ދުނިޔެ

ވަރަށް އަވަހަށް ރަމާދީ މިނިވަންކުރެވޭނެ: އިރާގުގެ ބޮޑުވަޒީރު

May 26, 2015

އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އަތް ދަށުން އިރާގުގެ ރަމާދީ ވަރަށް އަވަހަށް މިނިވަންކުރެވޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ ވިދާޅުވެއްޖެ އެވެ.

"އަހަރުމެންނަށް ރަމާދީ ގެއްލުމަކީ ބޮޑު ހިތާމައެއް. އެކަމަކު ވަރަށް އަވަހަށް އެ ސިޓީ އަތުލާނެ ކަމުގެ ޔަގީންކަން ދެން،" ބީބީސީ އަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި އަބާދީ ވިދާޅުވި އެވެ.

އެހެން ނަމަވެސް، އަބާދީ ވިދާޅުވީ އައިއެސްއާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގައި ބޭރު ދުނިޔޭގެ އެހީތެރިކަން މިހާރަށް ވުރެ ވެސް ބޮޑަށް ބޭނުންވާ ކަމަށެވެ. ހާއްސަކޮށް، އަވަށްޓެރި ސީރިއާއާ ގުޅޭ ބޯޑަރު ހުރަސްކޮށް އިރާގަށް ވަންނަމުންދާ އައިއެސްގެ ހަނގުރާމަވެރިން ހުއްޓުވުމުގައި އެހީތެރިކަން ބޭނުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ވަނީ ވަގުތުން ޖަމާވެފަ އެވެ. ގާތްގަނޑަކަށް 3،000 ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެން ތިބޭތާ ހަތަރު ދުވަސް ފަހުން، މިދިޔަ އާދިއްތަ ދުވަހު ވަނީ ރަމާދީ އަލުން ހިފުމުގެ މަސައްކަތް ފަށާފަަ އެވެ. އެ އޮޕަރޭޝަންގައި، ރަމާދީގެ އިރުމަތީގައި އޮންނަ ހުސޭބާ ނަމަކަށް ކިޔާ އަވަށުން އައިއެސްގެ ހަނގުރާމަވެރިން ވަނީ ފަހާލާފަ އެވެ.

ރަމާދީ ވަރަށް އަވަހަށް އަތުލެވޭނެ ކަމަށް ބޮޑުވަޒީރު އަބާދީ ވިދާޅުވެފައި މި ވަނީ، އެ ސިޓީގެ ކޮންޓްރޯލް ގެއްލުނު މައްސަލައިގައި އެމެރިކާގެ ފާޑުކިއުން އިރާގުގެ އަސްކަރިއްޔާ އަށް އަމާޒުވެފައި ވަނިކޮށެވެ. އެ ގޮތުން، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ އެޝަޓަން ކާޓާ ވިދާޅުވެފައި ގޮތުގައި އައިއެސްގެ ހަނގުރާމަވެރިންނަށް ވުރެ ސަރުކާރު ސިފައިންގެ އަދަދު ހާސްބައި ގިނަޔަސް، އައިއެސް އިން ރަމާދީ އަށް ވަދެގަތުމާ އެކު މާ ގިނައިރުތަކެއް ނުވެ ސިފައިން ވަނީ އަމާންދީ، ފަހަތަށް ޖެހިިފަ އެވެ. އެ ކަމުން ދައްކައިދެނީ އިރާގު ސިފައިންގެ ހިތްވަރު ނެތްކަން ކަމަށް އޭނާ ވިދާޅެފައިވެ އެވެ..

އެމެރިކާ ސިފައިން 2011 ގައި އިރާގުން ފައިބާފައިވީ ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ އިރާގު ސިފައިން ތަމްރީނުކޮށްދީ، ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެހެން ނަމަވެސް، އައިއެސްއާ ހަނގުރާމަ ކުރުމުގައި ސަރުކާރު ސިފައިން ވަނީ ނުކުޅެދިފަ އެވެ. އަަދި އައިއެސްގެ ހަނގުރާމަވެރިން ހިފާ ސަރަހައްދުތަކުން ފަހަތަށް ޖެހޭއިރު، އެމެރިކާ ޢިން ދީފައިވާ ޒަމާނީ ބައެއް ހަތިޔާރުތައް ހަނގުރާމަވެރިންގެ އަތްމައްޗަށް ދޫކޮށްފައި ދާ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އައިއެސް އިން ވަނީ އިރާގުގެ އިތުރުން، އަވަށްޓެރި ސީރިއާގައި ވެސް މިދިޔަ ހަފުތާގެ ތެރޭގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ހޯދައި ސީރިއާގެ ދެބައިކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަަށަށް ވަނީ ގެނެސްފަ އެވެ. ސީރިއާގެ ދައިރު އައް ޒޫރު އަދި ރައްގާ ޕްރޮވިންސުގެ ބޮޑު ބައެއް އައިއެސް އިން ހިފާފައި ވާއިރު، ހަސާކާ އާއި ހަލަޕް އާއި ހޯމްސް އަދި ހަމާ ޕްރޮވިންސުގައި ވެސް އެ ޖަމާއަތުގެ ބާރު ވަނީ ގަދަކޮށްފަ އެވެ. މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ވެސް މިދިޔަ ހަފުތާގައި ހިފާފަ އެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.