ދުނިޔެ

އިރާގު ސިފައިންގެ ހިތްވަރެއް ނެތް، އައިއެސް ކުރި ހޯދަނީ އެހެންވެ: އެމެރިކާ

May 25, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ހިތްވަރު އިރާގު ސިފައިންގެ ކިބައިގައި ނެތް ކަމަށް ބުނެ އެމެރިކާ އިން އިރާގުގެ އަސްކަރިއްޔާ އަށް ފާޑުކިޔައިފި އެވެ.

އެމެރިލާގެ ޑިފެންސް ސެކްރެޓަރީ އެޝަޓަން ކާޓާ ސީއެންއެން އަށް ވިދާޅުވި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންނަށް ވުރެ ސަރުކާރު ސިފައިންގެ އަދަދު ހާސްބައި ގިނަ އެވެ. އެކަމަކު ވެސް، އައިއެސް އިން ރަމާދީ ސިޓީ އަށް އަށް މިދިޔަ ހަފުތާގައި ވަދެގަތުމާ އެކު މާ ގިނައިރުތަކެއް ނުވެ ސިފައިން އަމާންދީ، ފަހަތަށް ޖެހުނުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަހަރުމެންނަށް އެ މީހުން ތަަމްރީނުކޮށްދީ، ހަތިޔާރު ދެވިދާނެ. އެކަމަކު ހަނގުރާމަ ކުރާނެ ހިތްވަރަކީ ހަމަ ޔަގީނުން ވެސް އަހަރުމެންނަށް ދެވޭނެ އެއްޗެއް ނޫން،" ކާޓާ ވިދާޅުވި އެވެ.

"އައިއެސް ބަލިކުރުމުގައި އަހަރުމެންނަށް ބައިވެރިވެވިދާނެ. އެކަމަކު އަހަރުމެންނަށް އިރާގަކީ މީހުން އުޅެން ކަމުދާ ތަނަކަށް އިރާގު ނެހެދޭނެ. އެކަން ކުރެވޭނީ އިރާގު މީހުންނަށް،" ކާޓާ ވިދާޅުވި އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބޭތާ ހަތަރު ދުވަސް ފަހުން، އިއްޔެ ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ އޮޕަރޭޝަންގައި، ރަމާދީގެ އިރުމަތީގައި އޮންނަ ހުސޭބާ ނަމަކަށް ކިޔާ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ފަހާލާފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އައިއެސް އިން ވަނީ އިރާގުގެ އިތުރުން، އަވަށްޓެރި ސީރިއާގައި ވެސް މިދިޔަ ހަފުތާގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ހޯދައި ސީރިއާގެ ދެބައިކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަަށަށް ވަނީ ގެނެސްފަ އެވެ. ސީރިއާގެ ދައިރު އައް ޒޫރު އަދި ރައްގާ ޕްރޮވިންސުގެ ބޮޑު ބައެއް އައިއެސް އިން ހިފާފައި ވާއިރު، ހަސާކާ އާއި ހަލަޕް އާއި ހޯމްސް އަދި ހަމާ ޕްރޮވިންސުގައި ވެސް އެ ޖަމާއަތުގެ ބާރު ވަނީ ގަދަކޮށްފަ އެވެ. މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ވެސް މިދިޔަ ހަފުތާގައި ހިފާފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.