ޓީވީ ސީރީޒް

"ގޭމް އޮފް ތްރޯންސް"ގެ ޕްރީކްއެލް، އެއްހާސް އަހަރު ފަހަތަށް

އެޗްބީއޯއިން ގެނެސްދޭ މަގުބޫލު ޓީވީ ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ފަހު ސީޒަންނަށް ކުރާ އިންތިޒާރަށްވުރެ، އެ ސީރީޒް ނިމެން އުޅޭތީ ފޭނުންކުރާ ހިތާމަ ބޮޑެވެ. އެމެރިކާގެ ޓީވީ ސީރީޒްތަކުގެ ހަޔާތުގައި ބެލުންތެރިންގެ އެންމެ ބޮޑު ލޯތްބެއް ލިބުނު މި ސީރީޒް، އަންނަ އަހަރު ފަހު ސީޒަން ދެއްކުމަށްފަހު އެއްކޮށް ނިންމާލާނެ އެވެ.

މި ސީރީޒް ނިންމާލި ނަމަވެސް، ސީރީޒްގެ ގެނެސްދޭ ނެޓްވޯކް އެޗްބީއޯއިން ވަނީ މި ސީރީޒްގެ ސްޕިން އޮފް ސީރީޒްތަކެއް ގެނެސްދޭނެކަން ހާމަކޮށްފަ އެވެ. މި ހަބަރާއެކު ފޭނުން ތިބީ ފޮނި އުއްމީދުތަކެއްގަ އެވެ. އެ ފޮނި އުއްމީދުގައި ކުލަޖެހުނީ އިއްޔެ އެ ނެޓްވޯކް "ގޭމް އޮފް ތްރޯންސް" ގެ ޕްރީކްއެލްގެ މަސައްކަތް ފެށިކަން ރަސްމީކޮށް އިއުލާނު ކުރުމާއެކު އެވެ.

"ގޭމް އޮފް ތްރޯންސް" ގެ ޕްރީކްއެލް ސީރީޒްގެ ޕައިލެޓް އެޕިސޯޑު ނުވަތަ ފުރަތަމަ އެޕިސޯޑަށް އެޗްބީއޯ އިން މިހާރު ވަނީ އޯޑަރުދީފަ އެވެ. މި ސީރީޒްގެ ވާހަކަ ތައްޔާރު ކުރަނީ ޖޭން ގޯލްޑްމަން އެވެ. އެޗްބީއޯއިން އަންނަނީ މި ސީރީޒްގެ ފަސް ސްޕިން އޮފް ސީރީޒެއްގެ މަސައްކަތް ކުރަމުންނެވެ.

މި ސީރީޒްގެ ވާހަކަ ބިނާވެފައި އޮންނާނީ "ގޭމް އޮފް ތްރޯންސް" ސީރީޒްގައި މިހާރު ގެނެސްދޭ ކަންތައްތައް ހިނގުމުގެ އެއްހާސް އަހަރު ކުރިން ހިނގާފައިވާ ކަންތަކުގެ މައްޗަށެވެ. ސީރީޒްގައި މިހާރު އެންމެންގެ ދުޝްމަނުންގެ ގޮތުގައި ފެނިގެންދާ "ވައިޓް ވޯކާސް" ގެ ފެށުމާއި އެމީހުން އުފެދުނު ގޮތް ޕްރީކުއެލްގައި ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން "ވެސްޓްރޮސް" ގެ ރަސްކަން ބަދަލުވަމުން އައި ގޮތްތަކުގެ ވާހަކަތައްވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ޕްރީކުއެލްގައި ލީޑު ނަގާނީ އަންހެން އެކްޓަރެކެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައެއް އަދި ކަށަވަރުވެފައެއް ނުވެ އެވެ.

މި ސީރީޒްގެ ވާހަކަ ތައްޔާރުކުރާ ޖޭންއަކީ "ގޭމް އޮފް ތްރޯންސް" ގެ އަސްލު ވާހަކަ ލިޔުނު އާރް އާރް މާޓިންއާއެކު މި ސީރީޒްގެ ޕްރޮޖެކްޓު ފެށި މީހާ އެވެ. އޭނާއަކީ "ގޭމް އޮފް ތްރޯންސް" ގެ ކޯ-ކްރިއެޓާ އެވެ. މާޓިންނާއެކު ޖޭން ވަނީ މި ވާހަކަ ސީރީޒްއެއްގެ ގޮތުގައި ގެނެސްދިނުމަށް ވާހަކައަށް ގެންނަޖެހޭ ބަދަލުތައް ލިޔެފަ އެވެ.

ޕްރީކުއެލްވެސް މާޓިންއާއި ޖޭން އެކުގައި ތައްޔާރުކުރާއިރު، އެކްޒެކެޓީވް ޕްރޮޑިއުސަރުންގެ ގޮތުގައިވެސް އެ ދެމީހުން ހަރަކާތްތެރިވާނެ އެވެ. ޑެނިއަލް ޒެލްމަންއާއި ވިންސް ގިރާޑިސްވެސް މި ސީރީޒް އެގްޒެކެޓީވްސް ޕްރޮޑިއުސްކުރާނެ އެވެ.

"ގޭމް އޮފް ތްރޯންސް" އަކީ ހަތް ކޮއިލުގެ ރަސްކަމުގެ ދަހިވެތިކަމުގައި ބަޔަކު ކުރަމުން އަންނަ ހަނގުރާމަ ދައްކުވައިދޭ ސީރީޒްއެކެވެ. މިހާތަނަށް ހަތް ސީޒަނެއް ގެނެސްދީފައިވާއިރު، މި ސީރީޒްގެ ފޯރި ދިވެހިންގެ މެދުގައިވެސް ވަރަށް ބޮޑެވެ.