overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އިިދިކޮޅު ކެންޑިޑޭޓެއް ނެތް، ޕީޕީއެމްގެ ކެމްޕޭނެއް ނެތް!

ރިޔާސީ އިންތިޚާބު ބޯމަތި ވަނީއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އިންތިޚާބު ބާއްވާނެކަމަށް ބުނެފަ އެވެ. ކުރިޔަށްއޮތް ފަސް އަހަރަށް ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ މީހަކު ކަނޑައެޅުމަށް ދެން ބާކީ އޮތީ ދެތިން މަހެވެ. އެހެންނަމަވެސް ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުން ރިޔާސީ އިންތިޚާބެއް ބޯމަތިވަމުން އަންނަކަމުގެ އިހުސާސެއް ކުރެވޭތޯ އެއީ މިހާރު އުފައްދަން ޖެހިފައިވާ ސުވާލެކެވެ.

މިހާތަން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ހޯމް މިނިސްޓަރު އަދި ފުރަތަމަ ފަހަރަށް ގިނަ ޕާޓީތަކެއް އެކުލެވިގެން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރެއްވި އުމަރު ނަސީރެވެ. މިހާތަނަށް ރައްޔިތުންނާ ހަމައަށް އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް މި ތިންް ބޭފުޅުންގެ ނަން އައިސްފައި އޮތް ނަމަވެސް މީގެ ތެރެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަ ކުރެއްވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއެކު ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެ ހަމައެކަނި ގޮތަކީ ސްޕްރީމް ކޯޓުގެ ތެރެއިން ކަމަށްވާއިރު އެއީ ވުމަށްވުރެ ނުވުން ކައިރި ކަމެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަނެއްކޮޅުން ބަލާއިރު އިދިކޮޅު ކޯލިޝަނުން އެއް ކެންޑިޑޭޓަކު ނެރޭނެކަމަށް ބުނަމުން އަންނައިރު އެކަން ވާނެތޯވެސް މިވަނީ ސުވާލެއްގެ ތެރޭގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް އަރުވާފައިވާއިރު "ޖަޒީރާ ރައީސް" ގެނަމުގައި އެމަނިކުފާނު ގެންދަވަނީ ކެމްޕެއިންވެސް ކުރައްވަމުންނެވެ. ރާއްޖެއިން ބޭރުގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް އެމަނިކުފާނުގެ ކެމްޕެއިން ފަށާފައިވާއިރު، އެއާއެކު އިދިކޮޅު ކޯލިޝަންގައި ލަމުންދާ ރެނދު ރައްޔިތުންނާ ހަމައަށް އަންނަނީ ހާމަކޮށް ބޮޑުގޮތެއްގައި ފެންނަމުންނެވެ.

މި ރެނދުން ރައްޔިތުންނާހަމަައަށް އިވެމުންދާ އަޑަކީ އިދިކޮޅަށް އެއް ކެންޑިޑޭޓަކު ނުނެރެވިގެން އުޅޭ އަޑެވެ. އިދިކޮޅު ކޯލިޝަންގައި ދެން އޮތް އެންމެ ބޮޑު ޕާޓީ ޖޭޕީންވެސް ވަނީ އެޕާޓީގެ ރައީސް ޤާސިމް އިބްރާހީމް ރިޔާސީ ކެންޑިޑޭޓަކަށް ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަނެއްކޮޅުން ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް ނަޝީދަށް ވާދަނުކުރެއްވޭނަމަ ދެން ކޯލިޝަނުން ނެރޭނެ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހީމް މުހައްމަދު ޞާލިހު (އިބޫ) ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުގެ އަޑުތައްވެސް ވަނީ ބާރުވެފައެވެ. އެއާއެކު އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކީ ކާކުތޯ ކަނޑައެޅުމުގެ ބަހުސް މިވަނީ ކުރިޔަށްވުރެ ގަދަވެ އުނދަގޫކަމެއްކަމަށް ފެންނަން ފަށާފައެވެ. އެހެންނަމަވެސް ވަގުތު ކުޑަތަންވަނީ އެވެ. އިންތިޚާބަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާއިރު އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެނަމަ މިހާރު މިފެންނަ މަންޒަރު ވަރަށް ބޮޑަށް ބަދަލުވެގެންދާތަން ފެނިގެންދާނެއެވެ. ދެން އޮތީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އެވެ.

ޕީޕީއެމްއިން ވަނީ އެ ޕާޓީގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެރުވުމަށް ޕާޓީގެ ކައުންސިލުން ނިންމާފަ އެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓެއް އިއުލާންކުރުން ފިޔަވައި އެޕާޓީން ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކުރި ކަމެއް މާބޮޑަށް ފެންނާކަށްނެތެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ޕީޕީއެމްގެ މެނިފެސްޓޯއަކީ "ސަޕްރައިޒެއް" ކަމަށެވެ. އެ ސަޕްރައިޒް ރައްޔިތުންނާ ހަމައަށް އަންނާނީ އީދުގެ ފަހުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އެ ޕާޓީގެ ތެރެއިން އިންތިޚާބަށް ކެމްޕެއިން ކުރުމުގެ މާބޮޑު ފޯރިއެއް ފެނިގެނެއް އަދި ނުދެެއެވެ. ދޭތެރެ ދޭތެރެއިން ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ މެމްބަރުން ހިމެނޭގޮތަށް ރަށްރަށަށް ކެމްޕެއިން ދަތުރުތައް ކުރަމުންދާތަން ފެނެއެވެ.

މާލޭގައި "ހެސްކިޔާފައި" އާއި " އެއްލަކިން" ފަދަ ނަންނަމުގައި ބޮޑެތި ޖަލްސާތައް ދޭތެރެދޭތެރެއިން ބޭއްވުން ފިޔަވައި މާބޮޑު ކެމްޕޭނެއް ހިނގަމުންދާތަނެއް ފެންނަމުންނެއް ނުދެއެވެ. ފަހަރެއްގައި ޕީޕީއެމް އިން މަޑުކުރަނީ އިދިކޮޅުން ނިކުންނާނެ ކެންޑިޑޭޓަކަށްކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ޕީޕީއެމްއަކީ މިހާރުވެސް ސަރުކާރު ހިންގަމުން އަންނަ ޕާޓީކަމަށްވާއިރު އެޕާޓީއަށް ކެމްޕޭން ކުރުމަށް ކުރެވޭނެކަންކަން ގިނަވާނެ ކަމެވެ. އިދިކޮޅަށް ކެންޑިޑޭޓަކު ނުނެރެވިގެން އުޅޭއިރު ޕީޕީއެމްއަށް ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ރައްޔިތުންނާ ހަމައަށް ދެއްކި ސަރުކާރުން ކުރަމުން އަންނަ އަދި ކޮށްފައިވާ ކަންކަން ދެއްކެން އޮތްއިރު އެޕާޓީގެ ކެމްޕެއިންގެ އަޑުމަޑީ އަދި ކެމްޕެއިން ކުރުމުގެ ވަގުތު ނުޖެހެނީ ކަމަށް އެޕާޓީން ދެކޭތީކަމަށް ވެސް ވެދާނެ އެވެ.

ރިޔާސީ އިންތިޚާބު އޮންނަ އަހަރަކީ މީގެ ކުރިން ކެމްޕޭނުގެ އަޑުތަކުން ދިވެހި ޤައުމު ގުގުމަގުގުމަ އޮންނަ އަހަރެވެ. އެހެންނަމަވެސް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ކަންކަން ހިނގަމުންދާ ގޮތުން މިއަހަރު އަދި މިއަޑުތައް އިވެމުންދާތަނެއް ނީވެއެވެ. އެމަންޒަރުތަކެއްވެސް އަދި ނުފެނެ އެވެ. އެކަން އަދި ހަމައެކަނި ފެންމަމުންދަނީ ސޯޝަލް މީޑިޔާގައި އެކަންޏޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މީގެކުރިން މާލެއާއި ރާއްޖޭގެ އެކިރަށްރަށުން ފެންނަ ކެމްޕޭނު ޕޯސްޓަރު ތަކާއި ޖަގަހަތަކުގެ ހިލަމެއް އަދި މާބޮޑަކަށް ނުވެއެވެ. ބޮޑެތި ލައުޑް ސްޕީކަރުތަކުން ޖަހަމުންދިޔަ ކެމްޕޭނުގެ ލަވަތަކުގެ އަޑުތަކެއްވެސް އަދި ނީވެއެވެ. ކެމްޕޭންކުރުމަށް ބާއްވަމުންދިޔަ އެކިކަހަލަ އިވެންޓްތަކެއްވެސް އަދި ނުފެނެއެވެ. ފަހަރެއްގައި އަދި އެކަމުގެ ވަގުތު ނުޖެހެނީ ކަމަށްވެދާނެއެވެ. އެވަގުތަކަށް ރައްޔިތުން ތިބީ އިންތިޒާރުކޮށްގެންނެވެ.