ހަބަރު

އެމްޑީޕީ ޕްރައިމަރީގެ ތެރެއިން ހައްޔަރު ކުރި 18 މީހެއްގެ ބަންދުޖަހައިފި

މިދިޔަ ބުދަ ދުވަހު އެމްޑީޕީ އިން ބޭއްވި ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރެއިން 18 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

އެމްޑީޕީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކި ރަށްރަށުގައި ބޭއްވި ޕްރައިމަރީގެ ތެރެއިން ޖުމުލަ 27 މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރެއިން 18 މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އެ ފަރާތްތަކަށް ބޭއިންސާފުން އަދަބު ލިބިގެން ދިޔުމަކީ ރާއްޖޭގެ ސިޔާސީ މުސްތަގުބަލެއް ބިނާ ކުރުމަށް އެޅިގެންދާނެ ހުރަހެއް ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ހައްޔަރު ކުރި ބައެއް މީހުން:

  • ރ. ދުވާފަަރު: އަހުމަދު އާޒިމް، އާޒިމް އަލީ، އަބްދުﷲ އަލީ، އަހުމަދު އަލީމް އަލީ، އަސްވަދު އަހުމަދު، އަހުމަދު އަލީ، ޔާސިން ޒަމީރު، އާމިރު އަހްމަދު، އަލީ މުޙައްމަދު ފުޅު
  • ހދ. މަކުނުދޫ: އަލީ ބަޝީރު، އާދަމް މުހައްމަދު، ކިނާން އިސްމާއީލް، މުޙައްމަދު ޝަކީބް، ހާމިދު އިބްރާހީމް، ހުސައިން ރިފްޝާން
  • ހދ. ވައިކަރަދޫ: ކައުންސިލަރު އިބްރާހީމް މުޙައްމަދު
  • ޅ. ނައިފަރު: އަހުމަދު ނަބީލް، މުޙައްމަދު ޒަކީ، އިބްރާހީމް އިދުރީސް
  • އައްޑޫ: މުޙައްމަދު ސައީދު، މުޙައްމަދު ރިޔާޒު، ހަސަން ހަލީމް
  • ފުވައްމުލަކު: މުޙައްމަދު ޒަރީރު

އެމްޑީޕީ އިން އިތުރަށް ބުނެފައި ވަނީ ވާދަވެރި ސިޔާސީ މާހައުލެއްގައި ނޫން ގޮތަކަށް ރިޔާސީ އިންތިހާބެއް ބޭއްވިގެން ނުވާނެ ކަމަށެވެ. މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހަދަން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފުރުސަތުދީ، ސުލްހަވެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގަން ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އެހެންކަމުން ޕްރައިމަރީއާ ގުޅިގެން ހައްޔަރުކޮށްފައި ތިބި ހުރިހާ ފަރާތްތަކެއް ދޫކޮށްލަން ގޮވާލާ ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ރިޔާސީ ޕްރައިމަރީ ކުރިޔަށް ދަނިކޮށް ވޯޓުލާ މަރުކަޒުތަކަށް ވަދެ އިންތިހާބު ހުއްޓުވައި ވޯޓު ފޮށިތައް ފުލުހުން ގެންގޮސްފައި ވަނީ އެކަމާ ގުޅިގެން ސިވިލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެނެވެ. އަދި އެ މައްސަލައިގައި އެމްޑީޕީ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ދީފަ އެވެ.