ހަބަރު

ސިއްރު ހެކި ބަސް ނެގުން މަނާކުރާނަން: ސުއޫދު

ބޭނުންވާ ސަރުކާރެއް އަތުވެއްޖެނަމަ ސިއްރުން ހެކި ބަސް ނެގުން މަނާ ކުރައްވާނެ ކަމަށް އެމްޑީޕީ ސަރުކާރުގައި ބަންޑާރަ ނައިބުކަން ކުރެއްވި މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު މިހެން ވިދާޅުވީ، ސިއްރު ހެކި ބަސް ނެގުމުގެ ބަހުސް ބޮޑުވެފައިވަނިކޮށެވެ. މި ބަހުސް ބޮޑުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދުއާ ދެކޮޅަށް ސިއްރު ހެކިތަކެއް ހުށަހެޅުމުން އެ ތިން ބޭފުޅުން ސިއްރު ހެކި ބަސް ނެގުމަށް އިއުތިރާޒްކުރެއްވުމުންނެވެ.

އެ ޝަރީއަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމާއި އެހެންވެ ރާއްޖޭގައި ސިއްރުން ހެކި ބަސް ނުނެގޭނެ ކަމަށް ވިދާޅުވެފަ އެވެ. އެއަށް ތާއީދު ކުރައްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ، ސިއްރު ހެއްކަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެކަށް ނުވާތީ ސިއްރުން ހެކި ބަސް ނެގުމާމެދު އެމަނިކުފާނު އިއުތިރާޒް ކުރައްވާ ކަމަށެވެ.

ސުއޫދު ކުރެއްވި ޓްވީޓެއްްގައި ވިދާޅުވީ، އިދިކޮޅުން އެދޭ ވެރިކަމެއްގައި ސިއްރު ހެކިން ބޭނުން ކުރުމާއި ޝަރީއަތް ސިއްރުކުރުން ގާނޫނުގައި މަނާ ކުރާނެ ކަމަށެވެ. މިހާރުގެ ސަރުކާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގައި މިހާރު ތިބި ސިޔާސީ މީހުން ފަނޑިޔާރުންނަށް ުފޫޒު ފޯރުވުމަށް ހިންގާ ޖަރީމާތަކަށް ހައްގު އަދަބު ދޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ސިއްރު ހެކި ބަހާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާއިރު އެމަނިކުފާނުގެ ތާއީދުއާއެކު ސުޕްރީމް ކޯޓުގައި ސިއްރުން ހެކި ބަސް ނަގައިގެން މައްސަލައެއް ސާބިތުކޮށްފައިވެ އެވެ. އެއީ ޖުމްހޫރީ ޕާޓީއިން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރުމަށް ހުށަހެޅި މައްސަލަ އެވެ. އެ މައްސަލާގައި 14 މީހެއްގެ ހެކި ބަސް ސިއްރުން ނެގި އެވެ. ސިއްރު ރިޕޯޓެއް ވެސް ހުށަހެޅި އެވެ. އެ މައްސަލާގައި އޭރުގެ އުއްތަމަ ފަނޑިޔާރު ފާއިޒުގެ ރައުޔު ތަފާތެވެ.

ފާއިޒު ރޭ ވިދާޅުވީ، އެ ދުވަހު ސުޕްރީމް ކޯޓުން ސިއްރު ހެކި ބަހާ ގުޅޭ ވަކި ލިމިޓެއް ކަނޑައެޅިނަމަ ސިއްރުން ހެކި ބަސް ނެގުން އާންމު އުސޫލަކަށް ނުވީސް ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ބޭނުންވެއްޖެނަމަ ހެކިން ސިއްރުކުރުމަށް ޝަރީއަތުގައި އެދެވޭނެ އެވެ. އަދި ހެކި ސިއްރު ހެކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްނަމަ ހެކި ސިއްރުކުރުމުގެ އަމުރު ގާޒީންނަށް ނެރުއްވޭނެ ކަމަށް ވެސް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެ ގާނޫނުގައި އެހެން އޮތުމުން ގިނަ މައްސަލަތަކެއްގައި ދައުލަތުން ދަނީ ހެކިން ސިއްރުކުރުމަށް އެދެމުންނެވެ. މުހިންމު ގިނަ މައްސަލަތަކެއްގައި ހުށަހަޅާ ސިއްރު ހެކީންގެ އަދަދު ގިނަ އެވެ.