ހަބަރު

އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގައި އޮކްސިޖަން ޕްލާންޓް ބަހައްޓަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެމްޗް ގަ އާއި ހުޅުމާލެ ހޮސްޕިޓަލްގައި އޮކްސިޖަން ޕްލާންޓް ބެހެއްޓުމުގެ އެމްއޯޔޫގައި މޯލްޑިވްސް ގޭސްއާ އެކު މިއަދު ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު ސިޓްރޮން ރެސްޓޯރަންޓްގައި ބޭއްވި ހަފްލާގައި، މޯލްޑިވް ގޭސްގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު ހަސަން މާނު އެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ އެތަނުގެ ޑެޕިއުޓީ ހެޑް އޮފް އޮޕަރޭޝަންސް މުހައްމަދު ރިޝްވާން އެވެ.

އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު، ރިޝްވާން ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ އޮކްސިޖަން އެ ކުންފުނިން މިހާރު ސަޕްލައި ކޮށްދެނީ ވަރަށް އުނދަގުލުން ކަމަށެވެ. އެގޮތުން ތިލަފުށީގައި އެ ގޭސް އުފެއްދުމަށް ފަހު މާލެއަށް ގެންނަން ޖެހުމުން ބޮޑެތި ދަތިތަކެއް ހުރި ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ. އަދި ބޮޑެތި ބަރު އޮކްސިޖަން ފުޅިތައް ގެނެސް އެތަކެތި ބަލި މީހާ ކައިރީގައި ބަހައްޓަން ޖެހުމަކީ އެހާ ރައްކާތެރި ކަމެއް ނޫން ކަމަށް ވެސް ރިޝްވާން ވިދާޅުވި އެވެ.

"މިކަހަލަ ދަތިތައް ވަރަށް ބޮޑަށް އެބަހުރި. ނަމަވެސް ސީދާ ހޮސްޕިޓަލްގައި މިކަން ކުރަން ޖެހުމުން މި ގޮތަށް ހުރި އިދާރީ ދަތިތައް އެބަ ހައްލުވޭ. އޭރުން ސީދާ ހޮސްޕިޓަލްގެ ތެރޭގައި މިކަން ކުރެވުނީމާ މީގެ ހަރަދުތަކެއް ވެސް އެބަ ކުޑަ ކުރެވޭ،" ރިޝްވާން ވިދާޅުވި އެވެ.

މޯލްޑިވްސް ގޭސްގެ އެމްޑީ މާނު ވިދާޅުވީ މިހާރު ބަހައްޓަން މަސައްކަތް ކުރާ ޕްލާންޓުން ދުވާލަކު 120 ފުޅި އޮކްސިޖަން އުފެއްދޭނެ ކަމަށެވެ. އަދި މި ޕްލާންޓުން އައިޖީއެމްއެޗަށް ބޭނުންވާ އަދަދަށް ވުރެ މާ ގިނައިން އޮކްސިޖަން އުފެއްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އައިޖީއެމްއެޗަށް ދުވާލަކަށް ބޭނުން ވަނީ 60 ފުޅީގެ އޮކްސިޖަން އެވެ. މާނު ވިދާޅުވީ މި އޮކްސިޖަން ޕްލާންޓް ބަހައްޓަން މާގިނަ ވަގުތެއް ނުނަގާނެ ކަމަށާއި ޕްލާންޓް މިހާރު ވެސް އެ ކުންފުނީގައި އެބަ ހުރި ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުނިން އޮކްސިޖަން ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ވެސް މާނު ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެން އޮކްސިޖަން ސަޕްލައި ކޮށްދިނުމަށް ކުރާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް. މި ޕްލާންޓް ލަސްނުވެ ބަހައްޓައި އަޅުގަނޑުމެން މަސައްކަތް ފަށައިގަންނަނާނަން،" މާނު ވިދާޅުވި އެވެ.

މޯލްޑިވް ގޭސް އިން މިހާރު ވެސް އަންނަނީ އޮކްސިޖަންގެ އިތުރަށް އެހެން ބާވަތްތަކުގެ އިންޑަސްޓްރިއަލް ގޭސްތައް ވެސް ރާއްޖޭގެ މާކެޓަށް ފޯރުކޮށްދެމުންނެވެ.