ހަބަރު

އެމްޑީޕީގެ ރައީސްގެ ގޮތުގައި މިހާރު ނަޝީދާ މުއާމަލާތެއް ނުކުރަން: އީސީ

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން، އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެއްވެސް މުއާމަލާތެއް ކުރީގެ ރައީސް މުހަމަދު ނަޝީދާ ނުކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުނަށް ގެނައި އިސްލާހުގެ ދަށުން، ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ ލީޑަޝިޕްގެ މަގާމެއް ނުފުރޭނެ އެވެ.

އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަމް މިއަދު ވިދާޅުވީ، ކޮމިޝަނަކީ ގާނޫނުތައް ތަންފީޒު ކުރަން ތިބޭ ބައެއް ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރާނީ ގާނޫނުތަކާ އެއްގޮތަށް ކޮމިޝަނަށް ލާޒިމްކޮށްފައިވާ ކަންކަން ތަންފީޒު ކުރަން ކަމަށެވެ. ހަމަ އެގޮތަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކޮށް އަމަލު ކުރަން ފެށުމާ އެކު އެމްޑީޕީގެ ރައީސްއަކީ ނަޝީދު ކަމަށް ކޮމިޝަނުން ނުދެކޭ ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

"އެ އިސްލާހު ތަސްދީގު ކުރުމާ އެކު އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކުރަން ޖެހޭ އެއްވެސް މުއާމަލާތެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަކާ އެކު ކޮމިޝަނަކުން ނުކުރޭ. ގާނޫނާ އެއްގޮތަށް ކޮމިޝަނުން ދެކެނީ އެއީ އެ ޕާޓީގެ ރައީސް ނޫން ކަމަށް،" އަކުރަމް ވިދާޅުވި އެވެ.

ކޮމިޝަނުން އެހެން ބުނި ނަމަވެސް އެމްޑީޕީ އިން އަދިވެސް ބުނަމުން ދަނީ އެ ޕާޓީގެ ރައީސް އަކީ ނަޝީދު ކަމަށެވެ. އަދި އެކަން ގާނޫނަށް ގެނައި އިސްލާހުން ބަދަލު ނުކުރެވޭނެ ކަމަށް ބުނެ އެ ޕާޓީ އިން އަންނަނީ ޗެލެންޖް ކުރަމުންނެވެ.

އަކްރަމް ވިދާޅުވީ، ކޮންމެ ޕާޓީއަކުން ވެސް އަމަލު ކުރަން ޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން ކަމަށް ކޮމިޝަނުން ގަބޫލު ކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޕެރޯލްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ކޮމިޝަނުން އެ ޕާޓީއަށް އެއްޗެއް އަންގާފައި ނުވާނެ ކަމަށެވެ. ކޮމިޝަންގެ ޒިންމާ އަކީ އަކްރަމް ވިދާޅުވި ގޮތުގައި ކޮންމެ ހަމަހަކުން އެއް ފަހަރު ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ މައުލޫމާތު އޮޅުން ފިލުވުމެވެ. އަދި އެ މައުލޫމާތު އޮޅުން ފިލުވާ އިރު ލީޑަޝިޕްގެ މަގާމެއްގައި ހުންނަ ބޭފުޅެއްގެ މައްސަލައެއް އުޅޭ ނަމަ އެކަން އެ ޕާޓީއެއްގެ ސަމާލުކަމަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮމިޝަންގެ މެންޑޭޓަކީ މިގޮތަށް އޮޅުން ފިލުވާ އިރު މައްސަލައެއް އުޅެންޏާ އެކަން ޕާޓީގެ ސަމާލުކަމަށް ގެންނަން. އެ ހިސާބުން ދެން އަޅުގަނޑުމެން ބަލާފައި މަގާމު ހުސްވެއްޖިއްޔާ އަންގާނީ. އަޅުގަނޑުމެންގެ ކަމެއް ނޫން ކޮންމެ ދުވަހަކު ޕާޓީގެ މަގާމުތަކުގެ ކަންކަން ބެލުމަކީ،" އަކްރަމް ވިދާޅުވި އެވެ.