ދުނިޔެ

ހޫނު ގަދަވެ އިންޑިއާގައި 500 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

May 25, 2015

އިންޑިއާގެ އެކި ހިސާބުތަކަށް ގަދަ ހޫނުގެ އަސަރުކުރަމުން ދާއިރު، ބައެއް ހިސާބުތަކުގައި ހޫނުމިން ވަނީ ގާތްގަނޑަކަަށް 50 ޑިގްރީ ސެލްސިއަސް އަށް އަރާފަ އެވެ. އެ ގޮތުން، އުތުރުގެ ސިޓީއެއް ކަމަށްވާ އައްލޯހުއާބާދުގައި ހޫނުމިން 47 ޑިގްރީ ސެލްސިއަސް އަށް އެރި އެވެ. ވެރިރަށް ނިއު ދިއްލީގެ ހޫނުމިން ވެސް ވަނީ މީގެ ކުރީ އަހަރުތަކުގައި މި ދުވަސްވަރު ނުދާހާ މައްްޗަށް ގޮސްފަ އެވެ. އެ ގޮތުން، ދިއްލީގެ ހޫނުމިން މި ދުވަސްވަރު އުޅެނީ 43 ޑިގްރީ ސެލްސިއަސްގަ އެވެ.

މީގެ ކުރިން ދިއްލީގެ ހޫނުމިން އެންމެ މައްޗަށް ގޮސްފައި ވަނީ، މޭ 1944 ގައި 47 ޑިގްރީ ސެލްސިއަސް އަށެވެ.

"މި މަސް ނިމެންދެން މި ގޮތަށް އޮންނާނީ. އެހެންވެ، ގޭތެރޭގައި ތިބުމަށާއި ގިނައިން ފެން ބުއިމަށް އިލްތިމާސްކުރަން،" އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ނެރުނު ބަޔާނެއްގައިވެ އެވެ.

ހޫނު ގަދަވުމުގެ ސަބަބުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ދެކުނުގެ ފަގީރު ހިސާބުތަކުގަ އެވެ. އެ ސަރަހައްދުގެ މަގުތަކާއި މާރުކޭޓުތައް ހުހަށް އޮތްއިރު، ސަރުކާރުން ވަނީ މަރުވި ކޮންމެ މީހެއްގެ އާއިލާ އަށް 100،000 ރުފީސްގެ ބަދަލެއް ދިނުމަށް ނިންމާފަ އެވެ.

ގަދަ ހޫނުގެ ސަބަބުން ގިނަ ހިސާބުތަކަކުން ކަރަންޓު ކެނޑި، މީހުންގެ އާއްމު ދިރިއުޅުމަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެ ގޮތުން، ހުޅަނގު ބިތުގައި އޮންނަ ކަލްކަޓާގައި ޓެކްސީ ޑްރައިވަރަކު ކާރު ތެރޭގައި މަރުވުމާ ގުޅިގެން، އެ ސިޓީގެ ހުރިހާ ޓެކްސީ ޑްރައިވަރުން ވަނީ ކޮންމެ ދުވަހަކު ވެސް ހެނދުނު 11:00 އިން ހަވީރު 4:00 އަށް ދަތުރުތައް މެދުކަނޑާލާފަ އެވެ.

އިންޑިއާ އަށް ހުޅަނގު މޫސުމުގެ ވިއްސާރައާ ކުރިމަތިވާނީ މި މަސް ނިމޭއިރު އެވެ. އެހެން ނަމަވެސް، ގަދަ ހޫނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އުތުރުގެ ސަރަހައްދުތަކަަށް ވިއްސާރަކުރަން ފަށާނީ އަންނަ މަހު ފަހުކޮޅު އެވެ.