ހަބަރު

ލާމަރުކަޒީ ނިޒާމް ފުނޑާލާ މީހުންގެ މައްސަލަ ބަލާނަން: އެމްޑީޕީ

Jun 11, 2018
3

އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް އުޅުނު ރަށްރަށުގެ ކައުންސިލަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ، އެލްޖީއޭއިން ސިޓީ ފޮނުވަމުންދާތީ އެމްޑީޕީއިން އެކަން ކުށްވެރިކޮށްފި އެވެ. އަދި އެއީ ލާމަރުކަޒީ ނިޒާމް ފުނޑާލުމުގެ އަމަލެއް ކަމަށާއި އެކަމުގައި ބައިވެރިވާ މީހުންގެ މައްސަލަ ބަލާނެ ކަމަށް ބުންޏެވެ.

އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ، ފާއިތުވީ ފަސް އަހަރު ތެރޭ އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގުތަކަށް އަރައިގަނެ، ގާނޫނުތަކަށް ބޯލެނބުމެއްނެތި ގާނޫނުގެ ވެރިކަން ވަނީ ނަގާލާފަ ކަމަށެވެ.

"ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދިން އެންމެ ބޮޑު އެއް ފައިދާއަކީ ލާމަރުކަޒީ ނިޒާމެވެ. އެހެންނަމަވެސް މި ނިޒާމު މިއަދު މިވަނީ ފުނޑާލާފައެވެ. މުޅި ލާމަރުކަޒީ ގާނޫނު ގަޑުބަޑުކޮށް ކައުންސިލްތަކުގެ ބާރުވެރިކަންވަނީ ނަގާލާފައެވެ. ސަރުކާރާ ވާދަވެރި ސިޔާސީ ފިކުރުގެ ކައުންސިލަރުންނަށް ބޭއިންސާފުން ފިޔަވަޅު އެޅުން މިވަނީ އާންމު އުސޫލަކަށްވެފައެވެ." ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ ގައުމު ތަރައްގީ ކުރެވޭނީ ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ލިބިދޭންޖެހޭ ބާރުވެރިކަން ކަށަވަރުކޮށްދީގެން ކަމަށެވެ. މަރުކަޒީ ބާރުތަކުން ވީއްލިގެން ކަމަށެވެ. ފާއިތުވީ އަހަރުތަކުގައި ރައްޔިތުންގެ ހައްގުގައި ބަސްބުނެ، ކައުންސިލްތަކަށް ގާނޫނުތަކުން ކައުންސިލްތަކަށް ލިބިދޭ ބާރުތަކުގެ ބޭނުން ކުރުމުގެ ސަބަބުން ސިޔާސީ ބޭނުމަށް ބޭއިންސާފުން އަދަބު ދީފައިވާ ހުރިހާ ކައުންސިލަރުންނަށް އެކަމުގެ ބަދަލު ހޯދައިދިނުމަކީ އެމްޑީޕީގެ އެއް އަމާޒު ކަމަށް ވެސް ބުންޏެވެ.

ސަރުކާރުގެ ނުފޫޒުން އެލްޖީއޭއިން ލާމަރުކަޒީ ނިޒާމު ފުނޑާލުމަށް ކޮށްފައިވާ ހުރިހާ ކަމެއް ތަހުގީގުކޮށް އެކަންކަމުގައި ބައިވެރިވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީން ވެސް އެ ޕާޓީން ދިނެވެ.