overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޕޯޓް

އެމްޑީޕީގެ ކޮންގްރެސް، ރަށް ގުޑާނެ ބޮމެއް!

އެމްޑީޕީގެ އެތެރޭގެ ވާހަކައިގެ އަޑުތައް ހުރި ގޮތުން އެ ޕާޓީގެ އެތެރޭގައި ވަރަށް ބޮޑު ހިޔާލު ތަފާތުވުންތަކެއް އެބަ އުޅެ އެވެ. އެ ހިޔާލު ތަފާތުވުމުގެ ތެރޭގައި ތަފާތު ވިސްނުންތައް އެންމެ ބޮޑަށް އެނބުރިގެންފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބުގައި ވާދަ ކުރާނެ ރިޔާސީ ކެންޑިޑޭޓެއްގެ މައްސަލައިގަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޕާޓީ އޮތީ އަންނަ ސިޔާސީ ތޫފާނެއް ތެރޭގަ އެވެ. އެ ތޫފާނާއެކު ވަރަށް ގިނަ ކޮޅިގަނޑު އައިސް ކަންކަމަށް ބަދަލުތައް އައިސްފާނެ އެވެ. އއ. އުކުޅަހުގައި ބާއްވަން އުޅޭ އެ ޕާޓީގެ އަދާޔާ ހިލާފު ކޮންގްރެސް ނުވަތަ އެކްސްޓްރާ ކޮންގްރެސްއަކީ މީގެ ތެރެއިން ކޮޅިގަނޑަކަށް ވެދާނެ އެވެ.

އެމްޑީޕީން ނިންމާފައިވާ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. އެ ޓިކެޓް ވަނީ "ފާޑެއް" ގެ ޕްރައިމަރީއެއްގެ ތެރެއިން ކާމިޔާބު ކުރައްވާ އެވެ. ރައީސް ނަޝީދަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށް މީގެ ކުރިން ވަރަށް ބޮޑު އުއްމީދެއް އޮތެވެ. އެއީ ޕާޓީގެ ހުރިހާ މެންބަރުން ވެސް ބޭނުންވާ ގޮތެވެ. ޕްރައިމަރީގައި އެމަނިކުފާނު ހޯއްދެވި ކާމިޔާބީން ވެސް އެމްޑީޕީގެ ރޫހަކީ ރައީސް ނަޝީދުކަން ޔަގީނަށް އެނގެ އެވެ.

ނަމަވެސް އަންނަ މަހު ކެންޑިޑޭޓުން ކުރިމަތިލައްވަން ހުޅުވާލާއިރު ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެއްވިދާނެ ކަމަށް އެއްގޮތަކަށް ވެސް ނުބެލެ އެވެ. ފަހު ވަގުތު ހުޅުވޭނެ ކަމަށް އެމްޑީޕީ ބުނާ އަދި ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވިދާޅުވާ ދޮރުތަކެއް ހުޅުވެމުން ދާތަނެއް ނުފެނެ އެވެ. ގާނޫނީ ގޮތުން މިހާރު ވެސް ބަންދުވެފައިވާ އެ ދޮރުތައް ހުޅުވަން ރައީސް އަބްދުﷲ ޔާމީން ވެސް ފުރުސަތު ދެއްވާނެ ކަމަކަށް ބެލެވޭނެ ތަނެއް ނެތެވެ. އެކަން ރައީސް ނަޝީދަށް ވެސް އެމްޑީޕީއަށް ވެސް މިހާރު ރީއްޗަށް ސާފުވާނެ އެވެ.

އާދިޔާހިލާފު ކޮންގްރެސް އެއް އަންނަ އިރު އެންމެ އާދަޔާހިލާފު އެއްކަމަކީ އަދިވެސް ރައީސް ނަޝީދު ގެންދަވަނީ ކެމްޕެއިން ކުރައްވަމުން ކަމަށްވުމެވެ. ފަހަތަށް ފިޔަވަޅެއް އެޅުއްވުމުގެ ވިސްނުންފުޅެއް އެމަނިކުފާނުގެ ނެތެވެ. "އިތުރު ބެކަޕެއް ނެތޭ" ވެސް ވަނީ މިފަހުން ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ފަހަތަށް ފިޔަވަޅު ނޭޅުއްވި ނަމަވެސް އެ ޕާޓީގެ ބައެއް ބޭފުޅުންނާއި އާންމު ބައެއް މެންބަރުން ފަހަތަށް އެއް ފިޔަވަޅު އަޅާ އެހެން މަގަކުން ބާރަށް ދުއްވައިގަންނަން ތައްޔާރަށް ތިބި ކަމަށް މިހާރު ބެލެވެ އެވެ. އެ މަންޒަރު ދަނީ ފެންނަމުންނެވެ. އެ އަޑުތައް އެކި ދިމަދިމާލުން ދަނީ އިވެމުންނެވެ. ބަނަކޮށްފައިވާ އެ ވިލާގަނޑުގެ ފެން ވަރަށް އަވަހަށް ވެހެން ފަށައިފާނެ އެވެ.

މި ވާހަކަ އެންމެ ފުރަތަމަ ފެއްޓެވީ އެމްޑީޕީގެ އުސޫލުތަކަށް މިހާރު ވަރަށް ބޮޑަށް "އީމާން" ވެގެން ހުންނެވި އެކަމަކު މެންބަރަކަށް ވެވަޑައި ނުގަންނަވާ މަޖިލިސް މެންބަރު އަހުމަދު މަހުލޫފެވެ. ރައީސް ނަޝީދަށް ވާދަ ނުކުރެވިއްޖެނަމަ "ބެކަޕް ޕްލޭނެ"އް އޭނާ ހިއްސާކުރެއްވި އެވެ.

އެއީ މިޒާޖުގައި މަޑުމައިތި ގޮތެއް ގެންގުޅުއްވާ ޕާޓީގެ ގިނަ ބަޔަކު ލޯބި ހޯއްދަވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުރިޔަށް ކޮއްޕާލުމުގެ ހިޔާލެވެ. ރައީސް ނަޝީދަށް ވާދަ ނުކުރެއްވޭނަމަ އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި އިބޫ ނެރެން ގިނަ ބަޔަކު ތާއީދު އޮވެއެވެ. އެމްޑީޕީގެ ގިނަ އާންމު މެންބަރުން ވެސް އެކަމަށް އެއްބަސްވެ އެވެ.

ރައީސް ނަޝީދަށް ޕާޓީގެ ޓިކެޓް ހަވާލުކުރުމަށް ހަރުގޭގައި އާދައިގެ ހަފުލާއެއް ބޭއްވިއިރު ޕާޓީގެ އިސް ބޭފުޅުންނާއި ގައުމީ މަޖިލީހުގެ ވެސް ގިނަ ބޭފުޅުން އެ ހަފުލާގައި ބައިވެރިވަޑައިގެން ނުގަތުމަކީ ވެސް ސިޔާސީ ވާހަކަތަކެއް ކިޔައިދޭ މަންޒަރެކެވެ.

އެކަން އެހެން އޮވެ، އިބޫގެ ނަމުގެ އަޑު ވެސް ގަދަވެފައިވަނިކޮށް އެމްޑީޕީއިން ވަނީ ކޮންގްރެސްއެއް ބާއްވަން ނިންމާފަ އެވެ. ރިޔާސީ ޕްރައިމަރީއަށްފަހު ކޮންގްރެސް އެވެ. ރިޔާސީ ޓިކެޓް ރައީސް ނަޝީދަށް ހަވާލު ކުރުމަށްފަހު ކޮންގްރެސްއެއް ބާއްވަނީ ކޮން ބޭނުމަކު ހެއްޔެވެ؟ އަސާސީ ގަވައިދަށް ގެންނަން އުޅެނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟

ބެލެވޭ ގޮތުގައި ކޮންގްރެސްގައި އަސާސީ ގަވައިދަށް ބޮޑު ބަދަލުތަކެއް ގެންނާނެ އެވެ. ޕްރައިމަރީގައި ކާމިޔާބު ހޯދާ ފަރާތަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ގޮތް ވެއްޖެނަމަ ހަދާނެ ގޮތެއް މިހާރު އެމްޑީޕީއަކު ނެތެވެ. އެކަމަށް ގޮތްތަކެއް ހޯދައި ގަވައިދަށް އަކުރެއް ނުތައް މާއްދާއެއް އިތުރު ކުރުމަކީ ކޮންގްރެސްގެ މަގުސަދު ކަމަށް ބެލެވެ އެވެ. އިތުރު ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތްނަމަ ކެންޑިޑެސީ ހަވާލު ކުރާނެ ފަރާތެއް ހޮވުމުގެ ބާރު ޕާޓީގެ ގައުމީ މަޖިލީހަށް ދީފާނެ ކަމަށް ވެސް ބެލެވެ އެވެ.

މިހެންވެއްޖެނަމަ، ރައީސް ނަޝީދަށް ޕާޓީން ތެރޭން ލިބުނު ފުރުސަތު އެ ޕާޓީ ތެރޭން ގެއްލުން ވަރަށް ގާތެވެ. ރައީސް ނަޝީދު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވިއިރު ޕާޓީގެ ލީޑަޝިޕް އޮތީ މާލޭގަ އެވެ. އިބޫ ހުންނެވީ މާލޭގަ އެވެ. ގޮތްތައް ނިމިގެން ދާނީ މާލޭގަ އެވެ. ޕީޕީއެމްގައި އުފެދުނު ފަދަ ދެ ފެކްޝަން އެ ޕާޓީ ތެރެއިން އުފެދިގެން ނުދިޔަ ނަމަވެސް ހިޔާލުގެ ގޮތުން ކޮންގްރެސް ދެބަޔަކަށް ބެހިގެން ދާނެ އެވެ.

އިންތިހާބަށް ކުރިމަތިލާން ވަގުތު ޖެހި ވަގުތު ހަމަވެގެން ދާއިރު ވެސް ރައީސް ނަޝީދަށް ބަލަހައްޓައިގެން ތިބެއްޖެ ނަމަ އެއީ އެ ޕާޓީން ހަދާނެ އެންމެ ބޮޑު ގޯހަށް ވުމަކީ ވަރަށް ޔަގީން ކަމެވެ. އޭރަށް އެމްޑީޕީގެ ސަރުކާރެއް އުފެއްދެން އޮތް ފުރުސަތު ގެއްލި، ރައީސް ނަޝީދު މިނިވަން ކުރެވެން އޮތް މަގު ވެސް ބަންދުވާނެ އެވެ. އެ ގޯސް ހަދަން ތިބެން ޕާޓީގެ އިސް ބޭފުޅުން ބޭނުން ނުވާކަން ކޮންގްރެސްއިން އެނގިގެންދާނެ އެވެ.

އެކަމަކު އެ މަގުން ހިންގަވަން އަދިވެސް ރައީސް ނަޝީދު އެއްބަސްވެވަޑައިގަންނަވާ ކަމަކަށް ނުބެލެވެ އެވެ. އާދަޔާ ހިލާފު ކޮންގްރެސްއަކީ ރައީސް ނަޝީދު މާ ހިތްޕުޅާވާ ކޮންގްރެސްއެއް ނޫން ކަމަށް އެމަނިކުފާނު މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ވާހަކަފުޅެއް ވިދާޅުނުވާތީ ބާރު ލިބެ އެވެ.

ކޮންމެއަކަސް އެމްޑީޕީގެ ކޮންގްރެސް ވެގެން ދާނީ ޝައުގުވެރިވެފައިވާ ރާއްޖޭގައި ސިޔާސީ މައިދާނަށް އަންނާނެ ވަރުގަދަ ރޯޅިއަކަށެވެ. އެމްޑީޕީއިން އެންމެފަހުގެ ނިންމުން ނިންމައި، އިންތިހާބާމެދު އޮތް އެ ޕާޓީގެ މެންބަރުންގެ ޝައްކުތައް ފިލުވާނެ ކޮންގްރެސްއަށެވެ. ރައީސް ނަޝީދާއެކު މަޑުކޮށް، ހުރި ހުރިހާ ފުރުސަތެއް ބަންދުކުރުމަށް ނޫނީ އެހެން މަގަކުން ގޮސް ރައީސް ނަޝީދު އެއްކޮށް މިނިވަންކުރުމަށް އެ ޕާޓީން މަގު އިހްތިޔާރު ކުރާނެ ކޮންގްރެސްއަކަށެވެ.