ދުނިޔެ

ޖިންސީ ފުރައްސާރަ ހުއްޓުވަން ސައުދީން ހަރުކަށި ގާނޫނެއް ހަދަނީ

ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވަން ހަރުކަށި އާ ގާނޫނެއް ތައާރަފްކުރަން ސައުދީ އަރަބިއްޔާގެ ކެބިނެޓުން އިއްޔެގައި ނިންމައިފި އެވެ. އެ ނިންމުން ގާނޫނަކަށް ވާނީ އެ ގައުުމުގެ ރަސްގެފާނު ސަލްމާން ބިން އަބުދުލް އަޒީރު އަލް ސައުދު އެކަން ކަނޑައަޅުއްވައި ޝާހީ ގަރާރެއް ނެރުއްވުމުންނެވެ.

ސައުދީ ކެބިނެޓުން އިއްޔެ ނިންމީ ޖިންސީ ފުރައްސާރަކުރާ މީހުންނަށް ދިގު ވެގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި 300000 ރިޔާލަ (80000 ޑޮލަރު) އިން ޖޫރިމަނާ ކުރުމަށެވެ. ކެބިނެޓުން ނިންމާފައިވާ ގޮތަށް އެ ގާނޫނު ހަދަން ސައުދީ ޝޫރާ ކައުންސިލުން ވެސް މިހާރު ވަނީ ފާސް ކޮށްފަ އެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އާ ގާނޫނުގެ ބޭނުމަކީ ޖިންސީ ފުރައްސާރަ ކުރުން ހުއްޓުވުމާއި އެފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވާ މީހުނަށް ހިމާޔަތް ދިނުން ކަމަށެވެ. މީހުންގެ ޒާތީ ދިރިއުޅުން ހިމާޔަތް ކޮށްދިނުމާއި ޝަރަފު ރައްކާތެރި ކޮށްދިނުމަކީ ވެސް ގާނޫނުގެ ބޭނުމެއް ކަމަށް ޝޫރާ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެން ގިނަ ގައުމުތަކެކޭ އެއް ފަދައިން ސައުދީގައި ވެސް ޖިންސީ ފުރައްސާރަކުރުމުގެ ކުށްތައް ގިނައިން ރިޕޯޓް ކުރެއެވެ. އެކުށުގެ ޝިިކާރައަކަށް ގިނައިން ވަނީ މަސައްކަތް ކުރުމަށް އެހެން ގައުމުތަކުން ގޮސް ތިބޭ އަންހެނުންނަށެވެ.