ހަބަރު

ގޭސް ހޮޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެ

ޝެލްބީންސް ބަދިގޭގައި ގޭސް ހޮޅިއެއް ފަޅައިގެން ގޮސް ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ. ހާދިސާ ހިނގާފައިވަނީ މިއަދު 6:15 ހާއިރު އެވެ.

ދިހަ ބުރިއަށް ހުންނަ ހ. ޕާކްސައިޑް އިމާރާތުގައި ހިނގި މި ހާދިސާގައި ގެއްލުންވެފައިވަނީ ގްރައުންޑް ފްލޯ އާއި ފަސްޓް ފްލޯއަށެވެ. އެ ފްލޯތަކުގައި ހުންނަނީ ޝެލްބީންސްގެ ބަދިގެ އާއި ބޭކަރީ އެވެ.

ބާރުގަދަ ގޮވުމާއެކު ތިން މީހަކަށް އަނިޔާވެފައިވާއިރު އެ މީހުންނަށް މިހާރު ގެންދަނީ އޭދީކޭގައި ފަރުވާދެމުންނެވެ. އަނިޔާވީ ދިވެއްސަކާއި ދެ ބިދޭސީންނަށެވެ. އެތަނުން އެއް ބިދޭސީ މީހާގެ ހަށިގަނޑު 30 ޕަސެންޓް ފިހިފައިވާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ. އެއީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

އަނިޔާވި މީހުންގެ ތެރޭގައި ކައިރި ގެއެއްގައި ނިދާފައި އޮތް މީހެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާގެ ފަޔަށް ބިއްލޫރިގަނޑެއް ހެރިފައިވާ ކަމަށްވެ އެވެ. އެއީ އަނިޔޤާވި ދިވެހި މީހާ އެވެ. ބާރުގަދަ ގޮވުމުގެ ސަބަބުން ކައިރި ބައެއް ގެތަކަށް ވެސް އަސަރުކޮށްފައިވެ އެވެ.

އަނިޔާވި ދެވަނަ ބިދޭސީ މީހާގެ ފައިގެ ފަލަ މަސްގަނޑަށް ބިއްލޫރިގަނޑެއް ހެރިފައިވާއިރު އޭނާގެ އޮޕަރޭޝަނެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ބާރުގަދަ އަޑުފަށްގަނޑާއެކު ގޮވުމެއް ގޮވާފައިވާއިރު އެ އިމާރާތުގައި ހުރި ބިއްލޫރީ ދޮރުތައް ފުނޑުފުނޑުވެފަ އެވެ. ބިއްލޫރީތައް 300 އެއްހާ ފޫޓަށް ވަނީ ބުރައިގެން ގޮސްފަ އެވެ.

ހެނދުނު ހިނގި މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުމާއެކު އެ ސަރަޖައްދަށް ގޮސް ހަރަކާތްތެރިވާން ވަނީ ފަށާފަ އެވެ.

އެމްއެންޑީއެފްއިން ބުނީ، މިހާތަނަށް ބެލިބެލުމުން ތަނުގެ ގޭސް ހޮޅިއެއް ފަޅައިގެން ގޮސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އިތުރަށް ކަން ހިނގި ގޮތް ބަލަމުންދާ ކަމަށް ވެސް ބުންޏެވެ.