ޓީވީ ސީރީޒް

"ކުއެންޓިކޯ"ގެ މައްސަލާގައި ޕްރިޔަންކާ މާފަށް އެދެފި

ހިންދޫ ދީނުގެ މީހުނަށް ހުތުރު ނަމެއް ލިބޭ ގޮތަށް "ކުއެންޓިކޯ" ގެނެސްދީފައިވާ ކަމަށް ބުނެ އިންޑިއާގެ މީހުން ނުރުހުންފާޅު ކުރަމުން ދަނިކޮށް އެ ސީރީޒްގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މައާފަށް އެދިއްޖެ އެވެ. ޕްރިޔަންކާ ވަނީ މައާފަށް ޓުވީޓެއް ކޮށްފަ އެވެ.

"ކުއެންޓިކޯ" އާއި ބެހޭގޮތުން ހިންދޫންގެ މެދުގައި ނުތަނަވަސްކަން އުފެދުނީ އެ ސީރީޒްގެ އެންމެފަހުން ގެނެސްދިން އެޕިސޯޑުގައި ހިންދޫ ދީނަށް ނިސްބަތްވާ ބަޔަކު ޓެރަރިސްޓް ހަމަލާދޭތަން ދައްކާތީ ކަމަށް ބުނެ އެވެ.

އެ ޓުވީޓްގައި ޕްރިޔަންކާ ބުނީ އެ ސީރީޒްގައި ގެނެސްދިން އެއްވެސް މަންޒަރަކީ އެކަހަލަ ނުބައި ނިޔަތެއްގައި ގެނެސްދިން މަންޒަރެއް ނޫން ކަމަށެވެ. އެއީ އޭނާ ގަސްތުގައި ކުރާނެކަމެއް ނޫންކަމަށް ބުނަމުން ބުނީ އިންޑިއާގެ މީހަކަށް ވީތީ ފަހުރުވެރިވާ ކަމަށާއި އަދި އެކަން ދުވަހަކުވެސް ބަދަލުނުވާނެ ކަމަށެވެ.

ޕްރިޔަންކާ މައާފަށް އެދި ކުރި ޓުވީޓް.

މި ސީރީޒްގެ ގެނެސްދޭ ނެޓްވޯކް، އޭބީސީއިންވެސް ވަނީ މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ.

"އެބީސީ ސްޓޫޑިއޯސް އަދި 'ކުއެންޓިކޯ' ގެ އެގްޒެކެޓީވް ޕްރޮޑިއުސަރުންގެ ފަރާތުން މި އެޕިސޯޑާއި ގުޅިގެން ހިތްހަމަނުޖެހުނު ހުރިހާ ފަރާތްތަކެއްގެ އަރިހުން މައާފަށް އެދެން. މި އެޕިސޯޑާއި ގުޅިގެން ޕްރިޔަންކާއަށް ފާޑުކިޔުން ހުއްޓާލުމަށްވެސް އެދެން. އެޕިސޯޑު ތައްޔާރުކުރުމުގައި ޕްރިޔަންކާގެ އެއްވެސް ރޯލެއް ނެތް. މި އެޕިސޯޑު ލިޔުމާއި ޑައިރެކްޓުކުރުމާއި ކާސްޓުކުރުމަގައިވެސް އޭނާގެ އަތެއް ނުވާނެ."

އެބީސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މި ސީރީޒްއަކީ ޕިކްޝަން ޑްރާމާއެއް ކަމަށެވެ. މި ސީރީޒްގައި ތަފާތު ނަސްލުތަކާއި ދީންތަކަށް ނިސްބަތްވާ މީހުންނާއި ގުޅުވައިގެން ތަފާތު ހާދިސާތައް ގެނެސްދޭ ކަމަށެވެ. އަދި އެއްވެސް ފަރާތެއް ރުޅިއަންނަ ގޮތަށް ސީރީޒް ގެނެސްދިނުމަކީ އެމީހުން ގަސްތުގައި ކުރި ކަމެއް ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

ކްރައިމް ތްރިލާ މި ސީރީޒްއަކީ އެމެރިކާގެ އެފްބީއައި އޭޖެންޓުން ތަހުގީގުކުރާ ތަފާތު ހާދިސާތައް ގެނެސްދޭ ސީރީޒްއެކެވެ. މިހާރު މި ސީރީޒްގެ ތިން ވަނަ ސީޒަން ދައްކަމުން އަންނައިރު، އިތުރު ސީޒަނަކަށް އާނުކޮށް މި ސީރީޒް ވަނީ ކެންސަލުކޮށްފަ އެވެ.