ވިޔަފާރި

ޓޫރިސްޓު ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 14.9 ޕަސެންޓް މައްޗަށް

Jun 9, 2018

ޓޫރިސްޓުން ރާއްޖޭގައި ހޭދަ ކުރި ރޭގެ އަދަދު ނުވަތަ ޓޫރިސްޓު ބެޑް-ނައިޓްސް، އެޕްރީލް މަހުގެ ނިޔަލަށް 14.9 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެޕްރީލް މަހުގެ ނިޔަލަށް އާންމު ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގެ ޖުމްލަ ބެޑް-ނައިޓްސް ހުރީ 3,065,469 ގަ އެވެ. ނަމަވެސް އެޕްރީލް މަހުގެ ނިޔަލަށް ވަނީ 3,522,497 އަށް އިތުރުވެ، 14.9 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް ހުރީ 37,237 އެނދެ އެވެ. ނަމަވެސް މި އަހަރު ވަނީ މި އަދަދު 41,076 އިތުރުވެފަ އެވެ. މިއީ 11.4 ޕަސެންޓުގެ އިތުރުވުމެކެވެ. މީގެ އިތުރުން ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު ވެސް ވަނީ އެއް ޕަސެންޓް އިތުރުވެފަ އެވެ މި އަދަދު މިދިޔަ އަހަރު އުޅެނީ 6.4 ގަ އެވެ. ނަމަވެސް މި އަހަރު ވަނީ 6.5 އަށް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މުޅި އަހަރަށް ބަލާއިރު ޓޫރިސްޓުން އައި މިންވަރު ވަނީ 12.7 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ މިހާތަނަށް 539,816 މީހުން އައިސްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރު އައީ 478,827 މީހުންނެވެ. އަދި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް 119,713 މީހުން ޒިޔާރަތް ކޮށްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު ޒިޔާރަތް ކުރި 119,774 މީހުންނާ އަޅާ ބަލާއިރު 0.1 ޕަސެންޓް ދަށްވުމެކެވެ.

މިދިޔަ މަހު ޗައިނާއިން 15,093 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 20,975 މީހުންނާ އަޅާ ބަލާއިރު 28 ޕަސެންޓް ދަށްވުމެކެވެ. އަދި އިނގިރޭސިވިލާތުން 10,866 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 9,417 މީހުންނާ އަޅާ ބަލާއިރު 15.4 ޕަސެންޓް އިތުރުވުމެކެވެ. މީގެ އިތުރުން ރަޝިއާއިން މިދިޔަ މަހު 6,433 މީހުން އައިސްފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރުގެ އެޕްރީލް މަހު އައި 5,400 މީހުންނާ އަޅާބަލާއިރު 19.1 ޕަސެންޓް އިތުރުވުމެކެވެ.