ދުނިޔެ

ކޮރަޕްޝަން ހިންގުމުން ލިބޭ އަދަބު ދައްކަން ޗައިނާގެ ވެރިން ޖަލަށް ގެންގޮސްފި

May 26, 2015
1

ކޮރަޕްޝަންގެ އަމަލުތައް ހިންގާ ދައުލަތުގެ އިސް ވެރިންނަށް ލިބޭ އަދަބުތައް ދައްކައި އިންޒާރު ދިނުމަށް، ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުން ޖަލަށް ގެންގޮސްފި އެވެ.

ޗައިނާ ޑެއިލީ ނޫހުން މިއަދު ބުނި ގޮތުގައި ޗައިނާގެ މެދުތެރޭގައި އޮންނަ ހުބޭއީ ޕްރޮވިންސްގެ 70 އަށް ވުރެ ގިނަ ސަރުކާރު އޮފިޝަލުންނާއި އެ މީހުންގެ އަނބިން ވަނީ އެއް ދުވަސް ޖަލުގައި ހޭދަކޮށްފަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް "އިލްމީ ފިލާވަޅެއް" ދިނުމަށް ކުރިއަށް ގެންދިޔަ އެ ޒިޔާރަތުގައި، ކޮރަޕްޝަންގެ އަމަލުތައް ހިންގައިގެން ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދާ، ކުރީގެ 15 ސަރުކާރު މުވައްޒަފުންނާ ބައްދަލުކުރުމުގެ ފުރުސަތު ދިން ކަމަށް އެ ނޫހުން ބުންޏެވެ.

"މިފަދަ ޒިޔާރަތްތައް ގައުމީ ފެންވަރުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި. ބޭނުމަކީ މިފަދަ ޒިޔާރަތްތަކުގައި ބައިވެރިވާ މީހުންގެ މެދުގައި ކޮރަޕްޝަން ފަދަ ކުށްތަކާ މެދު ހޭލުންތެރިކަން އުފެއްދުން،" ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް ކޮމިއުނިސްޓް ޕާޓީން ހަދާފައިވާ ސެންޓްރަލް ކޮމިޝަން ފޯ ޑިސިޕްލިން އެކްޝަން އިން ނެރުނު ބަޔާނެއްގައިވާ ކަމަށް، ޗައިނާ ޑެއިލީ ނޫހުން ބުންޏެވެ.

ޗައިނާގެ މިހާރުގެ ރައީސް ޝީ ޗިންޕިންގް ކޮމިއުނިސްޓް ޕާޓީގެ ލީޑަޝިޕާ ހަވާލުވެވަޑައިގެން އޭނާ ވަނީ އެ ގައުމުގެ ސަރުކާރު ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަންގެ ނުބައި އާދަ ނައްތާލައްވަން ވައުދުވެވަޑައިގެންފަ އެވެ. އެ ގޮތުން، ކޮރަޕްޝަނާ ދެކޮޅަށް ހާއްސަ ކެމްޕޭނެއް ފައްޓަވާފައި ވާއިރު، ސަރުކާރާއި ކޮމިއުނިސްޓް ޕާޓީގެ އިސް މަގާމުތަކާއި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށް މަގާމުން ދުރުކޮށްފަ އެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ މީހުން ޖަލަށް ލާފައި ވެސްވެ އެވެ.

އެހެން ނަމަވެސް، މި ކެމްޕޭނަށް ފާޑުކިއުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. ބޭރު ދުނިޔޭގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި އެއީ ކޮމިއުނިސްޓް ޕާޓީގައި ތިބި ޝީއާ ދެކޮޅު ފަރާތްތަކުގެ ދުވަސް ދުއްވާލުމަށް ހިންގާ ކެމްޕޭނެކެވެ.