ޓީވީ ސީރީޒް

"ތަޓީން ރީޒަންސް ވައި" ތިންވަނަ ސީޒަނަކަށް

ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އަނެއްކާވެސް ނެޓްފްލިކްސް އިން "ތާޓީން ރީޒަންސް ވައި" ތިން ވަނަ ސީޒަނަކަށް އާކޮށްފި އެވެ.

އިތުުރު ސީޒަނެއް ގެނެސްދޭނެކަން ނެޓްފްލިކްސް އިން ހާމަ މި ކުރީ މި ސީރީޒްގެ ދެ ވަނަ ސީޒަން ސްޓްރީމިންއަށް ދޫކޮށްލިތާ ތިން ހަފްތާ ތެރޭގަ އެވެ. މިދިޔަ ދެ ސީޒަނެކޭ އެއްގޮތަށް ދެން ގެނެސްދޭ ސީޒަންގައިވެސް ހިމެނޭނީ 13 އެޕިސޯޑެވެ. ތިން ވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތައް މި އަހަރު ފަހުކޮޅު ފަށާ، ބެލުންތެރިންނާއި ހަމައަށް ގެނެސްދޭނީ އަންނަ އަހަރު މެދުތެރޭގަ އެވެ.

މި ސީރީޒްގެ ފުރަތަމަ ސީޒަންގެ މައްސަލަ ބޮޑުވީ އެ ސީޒަންގައި އަމިއްލައަށް މަރުވުމަށް ހިތްވަރު ލިބޭފަދަ ގޮތަށް ސީރީޒް ގެނެސްދީފައިވާ ކަމަށް ބުނެ އެވެ. ދެ ވަނަ ސީޒަންގައިވެސް ނުރަނގަޅު ކަންކަން ކުރުމަށް ހިތްވަރު ލިބޭގޮތަށް ގެނެސްދީފައިވާ ކަމަށް ބުނެ ގިނަ ބައެއް ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.

ތިން ވަނަ ސީޒަންގައި ކުރީގެ ދެ ސީޒަންގައި ލީޑުން ފެނިގެންދިޔަ ބަތަލާ ކެތްރީން ލެންގްފޯޑް ފެނިގެނެއް ނުދާނެ އެވެ. ސީރީޒް ދޫކޮށްލިކަން ކެތްރީން ވަނީ އޭނާގެ އިންސްޓަގުރާމް ޕޯސްޓެއްގައި ހާމަކޮށްފަ އެވެ. މިދިޔަ ދެ ސީޒަންގައި ސީރީޒްގެ ވާހަކަ ބިނާވެފައި އޮތީ ކެތްރީންގެ ކުޅުނު ކެރެކްޓާ "ހެނާ ބޭކާ" އަށެވެ.

އަންނަ ސީޒަންގެ ހުރިހާ މަސައްކަތްތަކަކާއި ހާވަލުވެ ހުންނާނީ މި ސީރީޒްގެ އުފެއްދުންތެރިޔާ ބްރިއަން ޔޯކީ އެވެ. ބްރިއަންއާއެކު އެ ސީޒަން އެގްޒެކެޓީވް ޕްރޮޑިއުސްކުރާނީ ޖޯއީ ގޯމަން، މެންޑީ ޓީފޭ، ކްރިސްޓެލް ލައިބްލިން، ޓޮމް މެކްކާތީ، ސްޓީވެން ގޯލިން އަދި ސެލީނާ ގޯމޭޒް އެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ޕެރެމައުންޓް ޓެލެވިޜަން އަދި އެނޯނިމަސް ކޮންޓެންޓުންނެވެ.