ދުނިޔެ

ދީނީ މިނިވަންކަމަށް ގޮވާލި ބްލޮގަރުން މެރި ޖަމާއަތް ބަންގާޅުގައި މަނާކޮށްފި

May 26, 2015

ދީނީ މިނިވަންކަަމަށް ގޮވާލައި އިންޓަނެޓުގައި ލިއުންތައް ޝާއިއުކުރި ތިން ބްލޮގަރަކު މަރާލި ކަމުގެ ތުހުމަތުކުރެވޭ ބަންގާޅުގެ ހަނގުރާމަވެރި ޖަމާއަތް އެ ގައުމުގައި މަނާކޮށްފި އެވެ.

ތަފާތު ދީންތަކަށް ގޮވާލުމާއި ދީނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުންނަށް ދޭ ހަމަލާތައް ބަންގާޅުގައި ވަނީ މި ފަހުން އިތުރުވެފަ އެވެ. އެ ގޮތުން، މަޝްހޫރު ދެ ބްލޮގަރު އަވިޖިތު ރޯއީ މިދިޔަ ފެބްރުއަރީ މަހު މަރާލިއިރު، މާޗު މަހު ވެސް ވަނީ ވަސީގުއްރަހުމާން ކިޔާ ބްލޮގަރަކާއި އިތުރު އެހެން ލިއުންތެރިއަކު ވެސް މަރާލާފަ އެވެ.

އެ އެންމެން ވެސް މަރާލާފައި ވަނީ ދުވާލު ގަނޑީގައި، މަގުތައް އެންމެ ބޮޑަށް ތޮށްޖެހިފައި އޮތް ވަގުތުތައް ބަލާފަ އެވެ. އެ ތިން މަރުގެ ޒިންމާ، އިއްޔެ މަނާކުރި އަންސާރުﷲ ބަންގްލާ ޓީމް (އޭބީޓީ) ޖަމާއަތުގެ ބޮލުގައި ބަންގާޅު ފުލުހުން ވަނީ މިދިޔަ ހަފުތާގައި އަޅުވާފަ އެވެ. އަދި އެ ޖަމާއަތް މަނާކުރުމަށް ވެސް ސަރުކާރުގައި ވަނީ އެދިފަ އެވެ.

ފުލުހުން އެ ގޮތަށް އެދިފައިވާތީ، ބަންގާޅުގެ އިންޓީރިއާ މިނިސްޓްރީން ވަނީ އޭޓީބީ ޖަމާއަތުގެ ހަރަކާތްތައް ބަންގާޅުގައި ހިންގުން މަނާކޮށްފަ އެވެ.

ގާތްގަނޑަކަށް 160 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ބަންގާޅަކީ ސެކިއުލަ ދައުލަތެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅާފައި ވިޔަސް، އާބާދީގެ 90 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާކުރަނީ މުސްލިމުންނެވެ. އަދި ހައްދުފަހަނައަޅާފައިވާ ދީނީ ޖަމާއަތްތަކުގެ ނުފޫޒު އެ ގައުމުގައި ބޮޑެވެ.