ވިޔަފާރި

ފަރެސްމާތޮޑާ އެއާޕޯޓު އަޅަން އުއްޗު ސަރުކާރަށް ހަތަރު މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ފަރެސްމާތޮޑާ އެއާޕޯޓު އަޅަން މަޝްރޫއު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ސަރުކާރަށް ހަތަރު މިލިއަން ޑޮލަރުގެ ލޯނެއް ދީފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓު އަޅަން އުއްޗު ސަރުކާރަށް ލޯނު ދީފައިވަނީ އެއްވެސް އިންޓްރެސްޓަކާ ނުލާ ކަމަށެވެ.

"އެއްވެސް އިންޓްރެސްޓެއް ނެތި ލޯނު ދެއްވީ. ސަރުކާރަށް ފަސޭހަ ގޮތަކަށް ބަހާލައިގެން ދައްކާ ގޮތަށް ލޯނު ދެއްވީ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އަކީ ދިވެހިންނަށް ބޭނުން ޖެހޭ ގިނަ ފަހަރުތަކުގައި އެހީވެދެއްވާ ބޭފުޅެއް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމްގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ޗަމްޕާ ބްރަދާސް ކުންފުނީގެ އެއް ހިއްސާދާރު ކަމަށްވާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުނި، ކުރެއްދޫ ހޯލްޑިންސްއަށް ސަރުކާރުން ދާދިފަހުން ވަނީ ޅ. މަޑިވަރުގައި އެއާޕޯޓެއް އަޅަން ހަވާލުކޮށްފަ އެވެ.