ހަބަރު

ފުލުސް އޮފީހަށް ގެންދިޔަ މައްސަލަ މުއައްސަސާތަކަށް ހުށަހަޅާނަން

May 26, 2015
1

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުއްސައްތާރު އިއްޔެ ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށްވާތީ އެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް، އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.

މައުލޫމާތެއް ސާފު ކުރުމަށް ކަމަށް ބުނެ، އަނަސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ އިއްްޔެގެ ވަގުތެއްގައި އޭނާ އޭޑީކޭގައި އަންހެނުންނާ އެކު ހުންނަވަނިކޮށެވެ.

އަނަސް މިއަދު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ގެންދިޔައީ އޭޑީކޭ ގައި ހުންނަވަނިކޮށް ފަސް އޮފިސަރަކު އެތަނަށް ވަދެ ފުލުހުންގެ ވެހިކަލަށް އަރުވައިގެން ކަމަށެވެ. އަނަސް ވިދާޅުވި ގޮތުގައި މައުލޫމާތެއް ސާފު ކުރުމަށް ޕޮލިހަށް ހާޒިރު ކުރާ ނަމަ ކުރީބައިގައި އަންގައި ޗިޓް ވެސް ފޮނުވޭނެ ކަމަށެވެ. އަދި މީހަކު ހުރިތަނަކަށް ގޮސް ފުލުސް އޮފީހަށް ގެންދާ ނަމަ ކޯޓް އޯޑަރެއް ވެސް އޮންނަން ޖެހޭނެ ކަމަށް އަނަސް ވިދާޅުވި އެވެ. އަދި އެ ނޫން ގޮތަކަށް އެކަން ކުރާ ނަމަ އެ ކުރެވުނީ ގާނޫނާ ހިލާފަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ވީމާ، އެކަން އެ ހިސާބުން އެ ކުރެވުނީ ގާނޫނާ ހިލާފަށް. މިހެން ވީމާ ކޮންމެ މީޙަކު ހުރި ކޮންމެ ތަނަކަށް ވެސް ގޮސް މައުލޫމާތު ސާފު ކުރަން ފުލުސް އޮފީހަށް ހާޒިރު ކޮށްފާނެކަން މީގެން މި އެނގުނީ. މި މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނަން،" އަނަސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުުހުން ސުވާލު ކުރީ މޭޑޭ މުޒާހަރާގެ ކަންކަމާ ގުޅޭ ގޮތުން ކަމަށެވެ. އެގޮތުން އެ ދުވަހުގެ އެއްވުމުގައި ބައިވެރިވާނެކަމަށް ބުނެ އެމްޑީޕީ އިން ފޮނުވާފައި ހުރި ބައެއް ލިޔުންތަކާ ގުޅޭ ގޮތުން ސުވާލު ކުރި ކަމަށް ވެސް އަނަސް ވިދާޅުވި އެވެ. ނަމަވެސް މައުލޫމާތެއް ސާފު ކުރަން ގަދަކަމުން ފުލުސް އޮފީހަށް ގެންދާ ނަމަ އޭގެން ހާސިލް ވާނެ ކަމެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަނަސް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ފަރާތުން އަންނަނީ ފުލުހުންނަށް އެއްބާރުލުން ދެމުންނެވެ. އަދި އެފަދަ ގޮތަކަށް އަމަލު ކުރަމުން ދަނިކޮށް ފުލުުހުން މިފަދަ ގޮތަކަށް އަމަލު ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ ކަންކަން ކުރުމުން އެއްވެސް ފަރާތަކަށް މިކަމުން ނަތީޖާއެއް ހާސިލެއް ނުވާނެ،" އަނަސް ވިދާޅުވި އެވެ.