ޓީވީ ސީރީޒް

އެކްތާގެ "ނާގިން" އަނެއްކާވެސް ސިޓިންރޫމްތައް!

Jun 4, 2018

ހިންދީ ޑްރާމާތަކަށް ދިވެހިންގެ މެދުގައި އޮތް ފޯރި ކުޑަވިހެނެއް ހިޔެއް ނުވެ އެވެ. ކާލާސް ޓީވީން މިދިޔަ ދެ އަހަރު ދައްކަމުން އައި ޑްރާމާ ސިލްސިލާ "ނާގިން" އަކީ ހެއްކެކެވެ. މިދިޔަ ހަފުތާ ބަންދުގައި ތިން ވަނަ ސީޒަން ދައްކަން ފަށާފައިވާ މި ޑްރާމާއަކީ މިހާރު އިންޑިއާގައި ވެސް އެންމެ ގިނަ ބަޔަކު ބަލާ އެއް ޑްރާމާ އެވެ.

ހިންދީ މެލޮޑްރާމާގެ ރާނީ ޕްރޮޑިއުސާ އެކްތާ ކަޕޫރް ގެނެސްދޭ މި ޑްރާމާ އަންނަނީ ހާއްސަކޮށް ދިވެހި އަންހެންވެރިންގެ ސިޓިން ރޫމްތައް ފަޅުފިލުވައިލައިދެމުންނެވެ. ކުރީގެ ދެ ސީޒަންއާއި މި ސީޒަން ވަރަށް ބޮޑުތަން ތަފާތުވެސްމެ އެވެ.

ހަރުފަޔަށް ބަދަލުވާ އަންހެނެއް އުޅޭ މި ޑްރާމާގެ ލީޑުން މިދިޔަ ދެ ސީޒަންގައި ފެނުނު ބަތަލާ މޯނީ ރޯއީ މި ސީޒަންގައި ފެނިގެނެއް ނުދެ އެވެ.

މި ސީޒަންގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ މަޝްހޫރު ޓީވީ އެކްޓްރެސުން ކަމަށްވާ ކަރިޝްމާ ތަންނާ، އަނީތާ ހަސަނަންދަނީ އަދި ސުރްބީ ޖިޔޮތީ އެވެ. ޕާލް ވީ ޕޫރީ، ރަކްޝަންދާ ހާން އަދި ރަޖަތް ޓޯކަސްވެސް މުހިންމު ރޯލުތަކުން ފެނިގެންދެ އެވެ.

"ނާޖިން" ސީޒަން ތިނެއްގެ ޓްރެއިލާ.

މި ސީޒަންއާއި ބެހޭގޮތުން ބޮލީވުޑްލައިފަށް ދިން އިންޓަވިއެއްގައި އެކްތާ ބުނީ، "މި ސީޒަންގައި ފެނިގެންދާނީ އަންހެން ކުއްޖަކު ރޭޕްކުރަން އުޅުނު ފަސް ފިރިހެނުން ކައިރިން ބަދަލު ހިފުމަށް އޭނާ ކުރާ މަސައްކަތް. މަގުސަދަކީ އަންހެނުން ބާރުވެރި ކުރުމާއި އެމީހުނަށް ހިތްވަރު ދިނުން. އެހެންކަމުން މި ސީޒަންއަކީ ކުޑަކޮށް #މީޓޫ މޫވްމަންޓްއާއިވެސް ގުޅުންހުރި ސީޒަންއެއް."

#މީޓޫ އަކީ ހޮލީވުޑްގައި އަންހެން އެކްޓަރުންނަށް ކުރިމަތިވެފައިވާ ޖިންސީ ފުރައްސާރަތަކާއި ދެކޮޅަށް އަޑު އުފުލުމަށް މިދިޔަ އަހަރު ފަހުކޮޅު ފެށި ކެމްޕެއިނެކެވެ.