ހިންދީ ޓީވީ ޑްރާމާތައް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެއް ޕްރޮޑިއުސަރަކީ އެކްތާ ކަޕޫރް އެވެ. މިހާތަނަށް އޭނާ ވަނީ އެހެން ހިންދީ ޓީވީ ޕްރޮޑިއުސަރަކަށް ނުއުފެއްދޭ ވަރަށް ޑްރާމާތައް އުފައްދާފަ އެވެ. އެ ރެކޯޑު އަދިިވެސް އޮތީ އޭނާގެ އަތުގަ އެވެ. ހިންދީ މެލޮ ޑްރާމާތައް އުފައްދާ އޭނާ ވަނީ މީހުންގެ ހިތްތައް ފަތަހަކޮށްފަ އެވެ.
އެކްތާގެ ޑްރާމާތަކަކީ ފެށުނީއްސުރެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަބަދުވެސް ލިބެމުން އަންނަ ޑްރާމާތަކެކެވެ. ޑްރާމާގެ ޖޯންރާ އާއި ނުގުޅޭ ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭ ވަރުގެ މޮޅެތި ޓުވިސްޓުތައް ގެނެސްދިނުމަކީ އެކްތާއަށް އެކަނިވާނެ ކަންކަމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުވެސްކުރެ އެވެ.
އެކްތާގެ ޑްރާމާތަކަށް މި ގޮތަށް ރައްދުވާ ފާޑުކިޔުންތަކަށް ރައްދުދިނުމުގައިވެސް އޭނާ އުޅެނީ ވަރަށް ކުރީގަ އެވެ. ދާދިފަހުން އޭނާގެ ޑްރާމާއަކަށް މަލާމާތްކުރި ސްވިޑެންގެ ޔޫޓިއުބާއަކަށް އެކްތާ މި ވަނީ "ކުޅިސަމާ" ދައްކާލާފަ އެވެ.
ޕިއުޑައިޕައި ކިޔާ އެ ޔޫޓިއުބާ މަލާމާތްކުރީ މީގެ ނުވަ އަހަރު ކުރިން ދެއްކުން ހުއްޓާލީ ޒީޓީވީން ގެނެސްދިން ޑްރާމާ "ކަސަމް ސޭ" އަށެވެ. އެ ޔޫޓިއުބާ ވަނީ ޔޫޓިއުބުގައި އެ ސީރީޒްގެ ޓައިޓަލް ލަވައިގެ ގޮތުގައި ޕޯސްޓުކޮށްފައި އިން ލަވާގެ ވީޑިއޯ ކޮލެޓީއަށް ފާޑުކިޔާފަ އެވެ.
އޭނާށް މަޖާވީ ލަވާގެ ޓައިޓަލްގައި "ގުޑް ކުއަލިޓީ" ޖަހާފައި އިން ނަމަވެސް ލަވާގެ ވީޑިއޯ ކޮލެޓީ ދަށްވުމެވެ. އޭނާ ވަނީ އޭގެ ސްކްރީން ޝޮޓެއް ނެގުމަށްފަހު ޓުވިޓާގައި ޕޯސްޓުކޮށްފަ އެވެ. އެކްތާ އޭނާއަށް ރައްދުދިނީވެސް ޓުވިޓާއިންނެވެ. ރުޅިގަދަވެގެން އެކްތާ ވަނީ އެ ޔޫޓިއުބާއަށް ރައްދުދީ "ހެޓަކަށް" ޓުވީޓުކޮށްފަ އެވެ.
އުމުރުން 17 އަހަރުގައި ޓީވީ ސީރީޒްތައް އުފެއްދުމުގެ މަސައްކަތް ފެށި އެކްތާގެ އެންމެ ކާމިޔާބު ސީރީޒްތަކުގެ ތެރޭގައި "ކިއުކީ ސާސް ބީ ކަބީ ބަހޫ ތީ" އާއި "ކަސޯޓީ ޒިންދަގީ ކީ" ފަދަ ޑްރާމާތައް ހިމެނެ އެވެ.
ޓީވީގެ އިތުރުން ފިލްމުތަކުގެ މަސައްކަތްވެސް އޭނާ މިހާރު އަންނަނީ ކުރަމުންނެވެ. މި މަހު ރިލީޒްކުރާ ބޮލީވުޑް ފިލްމު "ވީރޭ ދި ވެޑިން" ގެ ޕްރޮޑިއުސަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.