ވިޔަފާރި

މީރާ އަށް މިދިޔަ މަހު އެއް ބިލިއަން ރުފިޔާ ބަލައިގެންފި

Jun 9, 2018

މިދިޔަ މަހު އެއް ބިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން ބުނީ މިދިޔަ މަހު ލިބިފައިވަނީ މި އަހަރުގެ މި މުއްދަތުގައި ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 10.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. ނަމަވެސް، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 14.6 ޕަސެންޓް ދަށް އަދަދެއް ކަމަށް ބުނެފައިވެ އެވެ.

މީރާ އިން ބުނީ ކުރިން އަންދާޒާކުރި އަދަދަށްވުރެ 10.6 ޕަސެންޓް އިތުރަށް އާމްދަނީ ލިބިފައިވަނީ މި މަހުގެ ތެރޭގައި ބައެއް ބޭންކްތަކުން ސުންގަޑީގެ ކުރިއަށް ބޭންކް ޕްރޮފިޓް ޓެކްސް ދައްކާފައިވުމުންނެވެ. ބޭންކް ޕްރޮފިޓް ޓެކްސް ދެއްކުމުގެ ސުންގަޑިއަކީ 31 ޖުލައި 2018 އެވެ.

އެ އޮތޯރިޓީ ބުނީ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ ކަމަށެވެ. ޖީއެސްޓީން ލިބުނީ 610.43 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބޭންކް ޕްރޮފިޓް ޓެކުހުންނެވެ.މި ޓެކުހުން ލިބުނީ 98.71 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ގްރީން ޓެކުހުން 64.16 މިލިއަން ރުފިޔާ، ލިބުނުއިރު، އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 57.64 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 57.34 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބުނީ 161.24 މިލިއަން ރުފިޔާ އެވެ.