ޓީވީ ސީރީޒް

ޝޮންޑާގެ ފުރަތަމަ ނެޓްފްލިކްސް ޕްރޮޖެކްޓަކީ "އެނާ ޑެލްވީ"

އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ ޕްރޮޑިއުސަރު ޝޮންޑާ ރައިމްސް، 15 އަހަރު ވަންދެން އޭނާ ޝޯތައް ތައްޔާރުކޮށްދެމުން އައި ނެޓްވޯކް، އެބީސީ ދޫކޮށްލުމަށްފަހު ނެޓްފްލިކްސްއާއި ވަނީ މިދިޔަ އަހަރު އޮގަސްޓުގައި ގުޅިފަ އެވެ. އޭގެ ގާތްގަނޑަކަށް އަހަރެއްފަހުން މިހާރު އޭނާ މި ވަނީ ނެޓްފްލިކްސްއާއެކު މަސައްކަތްކުރާނެ ފުރަތަމަ ޕްރޮޖެކްޓު އިއުނާލުކޮށްފަ އެވެ.

ޝޮންޑާ މިފަހަރު ގެނެސްދެނީ ނިއު ޔޯކް ޓައިމްސް މެގަޒިންގައި ޝާއިއުކުރަމުން އައި ވާހަކައެއް ކަމަށްވާ "ހައު އެނާ ޑެލްވީ ޓްރިކްޑް ނިއު ޔޯކްސް ޕާޓީ ޕީޕަލް" އަށް ތައްޔާރުކުރާ ސީރީޒްއެކެވެ.

މި ވާހަކަ ލިޔުނީ ޖޭސިކާ ޕްރެސްލާ އެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ މި ވާހަކައަކީ މަކަރާއި ހީލަތް ހަދައިގެން މީހެއްގެ މުދާތަށް ފޭރިގެން މުއްސަނދިކަން މަތީ ދިރިއުޅެމުން ދިޔަ އަންހެނެއްގެ ވާހަކައެކެވެ. އެނާ ޑެލްވީ ކިޔާ އެ އަންހެން މީހާއަކީ ފެޝަންގެ ދުނިޔޭގައި ވަރަށް މަޝްހޫރުވެގެންދިޔަ މީހެކެވެ.

މި ސީރީޒްގެ ޕައިލެޓް އެޕިސޯޑު ނުވަތަ ފުރަތަމަ އެޕިސޯޑުގެ ސްކްރީންޕްލޭ ޝޮންޑާ ލިޔާތީ ކުރެވޭ އިންތިޒާރު ވަނީ އިތުރަށް ބޮޑުވެގެން ގޮސްފަ އެވެ. ޝޮންޑާ އެންމެފަހު ޕައިލެޓް އެޕިސޯޑަކަށް ސްކްރީންޕްލޭ ތައްޔާރުކުރީ 2012 ވަނަ އަހަރު ނިކުތް އޭނާގެ އެންމެ ކާމިޔާބު ސީރީޒްތަކުގެ ލިސްޓުގެ ކުރީގައި އޮތް "ސްކޭންޑަލް" އަށެވެ.

އޭބީސީއާއެކު އޮތް އެއްބަސްވުން އުވާލި ނަމަވެސް އެ ނެޓްވޯކުން އަދިވެސް އޭނާގެ ސީރީޒްތައް ގެނެސްދެ އެވެ. އެބީސީއިން މިހާރު ގެނެސްދޭ އޭނާގެ ސީރީޒްތަކުގެ ތެރޭގައި "ގްރޭސް އެނަޓޮމީ"، އާއި "ހައުޓު ގެޓް އަވޭ ވިތް މާޑާ" އަދި އަލަށް ފެށި "ސްޓޭޝަން 19" އާއި "ފޯ ދަ ޕީޕަލް" ހިމެނެ އެވެ.

އެ ނެޓްވޯކު މެދުވެރިކޮށް ހަތް އަހަރު ވަންދެން ގެނެސްދިން ޝޮންޑާގެ ސީރީޒް "ސްކޭންޑަލް" ވަނީ މިދިޔަ އޭޕްރީލް މަހު ނިންމާލާފަ އެވެ.