ހަބަރު

ޖަލުގައި އަނެއްކާ ވެސް ގައިދީއަކު މަރުވެއްޖެ

Jun 1, 2018
5

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކު އަނެއްކާ ވެސް މަރުވެއްޖެ އެވެ.

ޖަލުތައް ބަލަހައްޓާ ކަރެކްޝަނަލް ސާވިސަސްއިން ބުނި ގޮތުގައި، ރޭ މަރުވެފައި ވަނީ އަބްދުﷲ އަލީ، ގ ފެހިމާ، 30 އަހަރު އެވެ. އޭނާ އަކީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ. އޭނާ މަރުވާން މެދުވެރިވި ސަބަބެއް ކަރެކްޝަންސް އިން ހާމައެއް ނުކުރެ އެވެ.

އޭނާ މަރުވުމާ ގުޅޭ އިތުރު ތަފްސީލް ލިބޭ ގޮތެއް ވެސް ނުވި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޖަލުގައި މީހުން މަރުވާ އަދަދު އިތުރުވެފައިވާ ކަމަށް ބުނެ، މަދަނީ ޖަމްއިއްޔާތަކާއި ސިޔާސީ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން އެވެ. އެގޮތުން މޭޑޭގެ މުޒާހަރާއާ ގުޅިގެން ހައްޔަރުކޮށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އަބްދުﷲ ރަޝީދު ޖަލުގައި މަރުވި ހާދިސާގައި ކަރެކްޝަންސްގެ އިހުމާލުތަކެއް ހުރި ކަމަށް ތުހުމަތު ކުރެވި އެ މައްސަލަ އެޗްއާރުސީއެމް އިން ދަނީ ތަހުގީގު ކުރަމުން އެވެ. ޖަލުގައި ތިބޭ ގައިދީންގެ ބޭސްފަރުވާގެ ކަންކަމާ މެދު އިހުމާލުވަމުން އަންނަ ކަމަށް ގައިދީން އަންނަނީ ކޯޓްގެ ޝަރީއަތްތަކުގައި އެކި ފަހަރު ޝަކުވާ ކުރަމުން އެވެ.