ހަބަރު

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓް ފޮށިތައް ފުލުހުން ގެންގޮސްފި

May 30, 2018
24

އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވުގެ ގޮތުން ފުލުހުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލާ މަރުކަޒުތަކަށް ފުލުހުން ވަދެ ވޯޓު ފޮށިތައް ގެންގޮސްފި އެވެ.

އެމްޑީޕީގެ ޕްރައިމަރީ މިއަދު މެންދުރު 2:00 ހާއިރު ފެށައިގެން ކުރިޔަށް ދިޔަ އިރު އިލެކްޝަން ކޮމިޝަންގެ އެދުމަކަށް ސިވިލް ކޯޓުން ވަނީ އެ އިންތިހާބު ހުއްޓުވުމަށް ފުލުހުންގެ މައްޗައް އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން މިއަދު ހަވީރު 3:30 ހާއިރު ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި ވޯޓުލާ މަރުކަޒުތަކަށް ވަދެ ޕްރައިމަރީއަށް ހުރަސް އަޅައިފަ އެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ފޮށިތަކާއި ވޯޓު ކަރުދާސްތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. މާލޭގައި ވޯޓްލާ ތަންތަނުގެ އިތުރަށް، ރަށްރަށުގައި ވެސް ފުލުހުން ވަނީ ނިކުމެ އެމްޑީޕީ ޕްރައިމަރީގެ ވޯޓްފޮށިތައް ގެންގޮސްފަ އެވެ. ރަށްރަށުގައި ކޮންމެވެސް ވަރަކަށް ފުލުހުންނާއި އާންމުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ.

މި ކަންތައްތަކުގެ ތެރޭގައި އަދި މީހަކު ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ.

އެކަމާ ގުޅޭ ގޮތުން މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުަވީ ޕްރައިމަރީ ހުއްޓުވަން ސިވިލް ކޯޓްގެ އަމުރަކާ އެކު ފުލުހުންނަށް ނާދެވޭނެ ކަމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް ވޯޓުލާ ތަނަށް ވަނުމުގެ ހުއްދަ ވެސް ނެތި ފުލުހުން އެމްޑީޕީގެ ވޯޓްލާ ތަންތަނަށް ވަދެގަތީ ކަމަށާއި މިއީ ކުރެވޭނެ ކަމެއް ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ބައެއްގެ މުދާ ހިފަހައްޓާ ނަމަ އެކަމަށް ވެސް ކޯޓް އަމުރު އޮންނަން ވާނެ ކަމަށާއި ނަމަވެސް އެކަން ފުލުހުން ކޮށްފައި ނުވާ ކަމަށް މާރިޔާ ވިދާޅިވި އެވެ.

އެހެން ނަމަވެސް މިބޭފުޅުން [ފުލުހުން] އެއްވެސް ވަރަކަށް އުސޫލެއް ނެތި އަމަލުކުރަމުން މިދަނީ, ދެން އެބޭފުޅުން މިގޮތަށް އުސޫލެއް ނެތި އަމަލުތައް ކުރަންޔާ ކިހިނެތްތޯ އަޅުގަނޑުމެން މިކަންކަން ކުރާނީ. ތަންތަނަށް ވަދެ މުދާ ހިފެހެއްޓުމުގެ އަމުރެއް އެބޭފުޅުންގެ ނެތް. ހިތައް އެރި ގޮތަކަށް ފުލުހުން އަމަލު ކުރައްވަނީ,
މާރިޔާ އަހުމަދު ދީދީ

ފުލުހުން ވޯޓު ފޮށިތައް ގެންދިޔަ ނަމަވެސް ޕްރައިމަރީގައި އޮންލައިންކޮށް ވެސް ވޯޓްލެވޭނެ ކަމަށް އިއުލާން ކުރި ނަމަވެސް ފަހުން ވަނީ އެކަން ކެންސަލްކޮށްފަ އެވެ. އަދި ވޯޓުލުމަށް އަނެއްކާ ވެސް ވޯޓް ފޮށިތައް ކައިރިއަށް ދިޔުމަށް އެ ޕާޓީ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ކަރުދާހުގައި ވޯޓްލައިގެން ނޫން ގޮތަކަށްލާ ވޯޓް ނުގުނާނެ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. ރާއްޖޭގެ އިތުރަށް ސްރީލަންކާގެ ދެ ސަރަހައްދަކާއި އިންޑިއާ އަދި މެލޭޝިޔާގައި ވެސް މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދެ އެވެ.

ޕްރައިމަރީއާ ގުޅޭ ގޮތުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ދެއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޕްރައިމަރީ ހުއްޓުވަނީ ކޯޓް އަމުރަކުން ކަމަށާއި މާލެ އާއި އަތޮޅުތަކު ތެރޭ އެއްވެސް ރަށެއްގައި ޕްރައިމަރީ ބާއްވާނަމަ އެކަން ހުއްޓުވާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅާ ހުރިހާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. އަދި ވަކި ކަމެއް ކުރުމުގެ ބަހަނާގައި ގާނޫނާ ހިލާފު ކަންކަން ހިންގަން ފުލުހުންގެ އިދާރާއިން ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އެމްޑީޕީގެ ލީގަލް ކައުންސެލާ ހިސާން ހުސެއިން ވިދާޅުވީ، ސިވިލް ކޯޓުން އަމުރުނެފައި އޮތީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ ކިޔާ ޕާޓީއެއްގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ކަމަށާއި ނަމަވެސް އެމްޑީޕީއަށް ކިޔަނީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ ކަމަށެވެ. އަދި އިލެކްޝަންސް ދަފުތަރުގައި ވެސް އޮންނާނީ އެގޮތަށް ކަމަށް ހިސާން ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ވުޖޫދުގައި ނެތް ޕާޓީއެއްގެ ޕްރައިމަރީ ހުއްޓުވަން އަމުރު ނެރުނަސް އެކަމަށް ފުލުހުން ތަބާވާން ނުޖެހޭ ކަމަށެވެ. އަދި އަމުރު އޮތްގޮތުން އެއްވެސް ތަނެއްގައި ހުންނަ އެއްޗެއް ފުލުހުންނަށް ނުގެންދެވޭނެ ކަމަށް ހިސާން ވިދާޅުވި އެވެ.

"ކޯޓް އަމުރުގައި އޮންނަނީ ފުރަތަމަ ޕްރައިމަރީ ހުއްޓުވަން އަންގަން. އެކަމަކު ފުލުހުން އެފަދަ އެންގުމެއް ނާނގާ. ނާނގާ ތިބެފައި ކުއްލި އަކަށް އައިސް ވޯޓްފޮށިތައް މި ގެންދަނީ. މިއީ ފުލުހުންނަށް ކުރެވޭނެ ކަމެއްނޫން. ޕްރައިމަރީ ހުއްޓުވޭނެ ވޯޓް ފޮށި ނުގެންގޮސް. އެކަމަކު އެއްޗިހިތައް ނަގައިގެން މި ގެންދަނީ،" ހިސާން ވިދާޅުވި އެވެ.

އެމްޑީޕީ އިން ބުނީ ވޯޓް ފޮށިތައް ގެންދިޔަ ނަމަވެސް، އިންތިހާބުގައި ވޯޓުލުން އަނެއްކާ ވެސް ފަށާފައިވާ ކަމަށެވެ. އަދި ވޯޓުލުން މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ދާނެ ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ.