ހަބަރު

އެމްޑީޕީ ޕްރައިމަރީ ކަވަރު ކުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނަން: ފުލުހުން

އެމްޑީޕީ އިން ކުރިޔަށް ގެންދާ ޕްރައިމަރީ ކަވަރު ކުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއެއް ނުބޭއްވުމަށާއި ޕްރައިމަރީ ހުއްޓުވުމަށް ފުލުހުންނަށާއި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ސިވިލް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި އެ އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް މާލެ އާއި އަތޮޅުތަކު ތެރޭގައި ކުރިޔަށްދާ ކަމަށެވެ.

އޭގެ އިތުރުން ގާނޫނާ ހިލާފަށް އަމަލުތައް ހިންގާތީ ފުލުހުންނަށް ހުރަސްއަޅާ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށާއި އެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ތަރަހައިގެ ތެރެއިން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޝިފާން ވިދާޅުވީ އެ އަމުރުގައި މަނާކޮށްފައިވާ ކޮންޓެންޓުތަކެއް ބައެއް ޓީވީތަކާއި ތަފާތު މީޑިއާތަކުން ކަވަރު ކުރަމުންދާ ކަމަށާއި އެކަން ނުކުރުމަށް ޓީވީތަކަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުހުއްޓާ އެފަދަ ކޮންޓެންޓުތައް ބްރޯޑްކާސްޓު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޝިފާން ވިދާޅުވި އެވެ.

"ފުލުހުންނަކީ ރާއްޖޭގެ އަމާންކަމާއި މަސްލަހަތު ބަލަހައްޓަން ގާނޫނީ ގޮތުން އުފެދިފައިވާ އެންމެ ބޮޑު މުއައްސަސާ ކަމުގައި ވީހިނދު މިކަންކަން މި ގޮތަށް ނުކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަން އަދި ފުލުހުންގެ އަމިއްލަ ހައިސިއްޔަތުން ބައެއް ޓީވީ ސްޓޭޝަންތަކަށް މިހަރުވެސް އަންގައިފިން، މިފަދަ ކަންކަން މި ހިސާބުން ވެސް ހައްލު ނުވެއްޖެ ނަމަ ފުލުހުންނަށް ފިޔަވަޅު އަޅަައި އަމާންކަމާ މަސްލަހަތު ހިފަހައްޓަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން،" ޝިފާން ވިދާޅުވި އެވެ.

މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ އިރު، ފުލުހުން ވަނީ ރާއްޖެ ޓީވީ ތެރެއަށް ވަނުމަށް ފަހު ބްރޯޑްކާސްޓިން ހުއްޓާލުމަށް އަންގައިފަ އެވެ. ނަމަވެސް ބްރޯޑްކާސްޓު ކުރުން އަދިވެސް ކުރިޔަށް އެބަދެ އެވެ.

އެމްޑީޕިގެ ޕްރައިމަރީ ހުއްޓުވުމަށް ފުލުހުން ވަނީ ވޯޓު ފޮށިތައް ހުރި ސަރަހައްދުތަކަށް ގޮސް ހުރިހާ ފޮއްޓަކާއި ވޯޓު ކަރުދާސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.