ރާއްޖޭގެ ގައުމީ ބޭންކުގައި ހުރި އުފެއްދުންތެރި ނޫން ލޯނުގެ މިންވަރު މިދިޔަ އަހަރު 26 ޕަސެންޓަށް ދަށްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ ފަރުވާތެރިކަމާއިއެކު ލޯނުތަކުގެ ރިސްކު ބެލެހެއްޓިފައިވާތީ އާއި އުފެއްދުންތެރި ނޫން ލޯނުތައް ހޯދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާތީ، މިދިޔަ އަހަރުގެ ތެރޭގައި ބޭންކުގެ ލޯނު ފޮތުގެ ފެންވަރު ރަނގަޅުވެފައިވާ ކަމަށެވެ. އަދި މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ހިފެހެއްޓިފައިވާ އިންޓަރެސްޓް ކެނޑުމަށް ފަހު އުފެއްދުންތެރި ނޫން ލޯނުތަކުގެ ޖުމްލަ އަދަދު 1.4 ބިލިއަން ރުފިޔާ އަށް ދަށްކުރެވިފައިވާ ކަމަށް އެ ބޭންކުން ބުނެ އެވެ.
ގައުމީ ބޭންކުން ބުނީ މި ކުރިއެރުމަކީ މިދިޔަ އަހަރާ އަޅާ ބަލާއިރު، 504 މިލިއަން ރުފިޔާ ނުވަތަ 26 ޕަސެންޓުގެ ދަށްވުމެއް ކަމަށެވެ. އަދި ޖުމްލަ އުފެއްދުންތެރިނޫން ލޯނުގެ މިންވަރު 20.3 ޕަސެންޓުގައި ހުރިއިރު، ސާފު އުފެއްދުންތެރި ނޫން ލޯނު ހުރީ 2.4 ޕަސެންޓުގައި ކަމަށާއި، މިއީ އެކަށީގެންވާ ވަރުގެ ކުރިއެރުމެއް ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް އިން އުފެއްދުންތެރި ނޫން ލޯނުގެ މިންވަރު ދަށްކޮށް ކާމިޔާބުތަކެއް ހޯދިއިރު، މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް 81.1 މިލިއަން ރުފިޔާ (ހިއްސާއަކަށް 16ރގެ މަގުން) ބެހުމަށް ވަނީ ނިންމާފަ އެވެ. އަދި މިދިޔަ އަހަރު އަހަރީ އާއްމު ޖަލްސާ މާދަމާ ރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.