ހަބަރު

ކަސްޓަމްސްގެ ވެރިޔަކަށް އަނެއްކާވެސް ޖުނެއިދު ހަމަޖައްސައިފި

ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ސ. މީދޫ، ކެނެރީވިލާ، މުހައްމަދު ޖުނައިދު ރައީސުލްޖުލްހޫރިއްޔާ މިއަދު އައްޔަން ކުރައްވައިފި އެވެ. އެ މަގާމަށް ޖުނައިދު އައްޔަން ކުރީ ކަސްޓަމްސްގެ ވެރިޔަކަށް ހުރި އިބްރާހިމް ޝަރީފް މުހައްމަދު އެ މަގާމުން ވަކި ކުރުމަށް ފަހުގަ އެވެ.

ކަސްޓަމްސްގެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކޮމިޝަނާ ޖެނެރެލް އޮފް ކަސްޓަމްސްގެ މަގާމު ޖުނައިދަށް ދެއްވުމަށްފަހު ‏ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ޙަވާލު ‏‏ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ފަހުކޮޅުވެސް ރައީސް އޮފީހުން ވަނީ އެ މަގާމަށް ޖުނައިދު އައްޔަން ކުރައްވައިފަ އެވެ. ނަމަވެސް އޭގެ ފަސް މަސް ފަހުން ޖުނައިދު ވަނީ އެ މަގާމުން ވަކި ކުރައްވައިފަ އެވެ. އެއަށް ފަހު އެމްޕީއެލްގެ ސީއީއޯގެ މަގާމުގައި ގިނަ ދުވަސްތަކެއް އަދާކުރެއްވުމަށް ފަހު މިދިޔަ އަހަރުގެ ކުރީކޮޅު އޭނާ ވަނީ އެ މަގާމުން އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ.