ހަބަރު

ހެއްކަކު ކޯޓަށް ހާޒިރުކޮށް ނުދީގެން މިރުޒާގެ މަރުގެ ޝަރީއަތް ކުރިއަށް ނުގެންދެވިފައި

May 26, 2015

ނ. މާޅެންދޫ ވައިޓްހައުސް އަހުމަދު މިރުޒާ މަރާލި މައްސަލައިގެ ޝަރީއަތުގައި ފުލުހުން ހާޒިރުކޮށްދޭންޖެހޭ ހެކިވެރިއަކު ހާޒިރުކޮށް ނުދީގެން އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދެވި، ހުއްޓިއްޖެ އެވެ.

މީގެ ހަތަރު އަހަރު ކުރިން 2011 ގައި ވިލިމާލޭގައި މިރުޒާ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގދ. ގައްދޫ ބޮކަރުގޭ އަލީ ރިފްޝާނާއި ޏ. ފުވައްމުލަކު ޒާވިއާ އަބްދުﷲ ނަޒީފާއި ވ. ފަޒީލާމަންޒިލް މުހައްމަދު ޝިފާއުގެ މައްޗަށެވެ. އެ ޝަރީއަތް ކުރިއަށް ނުގެންދެވި ހުއްޓުނީ ދައުލަތުގެ ހެކިވެރިއަކު ހާޒިރުކޮށްދޭން ފުލުހުންނަށް އެންގުމުން ވެސް އެކަން ނުކޮށް ދިނުމުންނެވެ.

އެ ހެކިވެރިޔާ ހާޒިރު ނުކުރެވޭތީ އެކަން ސާފުކުރަން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ހެކިވެރިޔާ ބަންދުކޮށްގެން ކޯޓަށް ހާޒިރުކޮށްދޭން މިއަހަރު އެކަނި ވެސް ތިން ފަހަރެއްގެ މަތިން ފުލުހުންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެކަން ނުކޮށްދޭ ކަމަށެވެ. މިއަދުގެ އަޑުއެހުމަށް ވެސް އެ މީހާ ހާޒިރުކޮށްދޭން އެދުމުން ހާޒިރު ނުކުރާ ކަމަށް އިސްގާޒީ ވިދާޅުވި އެވެ.

އިސްގާޒީ އަބްދުﷲ ވިދާޅުވީ އެ ހެކިވެރިޔާ ބަންދުކޮށްގެން ހާޒިރުކުރަން އަމުރު ނެރުނީ ދައުލަތުގެ ފަރާތުން އެ މީހާ ހާޒިރުކުރަން ކުރި މަސައްކަތުން އެ ފަރާތަށް ވެސް އެކަން ނުކުރެވުމުން ކަމަށެވެ. އެހެންވެ މިހާރު އެ ހެކިވެރިޔާ ހާޒިކުރަން ބޭނުންވޭތޯ ދައުލަތާ އިސްގާޒީ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އެ ހެކިވެރިޔާ ހާޒިރުކުރަން އަދިވެސް ދައުލަތުން ބޭނުންވާ ކަމަށާއި ނަމަވެސް އެކަން ނުކުރެވޭ ނަމަ އެ ހެކިވެރިޔާ ހާޒިރު ކުރުމާ މެދު ގޮތެއް ނިންމަން ފުރުސަތެއް ބޭނުންވާ ކަމަށެވެ.

ދައުވާލިބޭ ނަޒީފް ބުނީ އެ ހެކިވެރިޔާ ހާޒިރު ނުކުރެވިގެން އުޅެނީ އެ ހެކިވެރިޔާއަކީ މޮޔަ މީހެއް ކަމަށް ފުލުހުން ބުނާތީ ކަމަށް އޭނާގެ އާއިލާ މީހުން ކޯޓަށް ގުޅުމުން ކޯޓުން ބުނެފައިވާ ކަމަށެވެ. ނަމަވެސް އިސްގާޒީ ވިދާޅުވީ އެކަން ކޯޓުން ވެސް ޖެހޭނީ ޔަގީންކުރަން ކަމަށާއި މިހާރު ކުރަނީ އެ މަސައްކަތް ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާލިބޭ ތިން މީހުން ވެސް ވަނީ އެކަމުގެ ސަބަބުން ޝަރީއަތް ލަސްވާތީ އެކަމުގެ ޝަކުވާކޮށްފަ އެވެ. މިހާރު ބަންދުގައި ތިބޭތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެ ތިން މީހުން ވެސް އެ ޝަކުވާކުރަން ފެށުމުން އިސްގާޒީ ވިދާޅުވީ ކޯޓުން މަސައްކަތް ކުރާނީ އަވަހަށް މައްސަލަ ނިންމަން ކަމަށާއި ނަމަވެސް ދައުލަތުގެ ހެކިވެރިޔާ ހާޒިރު ނުކުރެވޭތީ ލަސްތަކެއް ދިމާވަނީ ކަމަށެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ތިބުމުން ބަންދަށް ލުޔެއް ދޭން ދައުވާލިބޭ ޝިފާއު އެދުނު ނަމަވެސް އިސްގާޒީ ވިދާޅުވީ ބަންދަށް ލުޔެއް ދިނުމާ މެދު ގޮތެއް ނިންމޭނީ ހެކިބަސް ނަގައި، ނިމުމުން ކަމަށެވެ.

މިރުޒާ މަރާލި މައްސަލައިގައި ކުޑަކުއްޖެއްގެ މައްޗަށް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި ނަމަވެސް އެ ކުއްޖާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.