overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އެމްޑީޕީގެ ތޮށިގަނޑު ފަޅާލައި، އިބޫއަށް ނުކުމެވިދާނެތަ؟

އެމްޑީޕީ ކޮނޑު އަޅައިގެން އުފުލާ ޝަރަފަކީ ހަމައެކަނި ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީއަކަށްވުމެއް ނޫނެވެ. އެ ޕާޓީއަކީ ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ގެނެސް "ވާދަވެރި ކަމަށް ޖާގަ ދިނުމުގައި ނަމޫނާ" އެއް ދައްކާ ޕާޓީއޭ ވެސް ކިޔަވެ. ގައިމުވެސް އެ ޕާޓީގެ އެކްޓިވިސްޓުން ބުނަނީ އެގޮތަށެވެ. ނަމަވެސް މިހާތަނަށް އެމްޑީޕީގެ ތެރެއިން ކުރިއަރަން މަސައްކަތް ކުރި މީހުންނަށް ވީ ގޮތް ބަލައިއިރު ފެންނަނީ މުޅިން ތަފާތު މަންޒަރެކެވެ. އެ ޕާޓީއިން ޝަރަފުވެރިކަމާއެކު ގެންގުޅޭ ޑިމޮކްރަސީގެ ބޭނުން ހިފަން ޖެހޭ ކޮންމެ ފަހަރަކު ފެންނަނީ ޕާޓީ ބައިބައިވެ، މީހަކު "ކަނޑައި އެއްލައިލާ" ތަނެވެ.

އެ ވާހަކަ މިހާރު ޕީޕީއެމްއާ ގުޅިވަޑައިގެން އުޅުއްވާ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާ ހިސާބުން ފަށަމާ ހެއްޔެވެ. އެމްޑީޕީ ވުޖޫދަށް ގެނައި ހިސާބުން އެ ޕާޓީގެ އެންމެ ކުރީގައި އުޅުއްވި މޫސަ ނިންމެވީ އެންމެ ކަމެކެވެ. އެއީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށްވާ ވާދަވެރި ރޭހެއްގައި ބައިވެރިވުމެވެ. ކަން ދިމާ ކުރި ގޮތުން ކުރިމަތިލާން ޖެހުނީ "އެމްޑީޕީގެ ޒަމީރު" ރައީސް މުހައްމަދު ނަޝީދާ އެވެ. ރައީސް ނަޝީދުއާ ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވި މައްސަލަ ޕާޓީ ތެރޭގައި ކެކި އަރައިގެން ދިޔަައީ މިހާރު މި އައިސްގެން އުޅޭ ފަދަ ތޫފާނެއްގެ ސިފައިގަ އެވެ. އެ ދަނޑިވަޅާ ދިމާކޮށް ކުއްލިއަކަށް ވިޕްލައިންއާ ހިލާފުވި މައްސަލައެއް ފެންމަތިވެ، މޫސަައަށް ޖެހިވަޑައިގަތީ އެމްޑީޕީއަށް އަލްވަދައު ކިޔާށެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ. އިބްރާހިމް ދީދީ އާއި ޑރ. މުނައްވަރާއި އިބްރާހިމް އިސްމާއިލް (އިބުރާ) އަދި ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީއަކީ ވެސް އެ މަގުން ހިނގަން ޖެހިވަޑައިގަތް ބޭފުޅުންނެވެ. ޕާޓީ ތެރޭގައި ވަރަށް ބާރަށް ކުރިޔަށް ދަމުން ގޮސް އެޅުނު ގޯސް ފިޔަވަޅަކީ ރައީސް ނަޝީދާ ވާދަ ކުރަން "ހިޔާލަށް ގެނައުން" ނުވަތަ އެމަނިކުފާނާ ހިޔާލު ތަފާތުވުމެވެ. އެހާ ހިސާބުން ހަމައެއް ގޮތަކަށް ވެސް ކުރިޔަށް ވަޑައި ނުގަނެވި އެ ހަތަރު ބޭފުޅުންނަށް ވެސް ޖެހިވަޑައިގަތީ ޕާޓީ ދޫކުރައްވާ ވަޑައިގަންނަވާށެވެ.

މިއަދު ވެސް އެމްޑީޕީގެ ތެރޭގައި އޮތީ އެފަދަ ތޫފާނެކެވެ. ތަފާތަކީ ސިޔާސީ މަސްރަހު އޮތް ގޮތުން ރައީސް ނަޝީދަށް ވާދަ ކުރެވޭ ގޮތް ނެތުމާއި އެމްޑީޕީއަށް ނަޝީދަށް ބަލަހައްޓައިގެން ތިބެވެން ނެތުމެވެ. ދެވަނަ ވިސްނުމަކަށް ދާނަމަ ގިނަ ބަޔަކު ބުނަނީ އެންމެ ރަނގަޅީ އެތަށް ބައެއްގެ އިހުތިރާމް އާއި ތާއީދު އޮންނަ އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހަށް ފުތުސަތު ދިނުމެވެ.

އެއް ބަޔަކު ބޭނުމީ ރައީސް ނަޝީދަށް އަދިވެސް އިތުރަށް ފުރުސަތު ދޭށެވެ. ވާދަ ކުރެވޭނެ ކަމަށް ނަޝީދު ދައްކަވާ ވާހަކަތަކައް އަޑު އެހުމެވެ. ފަހުވަގުތާ ޖެހެންދެއް މަޑު ކުރުމެވެ. އެއީ އެ ޕާޓީގެ ޕްރައިމަރީ އިން ފެނުން ގޮތަށް، ސިޔާސީ ފެކްޓަކީ އަދިވެސް އެމްޑީޕީއަކީ ހަމައެކަނި ރައީސް ނަޝީދު ކަމަށްވާތީ އެވެ.

ނަމަވެސް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ހުރި ކުރީގެ ވެރިއެއްގެ އަތް މައްޗައް ރިޔާސީ އިންތިހާބު ދޫކޮށްލެވޭކަށް އަނެއްބައި މީހުން ބޭނުމެއް ނުވެ އެވެ. އެއަށް ވުރެ ބޮޑަށް މުހިންމީ ރައީސް އަބްދުﷲ ޔާމީން އިންތިހާބަކުން ބަލި ކުރުމެވެ. އެ މީހުން ދެކޭ ގޮތުގައި އިބޫއާއެކު އެ އުންމީދު އެބައޮތެވެ. އަދި ނަޝީދާއި ނުލައި އެމްޑީޕީއަށް ކުރިއަރަން ފުރުސަތު ވެސް ދޭން ޖެހެ އެވެ.

އެ ހުރިހާ ކަމެއްގެ ޖަވާބު، ރިޔާސީ އިންތިހާބާ ކައިރިވާ ވަރަަކަށް ލިބޭނެ އެވެ. އަދި ބޮޑެތި ބަދަލުތައް ފެނިގެން ވެސް ހިނގައިދާނެ އެވެ. އިންތިޒާރު ކުރެވޭ އެއްކަމަކީ އެމްޑީޕީން ޑިމޮކްރަސީގެ ނަމުގައި ހަދައިގެން އުޅޭ ބޯ ތޮށިގަނޑު ފަޅާލާފައި އެ ޕާޓީގެ ޓިކެޓުގައި އިބޫއަށް އިންތިހާބުގައި ވާދަ ކުރުމަށް ނިކުމެވިދާނެ ހެއްޔެވެ. ނުވަތަ ކޯޅުންގަނޑެއްގެ ތެރޭގައި އިބޫއަށްވެސް ޖެހިވަޑައިގަންނަވާނީ މާޒީ ދެއްކި މަގަށް ވަޑައިގަންނަވަން ހެއްޔެވެ؟