ދުނިޔެ

ނޭޕާލަށް އަދިވެސް އިތުރަށް އިންސާނީ އެހީ ބޭނުންވޭ: އދ

May 26, 2015

ނޭޕާލަށް މީގެ އެއް މަސްދުވަސް ކުރިން އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޭނުންވާ އިންސާނީ އެހީ އަދިވެސް އިތުރަށް ބޭނުންވާ ކަމަށް އދ. އިން އިއްޔެ ބުނެފި އެވެ.

ނޭޕާލްގައި ހަރަކާތްތެރިވާ އދ.ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގެއްލުން ލިބުނު ސަރަހައްދުތައް އަލުން އާރާސްތުކުރުމަށް އެހީވުމުގެ ބަދަލުގައި، އަދިވެސް ބޮޑަށް ފޯކަސް ކުރަންޖެހިފައި ވަނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ބޯހިޔާވަހިކަމާއި ކާނާ އާއި ބޭސް ފަދަ އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަަށެވެ.

މީގެ އިތުރުން، ނޭޕާލް ސަރުކާރުން ވަނީ ސީދާ ސަރުކާރަށް ދޭ ފައިސާގެ އެހީގެ މިންވަރު އިތުރުކުރުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލާފަ އެވެ. އެ ގޮތުން، ފިނޭންސް މިނިސްޓަރު ޑރ. ރާމް ޝަރަން ބީބީސީ އަށް ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތްތަކުން މިހާތަނަށް ދީފައިވާ އެހީގެ މިންވަރު އުޅެނީ ބިންހެލުމުގެ ގެއްލުންތަކުން އަރައިގަތުމަށް ނޭޕާލް ސަރުކާރުން ކުރަމުންދާ ޖުމްލަ ހޭދައިގެ އެންމެ 10 ޕަސެންޓުގަ އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީ ފޯރުކޮށް ދިނުން ލަސްވާ މައްސަލައިގައި ނޭޕާލް ސަރުކާރަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ. އެ ގޮތުން، ކާނާ އާއި ބޯފެނުގެ އިތުރަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރަމުން ނުދާ ކަމަށް ބޭރުގެ ބައެއް ފަރާތްތަކުން ވެސް ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓަރު ރާމް ޝަރަން ވެސް އެ ކަމާ ކޮންމެވެސް ވަރަކަށް އެއްބަސްވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް، އޭނާ ވިދާޅުވީ ސަރުކާރުން އިސް ނަގައިގެން ކުރަމުން ގެންދާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް މަޑުޖެހިފައި ވަނީ ބޭރުގެ ޖަމާއަތްތަކުން ވަކިން އެފަދަ މަސައްކަތްތައް ކުރަމުން ދާތީ ކަމަށެވެ.

"ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ބައެއް ސާމާނާއި ހިދުމަތްތައް ބޭރުގެ ޖަމިއްޔާތަކުން ފޯރުކޮށްދިން. އެކަމަކު ފައިސާއެއް ނުދޭ. އެ މީހުން މަސައްކަތް ކުރަނީ ސަރުކާރާ ވަކިން، އަމިއްލަ އަށް،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ނޭޕާލަށް ބިންހެލުމެއް އައީ މެގްނެޓިއުޑް 7.8 ގެ ބާރު މިނުގަ އެވެ. އެ ބިންހެލުމުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެ 18،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން، މި މަހުގެ 12 ވަނަ ދުވަހު ނޭޕާލަށް ބާރުގަދަ ދެވަނަ ބިންހެލުމެއް އައިސްފައިވެ އެވެ. އެ ބިން ހެލުން އައީ މެގްނެޓިއުޑް 7.3 ގެ ބާރުމިނުގަ އެވެ.

އެ ބިންހެލުންތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާނާ އާއި ޓެންޓް ފަދަ އަސާސީ ތަކެއްޗާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކަނި ވެސް 432 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް އދ. އިން ވަނީ ކުރިން ބުނެފަ އެވެ. އެހެން ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުން އެއްކުރެވިފައި ވަނީ އެއިގެ އެންމެ 22 ޕަސެންޓް (92.4 މިލިއަން ޑޮލަރު) ކަމަށް އދ.ގެ ރަސްމީ ހިސާބުތަކުން ދައްކަ އެވެ.

ފުރަތަމަ ބިންހެލުން އައިތާ ބަރާބަރު އެއް މަސްދުވަސް ވެފައި ވާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ނޭޕާލުގައި ވަނީ އާއްމުވެފަ އެވެ. އެ ގޮތުން، ވެރިރަށް ކަތަމަންޑޫއާ 140 ކިލޯމީޓަރު ދުރުގައި އޮންނަ ޔަގުދީ އަވަށަށް ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި އެ އަވަށުގެ ކޯރެއްގެ ފެންގަނޑު 600 ފޫޓަށް އުފުލި، އެ ސަރަހައްދުގައި ފެންބޮޑުވެދާނެ ކަމުގެ އިންޒާރު މިދިޔަ އާދިއްތަ ދުވަހު ދީފައިވެ އެވެ. އެއާ އެކު، އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށް ގޮސްފަ އެވެ.