހިފަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ.

ބަޔާނުގައި ކޮމިޝަނުން ހަވާލާދީފައިވާ ގަވައިދުގައިވާ ގޮތުން ވެސް ގައިދީއެއްގެ ބަޔާނެއް ނުވަތަ އިންޓަވިއު ގެނެސްގެން ބްރޯޑްކާސްޓަރުން ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ރާއްޖެޓީވީއިން ފާހަގަކުރި އެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގައި ވެސް އެފަދަ ކޮންޓެންޓެއް ގެނައުމަށް މަނާކޮށްފައިނުވާކަން ރާއްޖެޓީވީގެ ބަޔާނުގައި ފާހަގަކުރި އެވެ.

"މިކަންކަން މިހާ ސަރީހަކޮށް އެނގެން އޮތްވާ ކޮމިޝަނުގެ ދެ މެންބަރަކު އިސްވެ ތިއްބަވައިގެން ބައެއް މެންބަރުން މާލޭގައި ނުވެސް ނެތި މިފަދަ ނުރައްކާތެރި ސާކިއުލާއެއް ނެރުމަކީ މިހާރު ވެސް އެ ކޮމިޝަނުން ހަނިކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އިތުރަށް ހަނިވެގެންދިޔަ ކަމެއް،" ރާއްޖެޓީވީއިން ބުންޏެވެ.

ހޯމް މިނިސްޓްރީ އާއި ބްރޮޑްކޮމް އިން މީޑިއާތަކަށް މި ގޮތަށް އިންޒާރު ކުރި އިރު، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި މުހައްމަދު ނަޝީދު ގެންދަވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، "ޖަޒީރާ ރައީސް"ގެ ނަމުގައި މުޅި ރާއްޖޭގައި ކެމްޕޭނެއް ވަނީ ހިންގާފަ އެވެ. ގައިދީން ބައިވެރިކޮށްގެން ސިޔާސީ ކެމްޕެއިން ނުހިންގުމަށާއި ރިޔާސީ ޕްރައިމަރީ ނުބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެމްޑީޕީއަށް އަންގައިފަ އެވެ.