ހަބަރު

އެކްސިޑެންޓުތައް އާދަޔާ ހިލާފަށް ގިނަ، ފިޔަވަޅު އަޅަން ޖެހޭ: މާލެ ސިޓީ ކައުންސިލް

މާލޭގައި ހިންގައި އެކްސްޑެންޓުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށާއި ކަމާ ބެހޭ ފަރާތްތަކުން އެކަން ހައްލު ކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި މާލޭގައި ގިނަ އަދަދަކަށް ނުރައްކާތެރި އެކްސިޑެންޓު ހިންގާފައިވާ ކަމަށާއި ގިނަ އެކްސިޑެންޓުތަކުގައި ފުރާނަ ދިޔުމާއި ބައެއް ފަރާތްތަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދޭން ޖެހިފައިވާ ކަމަށެވެ. އޭގެ ސަބަބުން މައުސޫމް އެތަށް ބަޔަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ލިބި ހިތާމަވެރި ހާދިސާތައް ހިންގަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިފަދަ މައްސަލަތަކަކީ އަޅާ ނުލައި ދޫކޮށްލައިގެން ވާނެ މައްސަލަތަކެއް ނޫން ކަމަށާއި ބާރު ސްޕީޑުގައި ދުއްވާ އެއްގަމު އުޅަނދުތަކުގެ މީހުންނަށް ގާނޫނީ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅު އަޅަމުންދޭތޯ ކަށަވަރު ކުރުމަށް ރައަްޔިތުން އެދެމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ މީހުން ހުއްޓުވުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އާއި ފުލުހުން މިހާރަށް ވުރެ ރަނގަޅު އިންތިޒާމެއްގެ ދަށުން އެކްސިޑެންޓުތައް ހުއްޓުވޭނެ ނިޒާމެއް ގާއިމްކޮށްދެއްވުމަށް ވެސް އެ ބަޔާނުގައި ވަނީ އެދިފަ އެވެ.

އޭގެ އިތުރުން ހިނގައި މީހުންނާއި ދުއްވާ މީހުން ހޭލުންތެރި ކުރުވުމާއި މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ކޮންމެހެން ވެސް ޖެހޭ ކަމަށާއި ލައިސެންސް ދޫކުރުމުގައި ސަމާލުވެ ޒިންމާދާރު ކަމާއެކީގައި އެކަން ކުރުމަށް ވެސް މާލެ ސިޓީ ކައުންސިލުން އެދުނެވެ.