ދުނިޔެ

ރެފިއުޖީން މަރައި ވަޅުލާފައި ހުރި ކަށްވަޅުތަކެއް މެލޭޝިއާ އިން ފެނިއްޖެ

May 25, 2015

ރެފިއުޖީން ކަމަށް ބެލެވޭ ބަޔަކު މަރައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ކަށްވަޅުތަކެެއް މެލޭޝިއާ އިން އިއްޔެ ފެނިއްޖެ އެވެ.

މެލޭޝިއާގެ ހޯމް މިނިސްޓަރު ޒާހިދު ހަމީދީ ވިދާޅުވި ގޮތުގައި އެ ކަށްވަޅުތައް ފެނިފައި ވަނީ މެލޭޝިއާ އާއި ތައިލެންޑާ ގުޅޭ ބޯޑަރު ސަރަހައްދުގައި، މީހުން ޓްރެފިކްކުރާ ބަޔަކު ބޭނުންކޮށް ދޫކޮށްލާފައިވާ 17 ކޭމްޕަކުންނެވެ. އެހެން ނަމަވެސް، ފެނުނު ގަބުރުތަކުގެ އަދަދު އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތައިލެންޑުން ވަނީ އެ ގައުމުގައި ހަރަކާތްތެރިވާ، މީހުން ޓްރެފިކްކުރާ ނެޓްވޯކުތަކާ ދެކޮޅަށް ހާއްސަ އަސްކަރީ ކެމްޕޭނެއް ދާދި ފަހުން ފަށާފަ އެވެ.

ރޮހިންޔާ ދަރިކޮޅުގެ ބަޔަކު މަރައި ވަޅުލާފައި ހުރި ކަމަށް ބެލެވޭ ކަށްވަޅުތަކެއް މެލޭޝިއާ އިން ފެނިފައި ވާއިރު، މިޔަންމާ ދޫކޮށް ދާ ގިނަ އަދަދެއްގެ ރޮހިންޔާ ދަރިކޮޅާއި ބަންގްލަދޭޝް މީހުން ކަނޑުމަތީގައި ހާލުގައި ޖެހުން ވަނީ އިތުރުވެފަ އެެވެ. ގިނަ ދުވަސްތަކެއްގެ ދެބަސްވުންތަކަށް ފަހު، މެލޭޝިއާ އާއި އިންޑޮނީޝިއާ އަދި މިއަންމާ އިން ވަނީ ރެފިއުޖީންނަށް އެހީވާން މިހާރު ފަށާފަ އެވެ.