ހަބަރު

ބުރާސްފަތިން ފެށިގެން މުޒާހަރާއަށް ދާނަން: އަލީ ވަހީދު

May 25, 2015

މުޒާހަރާގައި ބައިވެރިވާން ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މަޖީދިއްޔާ ސްކޫލް ކައިރީ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގައި އަލީ ވަހީދު ވައިވެރިވެ ވަޑައެއް ނުގަންނަވަ އެވެ. އެހެންވެ ބައެއް ފަރާތްތަކުން ނާއި ބައެއް ނޫސްތަކުން އެކަން ފާހަގަ ކުރިއެވެ. އަލީ ވަހީދު ޖަލުން ދޫކޮށްލީ އިއްޔެ މެންދުރުފަހު އެވެ. އޭނާ ދޫކޮށްލީ ބަންދުގައި ހުންނަވާތާ 24 ދުވަސް ފަހުންނެވެ.  

އަލީ ވަހީދު ޓްވީޓެއް ކުރައްވާ ވިދާޅުވީ ރޭގެ އެއްވުމުގައި ބައިވެރި ނުވީ ޖަލުގައި ތިއްބެވި ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި އެކްޓިވިސްޓް ސޮބާހު ރަޝީދުގެ މަތިން ހަނދާވާވަރު އެކަމާ އުނދަގޫވެގެން ކަމަށެވެ. އެހަނދާންތަކާ ގުޅިގެން އަވަހާރަފުޅުވެއް ނުލެއްޕެވުނު ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

ސޯސަންމަގުގައި، މަޖީދިއްޔާ ސްކޫލް ކައިރީގައި އެމްޑީޕީން މިރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ކުރިން އޮތީ އިއުލާނުކޮށްފަ އެވެ. އެއްވުން ފެށިއިރު ވެސް އޭނާ އެ ތަނުގައި ނެތްއިރު، ސިއްހީ ހާލަތު ރަނގަޅުވިހާ އަވަހަކަށް މިރޭ ތަންކޮޅެއް ފަހުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެ އެއްވުމުގައި ތަކުރާރުކޮށް އިއުލާނުކުރި އެވެ. އެކަމަކު 11:00 ޖެހުމާ އެކު ސައުންޑް ކަނޑާލަން ޖެހުމުން އެއްވުން ނިންމާލީ، ފަހުން ބާއްވާ އެފަދަ އެއްވުމެއްގައި އަލީ ވަހީދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ބުނެފަ އެވެ.