ހަބަރު

މަސް ދުވަހަށްފަހު ސްވިމިންޓްރެކް ހުޅުވާލައިފި

މާލޭ ދެކުނު ފަރާތު ސްވިމިންގް ޓްރެކް ތިލަ ވުމުން އެ ތަނުން ފަސް ނަގައި އަލުން ފުން ކުރުމަށް ޓަކައި އެއް މަސް ދުވަހަށް ސްވިމިންގް ޓްރެކު ބަންދު ކުރުމަށް ފަހު އަލުން ހުޅުވާލައިފި އެވެ.

ސްވިމިން ޓްރެކް ސަރަހައްދު ވޮޑެން ފެށި، މާލޭގެ އިރުމަތީ ފަރާތުގައި ބްރިޖުގެ މަސައްކަތް ފެށިފަހުން އެ ސަރަހައްދުގެ އޮއިވަރަށް އައި ބަދަލާ ގުޅިގެން ކަމަށް ބެލެވުނެވެ. އެ ބަދަލާ ގުޅިގެން ސްވިމިން ޓްރެކްގެ ބޮޑު ސަރަހައްދެއް ވޮޑުނެވެ.

ހައުސިންގް މިނިސްޓްރީން، ޓްރެކް ފުން ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން އިއްޔެ އެ ސަރަހައްދުގެ ބޭނުން ކުރަން މިހާރު ވަނީ ހުޅުވާލާފައެވެ.

ސްވިމިންގ އެސޯސިއޭޝަނުން ބާއްވާ ގައުމީ ފެންވަރުގެ މުބާރާތްތައް ކުރިއަށް ގެންދަނީ، ސްވިމިން ޓްރެކުގަ އެވެ. ރާއްޖޭގައި އަދިވެސް އެތުލީޓުން ބޭނުން ކުރުމަށްޓަކައި ބައިނަލްއަގްވާމީ ފެންވަރަށް ފެތޭ ސްވިމިން ޓްރެކެއް ނެތެވެ.

ސްވިމިންގް ޕޫލު އިމާރާތް ކުރުމުގެ ވާހަކަ އެކި ފަހަރު މަތިން ދެކުވުނު ނަމަވެސް އަދި ސަރުކާރުގެ ވައުދުގެ ތެރޭގައި އެކަން ހިމެނިފައި އޮތް ނަމަވެސް މިހާތަނަށް އެ ވައުދު ފުއްދާފައެއް ނުވެއެވެ.