ހަބަރު

އާސަންދަގެ އިންޒާރު: ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނަން

Jun 11, 2018
7

އާސަންދަ ކުންފުންޏާއި އެކުންފުނިން ހިންގާ ހުޅުމާލެ ހޮސްޕިޓަލް ބަދުނާމުވާ ގޮތަށް ބައެއް މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެފަދަ ފަރާތްތަކާއެމު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށް އާސަންދައިން ބުނެފި އެވެ.

އާސަންދައިން މިރޭ ނެރުނު ބަޔާނެއްގައި ވަނީ، ފަހަކަށް އައިސް އެކިއެކި މީޑިއާ ޕްލެޓްފޯމް ތަކުގައި ހުޅުމާލެ ހޮސްޕިޓަލާއި އެކުންފުނި ބަދުނާމުވާހެން ވާހަކަ ފަތުރައި، އެކުންފުނިންދޭ މައުލޫމާތު ރައްޔިތުންނަށް އޮޅުން އަރާހެން ގެނެސްދެމުންދާ ކަމަށެވެ. އެފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅެންހުރި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އާސަންދައިން ބުންޏެވެ.

ބަޔާނުގައި ވަނީ، ސިއްހީ ދާއިރާއަކީ ރައްޔިތުންގެ އިހުސާސްތަކާއި ނުހަނު ގުޅިފައިވާ ދާއިރާއެއް ކަމަށާއި ރައްޔިތުންގެ ހިތްތަކުގައި ކަންބޮޑުވުން އުފެދޭގޮތަށް ރިޕޯޓް ނުކުރުމަށެވެ. އަދި މިފަދަ ކަންކަމުގައި ހިމެނޭ ފަރާތްތަކަށް އިތުރު ހިތްދަތިކަން ލިބޭނެ ގޮތަކަށް އެކިއެކި ޕްލެޓްފޯމްތަކުގައި ހަގީގަތާ ހިލާފް ނުފެތުރުމަށްް އާސަންދައިން ގޮވާލާފައި ވެއެވެ.

ހުޅުމާލޭގައި ޖޮގިންއަށް ގޮސް އުޅުނު މީހެއްގެ ގައިގާ ބާރްސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި މަރުވި މީހާ ހޮސްޕިޓަލަށް ގެނައުމުން ގެނައުމުން ފަރުވާ ދިނުން ލަސްވީ އޭނާ މެމޯ ނުހެއްދިގެން ކަމަށާއި މެމޯ ނުހައްދައި ފަރުވާ ނުދެވޭނެ ކަމަށް އެ ހޮސްޕިޓަލުން އެންގި ކަމަށް ބުނެ މަންޒަރު ދުށް މީހެއް ފޭސްބުކްގައި ވަނީ ލިޔެފަ އެވެ.

އެކަމާ ގުޅިގެން އާސަންދައިން ބުނީ، ޕޭޝަންޓު ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން އެއްވެސް ލަސް ކުރުމަކާ ނުލައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި މެމޯ ނުހެއްދިގެން ފަރުވާ ނުދީ ލަސް ކުރާ ވާހަކައަކީ ހަގީގަތާ ހިލާފް ވާހައެއް ކަމަށެވެ.

ޕޭޝަންޓުގެ ހާލު ސީރިޔަސް ކަމުން އޭޑީކޭގައި ނިއުރާސާޖަންއެއް ހުރުމާއެކު ޕޭޝަންޓުގެ ޒާތީ މައުލޫމާތުތައް އެކަށީގެންވާ ލިބުމުގެ ކުރިން ވެސް އެ ހޮސްޕިޓަލާ ހަވާލު ކުރާ ގޮތަށް ހަމަޖައްސާދީފައިވާނެ ކަމަށާއި އާއިލާއިން އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ސީއެމްބިއުލަންސް ފަޅު ތެރޭގައި ތައްޔާރަށް އޮއްވާ ކަމަށެވެ. އަދި އޭނާ ޓްރީ ޓޮޕަށް ބަދަލު ކުރުމަށް އާއިލާގެ ފަރާތުން އެ ހޮސްޕިޓަލަށް ގުޅައި ހަމަޖެއްސުމަށް 15 ވަރަކަށް މިނެޓު ދިޔަ ކަމަށާއި އެއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލުން ޓްރީ ޓޮޕްއާ އެ ޕޭޝަންޓު ހަވާލުކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.