މީހުން

ސެކިއުރިޓީ އިއްސޭ: އޮންލައިން ދޮރާށީގެ ފާރަވެރިޔާ

އެއީ އޮންލައިން އެކި ފޯރަމްތަކާއި އޮންލައިން ޗެޓްރޫމްތަކުގެ ފޯރި ދިވެހިންގެ ތެރޭގައި އެންމެ ގަދަވެގެން އައި ދުވަސްވަރެވެ. އޭނާ އަށް ގާތްގަނޑަކަށް 14 އަހަރެވެ.

އެކުގައި އުޅުނު ފުރާވަރުގެ އެހެން ކުދިން ފަދައިން އޭނާ ވެސް ޖެހިފައި އޮތީ މި ޗެޓްކުރުމުގެ ފޯރިގަނޑެއްގަ އެވެ. މި ފޯރިއެއް ނަގަނިކޮށް ވިލާގަނޑެއްގައި ބައްދައިގަތީ އެވެ.

އޭނާ ކޮންޓްރޯލްކުރަމުން ދިޔަ ޗެޓްރޫމަކަށް ބަޔަކު މީހުން ވަދެ މި ގްރޫޕަކާ އެކު އޭނާ ވެސް ނިކަން ރަނގަޅަށް ހޭއަރުވައިލީ އެވެ. އިންޓަނެޓްގެ ސެކިއުރިޓީ މައްސަލަތަކަށް އޭނާގެ ލޯ ހުޅުވި އެ ދިމާލަށް އޭނާގެ ޝައުގުވެރިކަން ކުއްލިއަކަށް ދަމައިގެން ދިޔަ ސަބަބަކީ މިއީ އެވެ.

މި ފެށެނީ 27 އަހަރުގެ އިސްމާއީލް ކަލީމް ނުވަތަ ސެކިއުރިޓީ އިއްސޭގެ ވާހަކަ އެވެ. އޭނާ އަކީ ނެޝެނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ސީނިއާ ސެކިއުރިޓީ އެނަލިސްޓް ނުވަތަ ހެޑް އޮފް ޑިޕާޓްމަންޓެވެ.

އޭނާގެ ހުރިހާ ވާހަކައެއް ކިޔައިދެވޭ ވަރަށް ވުރެ ސަލާމަތީ ފިޔަވަޅުތައް މާ ވަރުގަދަ އެވެ. އެހެންވީމަ ޓެކްނިކަލް ހުރިހާ ވާހަކަތަކަކަށް ނުގޮސް މި ހުރިހައި ކަމެއްގެ ތެރެއަށް އޭނާ ދަމައިގެން ދިޔަ ހިސާބުން ފަށައިގަންނަމާ ހިނގާށެވެ.

"އަޅުގަނޑު ޗެޓްކުރަން ގެންގުޅު ގްރޫޕެއް ބަޔަކު މީހުން ހެކުކޮށްލި ހިސާބުން ބޭނުންވެއްޖެ މިވާ ގޮތެއް ދަސްކުރަން. އޭރު އަޅުގަނޑުގެ ބޭބެ ގެނެސްދިން ހެކިން ޓޫލްތަކެއް ކޮމްޕިއުޓަރަށް އަޅައިގެން މި އެއްޗެއްސާ ވެސް ކޮންމެވެސް ވަރަކަށް ކުޅެމުން އަޅުގަނޑު ގެންދިޔައީ،" އިންޓަނެޓް ސެކިއުރިޓީ ފައްކާވުމަށް ފެށި ދަތުރުގެ އެންމެ ކުރިން އިއްސޭ ފަށައިގަތެވެ.

ކޮންމެއަކަސް ޗެޓް ގްރޫޕު ހިފި މީހުންނާ ދެކޮޅަށް ހަމަލާ ދީ އެމީހުންގެ ކިބައިން ދިފާއުވާނޭ ގޮތް ދަސްކުރުމަށް ނުކުތް ކުޑަކުޑަ އިއްސޭގެ ބޮލަށް އިންޓަނެޓް ސެކިއުރިޓީގެ ޖާދޫ ފޭބި ހިސާބުން ޗެޓްކުރަން އޭނާ ފޫހިވެ، ކުރިން އެކަމަށް ދިން ހުރިހައި ވަގުތެއް އިންޓަނެޓް ސެކިއުރިޓީއާ ބެހޭ މައުލޫމާތު ދަސްކުރުމަށް ހުސްކުރަން ފެށިއްޖެ އެވެ.

"ވީގޮތަކީ ޗެޓްކުރަން އޭރު ދިން ވަގުތު ފަހުން ބަދަލުވީ އޮންލައިން ސެކިއުރިޓީ ދަސްކޮށް އެ ދާއިރާ އިން އިތުރަށް ވަރުގަދަވާން. ބޭނުންވީ އެހެން މީހުންގެ ނުރައްކަލުން ދިފާއުވާނެ ގޮތާއި އެ ނިޒާމު އިތުރަށް ވަރުގަދަކުރާނެ ގޮތް ދަސްކުރަން. ދެން އެންމެފަހުން ގޮސް ޗެޓްކުރާ ހިތް ވެސް ކެނޑިއްޖެ."

ފޮތުން ކިޔަވަން މާ ބޮޑު ޝައުގުވެރިކަމެއް ނެތް އިއްސޭ ދެން ދުއްވައިގަތީ އިންޓަނެޓް ސެކިއުރިޓީއާ ބެހޭ ގޮތުން ދަސްކުރެވެން ހުރި ހުރިހާ އެއްޗެއް އަމިއްލަ އަށް ދަސްކުރުމަށެވެ.

"ދުވަހަކުވެސް ފޮތުގައި އޮންނަ އެއްޗެއް ހިތު ދަސްކޮށްގެން ކިޔަވާ ހިތްވި މީހެއް ނޫން އަޅުގަނޑަކީ. އަޅުގަނޑު ގަބޫލެއް ނުކުރަން ފޮތުން ކިޔަވައިގެން މީހާ ދާން ބޭނުންވާ ދާއިރާއިން ކުރިއަރައިގެން ދެވިދާނެ ކަމަކަށް. އެންމެ ކުޑައިރު ވެސް އަޅުގަނޑު ގަބޫލުކުރި ގޮތަކީ އެއީ،" އިއްސޭ ބުނީ މިހެންނެވެ.

މި ފިޔަވަޅު މަތިން ގޮސް އޭނާ ދެން ބައްދަލުކުރީ އިންޓަނެޓް ކޮށައި މަށައި ތޮރުފުމުގައި އަރާ ތިބި މީހުންނާ އެވެ. އިއްސޭ ބުނީ އޭނާ ދަސްކުރި އެއްޗެއް ދަސްކުރީ އެމީހުންގެ ފަރާތުން ކަމަށެވެ.

"ސައިބަ ކްރައިމް ހިންގާ އެންމެން އުޅުނު ފޯރަމްތަކުން އަޅުގަނޑު ދަސްކުރީ. އަޅުގަނޑު ގަބޫލެއް ނުކުރަން އެ ނޫން އެހެން ގޮތަކަށް މިކަންތައް ދަސްވާނެ ކަމަކަށް ވެސް،" އިއްސޭ ކިޔައިދިނެވެ.

"މިސާލަކަށް މިހާރު ވެސް ސެކިއުރިޓީ ކޯސްތައް ފުރިހަމަކޮށްގެން އަންނަ މީހުންނަކަށް ވެސް އަސްލު ފެންވަރެއް ނުދެއްކޭ. އެއީ ހަމައެކަނި ފޮތުން ކިޔެވީމަ. އަސްލު ހެކަރުންނާ އެކު އުޅުނީމަ ދޯ ރަނގަޅަށް ދަސްވާނީ"

"އެކަމަކު އެއަށް ވުރެ ވެސް ބޮޑަށް ދަސްވާނީ ޓޮޕް ލީގުގައި އުޅުނީމަ ދޯ. އެހެންވީމަ އޭރު އަޅުގަނޑު މި ހުރިހާ އެއްޗެއް ދަސްކުރަން ދިޔައީ ސައިބާ ކްރައިމްގެ މޯސްޓް ވޯންޓެޑް ލިސްޓުގައި ތިބި މީހުންގެ ގާތަށް. އެގޮތުން އެފްބީއައިގެ ވޯންޓެޑް ލިސްޓުގައި ތިބި މީހުން ވެސް އުޅޭނެ އޭރު އަޅުގަނޑުމެންނާ އެކުގައި."

ކޮންމެއަކަސް އެއީ ވަރަށް ވެސް ކުރި އެވެ. އަދި އެ ހުރިހައި ވާހަކައެއް ކިޔައެއް ވެސް ނުދެވޭނެ އެވެ. އެކަމަކު މިހާރު މިކިޔައި ދެވުނީ އޭނާ މި ދާއިރާގެ އެންމެ އުހަށް އެރި ގޮތުގެ ހުލާސާއެކެވެ.

މިއަދު އޭނާ ބަލަހައްޓަމުން އެ ދަނީ ދިވެހި ދައުލަތުގެ އޮންލައިން ސެކިއުރިޓީ އެވެ. ހުރިހާ ޒުވާރާއަކާއި އިދާރާއެއްގެ އޮންލައިން ވިއުގަތަކުގައި ހުރި މައްސަލަތައް ބަލައި ހައްލުކޮށް ނުރައްކާތަކަށް ދިފާއު ވަރުގަދަކުރުމަކީ އޭނާގެ މިއަދުގެ ޒިންމާ އެވެ.

ނަމަވެސް 20 އަހަރު ވަންދެން އާއިލާއާ އެކު އިންޑިއާގައި ދިރިއުޅުމަށް ފަހު ކޮންމެހެން ވަޒީފާއަކަށް ދާން ޖެހޭތީ މާލެ އަށް ދިރިއުޅުން ބަދަލުކޮށް މީގެ ތިން އަހަރު ކުރިން އޭނާ އެންސީއައިޓީއާ ގުޅުނުއިރު ރާއްޖޭގެ އިދާރާތަކުގެ ސަލާމަތީ ކަންތައްތައް އޮތީ އެއްކޮށް ހާއަޅައިފަ އެވެ.

"އެހެންވެ އެންމެ ފުރަތަމަ ވެސް ކުރަން ޖެހުނު ކަމަކީ އިދާރާތަކުގެ ވެރިންގެ އިތުބާރު ހޯދައިގެން އެމީހުންގެ ވިއުގަތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން. އެގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވި ވަރަށް ގިނަ ކުރިއެރުން ލިބިފައި ހުންނާނެ،" އިއްސޭ ބުންޏެވެ.

"ނަމަވެސް އަޅުގަނޑުގެ މަސައްކަތުގެ ދާއިރާގެ ވާހަކަތަކަކީ މިގޮތަށް ކިޔައިދެވޭ ކަހަލަ ވާހަކަތަކެއް ނޫން."

އެހެންވީމަ އޭނާގެ ދުވަހުގެ ޒިންމާތަކުން ދުރަށް ޖެހިލަމާ ހިނގާށެވެ.

އިއްސޭ އަކީ އޭނާ އަށް ލިބޭ ހުސް ވަގުތުތަކުގައި ސަލާމަތީ ކަންކަމުގައި އަދި އެކި މައްސަލަތަކުގައި ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކަށް ވެސް އޭނާގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭ ފަރާތެކެވެ. އެގޮތުން މައިކްރޮސޮފްޓުން ފޯރުކޮށްދޭ އޮންލައިނ ހިދުމަތްތަކުގައި ހުންނަ މައްސަލަތައް ފާހަގަކޮށް ރިޕޯޓްކުރާ ސެކިއުރިޓީ އެނަލިސްޓަކަށްވެގެން މައިކްރޮސޮފްޓުން މިދިޔަ އަހަރު އާންމުކުރި އެމީހުންގެ ސެކިއުރިޓީ ރިސާޗާސް އެކްނޮލެޖުމެންޓް ލިސްޓުގައި ވެސް އޭނާގެ ނަން ހިމަނާފައިވެ އެވެ.

އެއީ މައިކްރޮސޮފްޓްގެ އައުޓްލުކް ހިދުމަތުގައި ހުރި މައްސަލަތަކެއް ފާހަގަކޮށްގެންނެވެ. އެމީހުންގެ ސްކައިޕް ހިދުމަތުން ވެސް އޭނާ މައްސަލަތައް ފާހަގަކޮށް ރިޕޯޓްކޮށް ރަނގަޅުކުރުވާފައި އެބަހުއްޓެވެ. މަޝްހޫރު ފޭސްބުކާއި ލިންކްޑިން ފަދަ ސޯޝަލް ނެޓްވާކްތަކުން ވެސް މައްސަލަތައް ހާވައި ހޯދައިގެން ރިޕޯޓްކޮށް އެ މައްސަލަތައް ރަނގަޅުކުރުވާފައި އެބަހުއްޓެވެ.

އިއްސޭ ބުނީ މިއީ އޭނާ އަށް ލިބޭ ހުސްވަގުތުތަކުގައި ނިކަން ކުރާ ހިތުން ކުރާ ކަމަކަށް ވިޔަސް އަސްލު ބޭނުންވާ ވަގުތު ނުލިބޭ ކަމަށެވެ.

"އަސްލު މިކަމަށް އަޅުގަނޑު ބޭނުންވާ ވަގުތެއް ހަގީގަތުގައި ނުލިބޭ. މިއީ ވަރަށް ގިނަ ވަގުތު ބޭނުންވާ ކަމެއް. މިސާލަކަށް ފޭސްބުކުން ބަގެއް ހޯދަން ވެސް މަސައްކަތްކުރަން ޖެހިދާނެ 10 ދުވަސް މުޅިން އެކަމުގައި،" އިއްސޭ ކިޔައިދިނެވެ.

"އޭރު ދެން އަމިއްލަ އަށް އެއްޗެހި ދަސްކޮށްގެން އެކި ތަންތަނުގައި ހުންނަ ވެބްސައިޓްތަކުގައި ހުންނަ އެކި މައްސަލަތައް ހޯދައިގެން އޭގެ ވެރިފަރާތްތަކަށް އަމިއްލަ އަށް ކިޔައިދޭން ފެށީ،" އިއްސޭ ބުންޏެވެ.

"ދެން ޕޮކެޓް މަނީ ވެސް ހޯދަން ފެށީ އިންޑިއާގައި އުޅެމުން މިގޮތަށް މަސައްކަތްކޮށްގެން ސެކިއުރިޓީ މައްސަލަތައް ދުނިޔޭގެ އެކި ހިސާބުތަކުގެ ވެބްސައިޓްތަކުން ހޯދައިގެން އެމީހުންނަށް ރިޕޯޓްކޮށްގެން"

"އޭރު މިސާލަކަށް މެލްވެއާ ހޯދައި ނުވަތަ ޕްރޮކްސީ ލިސްޓެއް ފޮނުވާލިޔަސް 20 ޑޮލަރު ނުވަތަ 100 ޑޮލަރު ދޭނެ ބޭރުގެ ކުންފުނިތަކުން. އެހެންވީމަ އިންޑިއާގައި އުޅުނުއިރު އަދި އޭރަށް ބަލާފައި އެ ވަރުން އަޅުގަނޑަށް އުޅެލެވޭ. ދެން ބެލީ މި މަސައްކަތުން ލިބުނު 100 ޑޮލަރު 200 ޑޮލަރަށް ބަދަލުކުރާނެ ގޮތެއް."

އޭނާ އެ ވަނީ އެކަން ވެސް ކާމިޔާބުކޮށްފަ އެވެ. ބޭރުގެ މަޝްހޫރު ކުންފުނިތަކުން ހިންގާ ބަގް ބައުންޓީ ޕްރޮގްރާމްތަކުގައި މިހާރު އާންމުކޮށް 500 ޑޮލަރާއި 3000 ޑޮލަރުގެ އަގެއް ދެ އެވެ.

ބޭރުގެ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ކުންފުނިތައް ކަމުގައިވާ ދިރާގާއި ބީއެމްއެލްގެ މައްސަލަތައް ފާހަގަކޮށް ރަނގަޅުކޮށްދީފައި އެބަހުއްޓެވެ. 

ވެބްސައިޓްތަކުގައި ހުންނަ މައްސަލަތައް ބަލައި ހޯދައި ފިޔަވަޅު އަޅާ މީހެއްގެ ރޯލު އިއްސޭ އަދާކުރާއިރު އޭނާ ވަނީ ފާއިތުވި ތިން ވަރަކަށް އަހަރު ހޭދަކޮށްގެން އޮންލައިން ބުކިން އިންޖިންއެއް ވެސް ތަރައްގީކޮށްފަ އެވެ. މިއީ މަޝްހޫރު ބުކިން އިންޖިން އަގޯޑާއާ އެއްގޮތަކަށް މަސައްކަތްކުރާ ދިވެހި ނިޒާމެކެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް އޮންލައިންކޮށް އިންގިލާބެއް ގެނެވޭ ވަރުގެ އުފެއްދުމެއްކަން ޔަގީނެވެ. 

އައިޓީގެ ދާއިރާ އިން ކުރިއަރައިގެން ގޮސް ރާއްޖޭގެ އެންމެ މޮޅު އެއް ސެކިއުރިޓީ އެނަލިސްޓްގެ މަގާމުގައި ހުރި ނަމަވެސް އޭނާ އެންމެ ފުރަތަމަ ދެކުނު ހުވަފެނަކީ މިއީއެއް ނޫނެވެ. އެންމެ ފުރަތަމަ އޭނާ ބޭނުންވީ އުދުހޭށެވެ.

"އެންމެ ކުޑައިރު އަޅުގަނޑު ޝައުގުވެރިވީ މަތިންދާބޯޓްތަކަށް. ބޭނުންވީ ފައިޓާ ޖެޓްތަކުގައި އުދުހެން. އެއީ ސްޕީޑް އާއި ޕްލޭންސް އަށް އޭރު ހިތްކީވަރުން. އެކަމަކު ރާއްޖޭގައި އެއާފޯސްއެއް ވެސް ނެތީމަ އެންމެފަހުން ޖެހުނީ އެ ހުވަފެން ދޫކޮށްލަން،" އިއްސޭ ބުނީ މިހެންނެވެ.

މިއީ އިއްސޭގެ ވާހަކަ، އަޅުގަނޑު ކަހަލަ ފިލްމާއި ވާހަކަ އަށް ޝައުގުވެރިވާ މީހަކަށް ކިޔައިދެވޭނެ ގޮތެވެ. އެކަމަކު އައިޓީ ދާއިރާގެ ތަޖުރިބާކާރަކު އިއްސޭގެ ވާހަކަ ކިޔައިދޭ ނަމަ މި ވާޝަންއާ ވަރަށް ތަފާތުވާނެކަން ޔަގީނެވެ.

އެ ވާޝަންއެއް ކިޔަން އަޅުގަނޑު ވެސް ބޭނުމެވެ.