ހަބަރު

އިންޑިޔާއަށް އިއްޔެ އައި "ހީޓް ވޭވް" ގައި ވެސް ގިނަބަޔަކު މަރުވެއްޖެ

May 24, 2015

މިދިއަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ ޓެލަންގާނާ އާއި އަންދަރަ ޕްރަދޭޝްއިން ހޫނުގަދަވެގެން މަރުވި މީހުންގެ އަދަދު 128 މީހުނަށް  އަރައިފި އެވެ.  އިއްޔެ އައި ހީޓް ވޭވްގައި އެކަނިވެސް އަންދްރަޕްރަދޭޝްއިން 15 މީހުން މަރުވި އެވެ.

ވެރިރަށް ދިއްލީގައި ގާއިމުކޮށްފައިވާ އާލާތްތަކުން ރެކޯޑްކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު ހޮނިހިރު ދުވަހު އެ ސިޓީގެ ފިނިހޫނުމިން ހުރީ 44.5 ޑިގްރީ ސެލްސިއަސް ގައެވެ. މިއީ އާއްމުކޮށް އެ ސިޓީގެ ފިނިހޫނުމިން ހުންނަ މިންވަރަށްވުރެ 5 ޑިގްރީ ސެލްސިއަސް މަތީ މިންވަރެކެވެ.

އިއްޔެ އައި ހީޓްވޭވްގެ އަސަރު ކުރި ސަރަހައްދުތަކުގެ ތެރޭގައި ރާޖަސްތާނާއި މަދްޔާ ޕްރަދޭޝް އާއި މަހާރާޝްތްރާ، އޮޑީޝާ، ހުޅަނގު ބެންގާލް، އުއްތަރުޕްރަދޭޝް، ޗައްޓީސްގަޅު އަދި ކަރްނާޓަކާ ހިމެނެއެވެ. މީގެ ތެރެއިން އެންމެ ހޫނު ގަދަވީ ރާޖަސްތާނަށެވެ. އަ ސަރަޙައްދުގެ ފިނިހޫނުމިން 46.5 ޑިގްރީ ސެލްސިއަސް އަށް އެރި ކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ހޫނު ގަދަވީ ދުވަހު، 1991 މެއި 19 ވަނަ ދުވަހު ކައްދޫ މީޓީއޮރޮލޮޖިކަލް ސެންޓަރަށް ރެކޯޑް ކުރެވިފައިވަނީ 36.8 ޑިގްރީ ސެލްސިއަސްއެވެ. އިންޑިޔާއަށް މި ކުރިމަތިވީ ހޫނަކީ އެއަށްވުރެ 10 ޑިގްރީ ސެލްސިއަސް މަތީ މިންވަރެއްގެ ހޫނެވެ.