ވިޔަފާރި

ސައޫދީ ކުންފުންޏަކުން ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ހަދަނީ

May 26, 2015
2

ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ހަދަން ޝައުގުވެރިވާ ކަމަށް ސައޫދީ އަރަބިއްޔާގެ މަޝްހޫރު ކުންފުންޏަކުން ބުނެފި އެވެ.

މެދު އިރުމަތީގެ ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައިވާ ގޮތުން ސައޫދީ އަރަބިއްޔާގެ ހޮޓެލް މެނޭޖުމަންޓް ކުންފުންޏެއް ކަމަށްވާ އަލް ކޮންޒްމާއިން ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ފުޅާކުރުމަށް ޝައުގުވެރިވާ ކަމަށް ބުނެފައިވެ އެވެ.

އަލް ކޮންޒްމާއިންގެ ރައީސް ހުސެއިން އަލީ ހަތަތާ ވިދާޅުވީ ރާއްޖެ އާއި ދުބާއީގައި އެ ކުންފުނީގެ ޓޫރިޒަމް ވިޔަފާރި ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށާއި، މި މަސައްކަތުގެ ދަށުން "ތަފާތު ރިސޯޓެއް" ހެދުމަށް ބޭނުންވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ޝަރިއްޔާ ހުއްދަކުރާ ރިސޯޓެއް ހަދަން ޝައުގުވެރިވާ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަހަރެމެން ދުބާއީގައި ވެސް ހަދާނީ ތަފާތު ރިސޯޓެއް. އަހަރެމެން ބޭނުމެއް ނޫން އެހެން މީހުންގެ މަސައްކަތް ރިޕީޓުކުރާކަށް،" ހަތަތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި، އެހެންކަމުން ރާއްޖޭގައި ޝަރިއްޔާ ކޮމްޕްލެއިން ޓޫރިޒަމް ފުޅާކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

"މީހުން ބޭނުންވާ ޝަރިއްޔާ ކޮމްޕްލެއިން ހޮޓާ. އެހެންވެ މިހާރު ބޭނުންވަނީ އާ ކޮންސެޕްޓަކަށް ހުންނަ ހޮޓާ ހަދަން،" ހަތަތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަކީ ގަލްފް ކޯޕަރޭޝަން ކައުންސިލް ( ޖީސީސީ) ގައި ހިމެނޭ އަރަބި ގައުމުތަކުން ޓޫރިސްޓުން ޒިޔާރަތްކުރާ ގައުމަކަށް ވާތީ އިސްލާމިކް ހޮޓަލެއް ތަރައްގީ ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސައޫދީ ކުންފުންޏަކުން ރާއްޖޭގައި އިސްލާމިކް ރިސޯޓެއް ހަދަން ޝައުގުވެރިވާ ކަމަށް ބުނެފައިވާއިރު، ސައޫދީ އަރަބިއްޔާ އާއި ރާއްޖޭގެ ގުޅުން ބަދަހި ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ދަށުން މިދިޔަ އަހަރުގެ ފަހުކޮޅު ސައޫދީ ވިޔަފާރިވެރިންގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި އެ ގައުމުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރަން ބޭނުންވާ ކަމަށްވެސް ބުނެފައިވެ އެވެ.