ހަބަރު

ޖޭއެސްސީއަށް ސުއޫދު ގެންނަން ބޭނުންވަނީ ބޮޑު ބަދަލެއް

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭކަން އެންމެ ބޮޑަށް ފާހަގަކުރައްވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު، އޭނާ ގެންނަން ބޭނުންވާ އިސްލާހު އާންމު ކުރައްވައިފި އެވެ.

ސުއޫދު މިއަދު އާންމުނ ކުރެއްވި ގޮތުގައި، ޖޭއެސްސީ އެކުލެވިގެންވަނީ ތިން މެންބަރުންގެ މައްޗަށެވެ. އެ މެންބަރުން އިންތިހާބު ކުރާނީ ޝަރުތު ފުރިހަމަވާ މީހުންގެ ތެރެއިން އެކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ ނަންތަކުގެ ތެރެއިންނެވެ. ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރުން ކަމަށް ހޮވާ މީހުންގެ ކިބައި ހުންނަން ޖެހޭނެ ޝަރުތުތައް ވެސް ސުއޫދު ލިޔުއްވާފައިވެ އެވެ.

ޝަރުތުތައް

  • ދިވެހިރައްޔިތަކު ކަމުގައި ވުން.
  • ބުއްދި ސަލާމަތުން ހުރުން.
  • އުމުރުން 60 އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  • މަކަރާހީލަތް ނުވަތަ ހިޔާނާތް ނުވަތަ ކޮރަޕްޝަންގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  • އަމާނާތްތެރި އަދި އަބުރުވެރިއަކު ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބުލުކުރާ މީހަކު ކަމަށްވުން.
  • ކުރިން އުއްތަމަ ފަނޑިޔާރުކަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައިސްކަން، ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްކަން ނުވަތަ ޔުނިވަރސިޓީއެއްގެ ޗާންސެލަރުކަން، ނުވަތަ ވައިސް ޗާންސެލަރުކަން، ނުވަތަ ރެކްޓަރުކަން ކޮށްފައިވާ މީހަކު ކަމުގައިވުން. ނުވަތަ މެދުކެނޑުމެއްނެތި ޔުނިވަރސިޓީއެއްގެ ދާއިމީ ވަޒީފާގައި 20 އަހަރު ދުވަހު ކިޔަވައިދިނުމުގައި ހޭދަކޮށްފައިވާ މީހަކު ކަމަށްވުން.

ސުއޫދުގެ އިސްލާހުގައިވާ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމުގެ ދައުރުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް އެއް ދައުރަށްވުރެ ގިނަ ދައުރަށް އެއްވެސް މީހަކު އައްޔަނުކޮށްގެން ނުވާނެއެވެ.

އެގޮތަށް އެ ކޮމިޝަން އިސްލާހުކުރަން ބޭނުންވާ ސަބަބުތައް ވެސް ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވި ގޮތުގައި، ޖޭއެސްސީގެ މަސައްކަތަށް އެންމެ ބޮޑަށް ހުރަސް އެޅެނީ ސިޔާސީ ފަރާތްތަކުން ބޭނުންވާ މީހުން ފަނޑިޔާރުކަމަށް ހޮވުމަށާއި ވަކިކުރުމަށް ނުވަތަ އެހެން ކޯޓަކަށް ބަދަލުކުރުމަށް މަސައްކަތްކުރުމުގެ ސަބަބުންނާއި އެކަމުގެ ސަބަބުން ފެންވަރު ނެތް އަދި އަހްލާގީ ގޮތުން އެކަށީގެންނުވާ މީހުން ފަނޑިޔާރުކަމަށް އައްޔަންކުރުމަށް މަޖުބޫރު ވުމުގެ ސަބަބުންނާއި ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އެޅުމުގެ ސަބަބުންނެވެ.

އަދި ވަކި ގޮތަކަށް މައްސަލައެއް ނިންމައިފިނަމަ ސަރުކާރުން އެމީހަކު ވަޒިފާއިން ވަކިކޮށްފާނެ ކަމުގެ ނުވަތަ އެހެން ކޯޓަކަށް ބަދަލުކޮށްފާނެ ކަމުގެ ބިރު އޮންނާތީ ކަމަށެވެ. ސަރުކާރުން ފަނޑިޔާރުންނަށް އާންމުކޮށް ސީދާ ބިރުދައްކަމުން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާ މެންބަރާއި، ރައްޔިތުންގެ މަޖިލީހުން ހޮވާ މެންބަރުންނާއި އެޓާނީޖެނެރަލް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މެދުވެރިކޮށް ކަމަށް ސުއޫދު ވިދާޅުވި އެވެ. އެކަމުގެ އެންމެ އިސްދައުރެއް އަބަދުވެސް ކުޅެމުން އަންނަނީ އެވަގުތަކު ރައީސުލްޖުމްހޫރިއްޔާ ޖޭއެސްސީއަށް ކަނޑައަޅާފައި ހުންނަ މެންބަރު ކަމަށެވެ. ވީމާ އެ މީސްމީހުން ޖޭއެސްސީގައި ހިމެނިގެންނުވާނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"އަބަދުވެސް އަހަރެން ވަކާލާތުކުރަނީ އެ ބަޔަކު ރެގިއުލޭޓްކުރަންވާނީ އެބަޔަކު އަމިއްލައަށް އެބައެއްގެ މެދުން ހޮވާ ބަޔަކު މެދުވެރިކޮށް ކަމަށް، އެއީ ޓެކްސްޓް ފޮތުގައި ވެސް އޮންނަ ގޮތް، ނަމަވެސް ރާއްޖެ ކުޑަވެފައި، ފަނޑިޔާރުންގެ އަދަދު މަދުވެފައި، ފަނޑިޔާރުންނަކީ އެންމެން އެންމެނާ ކޮންމެ ދުވަހަކު ބައްދަލުވެ އެކުގައި މަސައްކަތްކޮށް އަބަދު ދިމާވާމީހުން ކަމުގައިވާތީވެ، އަހަރެންގެ ތަޖުރިބާއަކީ ފަނޑިޔާރުންގެ މައްޗަށް ފިޔަވަޅު އަޅަން ފަނޑިޔާރުން ފަސްޖެހޭ ކަމެއް، އެކަމަކީ ފަނޑިޔާރުންނަށް ކުރަން ވަރަށް އުނދަގޫ ކަމެއް، އެއް ފަނޑިޔާރަކު އަނެއް ފަނޑިޔާރަކަށް ފިޔަވަޅު އެޅުމުގައި މޫނު ނުކެނޑިވޭތޯ ބަލާ،" ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ޖޭއެސްސީއަށް، ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ހޮވުމަށް ބޭއްވޭ އިންތިހާބުތަކަކީވެސް ފަނޑިޔާރުންގެ މެދުގައި މަސްލަހަތު ގެއްލި ދާއިމީ ހަމަނުޖެހުން އުފެދޭ ކަމެއް ކަމަށެވެ. އަދި ސިޔާސީ މީހުންނާއެކު، ޖޭއެސްސީގައި ފަނޑިޔާރުން މިހާތަނަށް މަސައްކަތްކުރުމުގެ ތަޖުރިބާއަށް ބަލާއިރު، ޖޭއެސްސީގައި ތިބޭ ސިޔާސީ މީހުންނާ ފަނޑިޔާރުން ގުޅުން ބަދަހިކޮށް، އެއްފަރާތުން އަނެއް ފަރާތަށް މައްސަލަތަކުގައާއި އަމިއްލަ ކަންކަމުގައި އެހީތެރިވެދީފައި އެބަހުރި ކަމަށެވެ. ވީމާ ޖޭއެސްސީގައި ފަނޑިޔާރުން އިތުރަށް ތިބުމަށް ތާއީދެއް ނުކުރާ ކަމަށެވެ.

އުމުރުން ހަގު މީހުން ޖޭއެސްސީގެ ވަޒީފާ އަދާކުރުމުން ކުރިމަތިވި ކަންތައް ތަޖުރިބާކުރެވުނު ކަމަށާއި ކޮންމެ ހައިސިއްޔަތަކުން ޖެއެސްސީގެ މެންބަރުކަމަށް ހޮވުނުނަމަވެސް އެ ބޭފުޅުން މިހާތަނަށް މަސައްކަތްކުރައްވާފައިވަނީ ސަރުކާރު ނުވަތަ ސިޔާސީ މީހުން ރުއްސުމަށާއި އެފަރާތްތައް ބޭނުންވާކަންކަން ކޮށްދިނުމަށްކަން ސުއޫދު ފާހަގަކުރެއްވި އެވެ. އޭގެ ބެނުމަކީ އެ "ކުދިން" ގެ ކެރިއަރަށް މަގު އަލިކޮށް ކެރިއަރުގެ ރާސްތާ ފުޅާކޮށްލުން ކަމަށާއި އެހެން ކަމުން މެންބަރުކަމުގެ ދައުރުހަމަވުމުން ރަނގަޅު ސިޔާސީ މަގަމެއް ހޯދުމަށް ނުވަތަ ފަނޑިޔާރަކަށްވުމަށް އިންޝޫރަންސް ޕޮލިސީއަކަށް ޖޭއެސްސީގައި ނިންމާ ނިންމުންތައް ވެގެން ދިޔަ ކަމަށް ވެސް ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ޖޭއެސްސީގައި ގަނޫނީ ވަކީލުން ތަމްސިލުކުރާ މީހަކު ހުރުމަށް ތާއީދެއް ނުކުރާ ކަމަށާއި ސަބަބަކީ މިހާތަނަށް ކުރެވުނު ތަޖުރިބާގައި، މަގާމުގެ ބޭނުންކޮށްގެން ގާނޫނީ ވަކީލުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގެ 157 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޖޭއެސްސީގައި މިހާރު ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔަރަކާއި ހައިކޯޓުގެ ފަނޑިޔާރަކާއި ސުޕީރިއާ ކޯޓުތަކުން އައްޔަން ކުރާ ފަނޑިޔާރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މެންބަރެއްގެ އިތުރުން ބަންޑާރަ ނާއިބާއި ގާނޫނީ ވަކީލުންގެ ތެރެއިން އައްޔަންކުރާ މެންބަރެކެވެ.