ހަބަރު

ވަކީލުން ހަމަނުޖެހޭތީ ޒިޔަދަމްގެ މަރުގެ ޝަރީއަތް ކެންސަލްކޮށްފި

May 25, 2015
1

މިދިޔަ މާޗް މަހުގެ ތެރޭގައި ލ. މުންޑޫގައި މަރާލި އެރަށު ނޫވިލު އަލީ ޒިޔަދަމްގެ މަރުގެ ދައުވާލިބޭ ދެ މީހުންގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ފަސްކޮށްފި އެވެ.

ތޫނު އެއްޗެހިން ހަމަލާދީ ޒިޔަދަމް މަރާލިކަމުގެ ދައުވާލިބޭ އެރަށު ހީނާވިލާ މުހައްމަދު ޝަނޫނާއި އެރަށު ބީޗްވިލާ އަލީ ޝިފާންގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިދިޔަ ހަފުތާގައި ބާއްވާފައިވާއިރު އެ އަޑުއެހުމުގައި ކޯޓުން ވަނީ އެ ދެ މީހުންނަށް ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފަ އެވެ.

އޭގެފަހުން މިއަދު ހެނދުނު އެ މައްސަލައިގެ ދެވަނަ އަޑުއެހުން ބާއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ. ކޯޓުން ބުނީ އަޑުއެހުން ކެންސަލްކުރީ ދައުވާލިބޭ ދެ މީހުންނަށް ވަކީލަކު ނުލިބޭތީ ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކުރަނީ މިދިޔަ ޑިސެމްބަރު މަހު ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ. އެ އިސްލާހުގެ ދަށުން އެ މައްސަލަ 30 ދުވަސް ތެރޭގައި ނިންމަންޖެހޭއިރު ޒިޔަދަމްގެ މަރުގެ މައްސަލައަށް 30 ދުވަސް ހަމަވާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.