ވޯލްޑް ކަޕް 2018

ސްޕެއިން

Jun 12, 2018

ގޭމް ސިސްޓަމް: 4-5-1

އެންމެ ފަހުން ބޭއްވި ޔޫރޯ އާއި ވޯލްޑްކަޕުގައިވެސް ސްޕެއިން އަށް ކުރިމަތިވީ ނާކާމިޔާބެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕަށް ސްޕެއިން ދިޔައީ އޭގެ ކުރީގެ ޗެމްޕިއަންގެ ގޮތުގަ އެވެ. ނަމަވެސް އެ މުބާރާތުން ސްޕެއިން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. ފްރާންސްގައި ބޭއްވި ޔޫރޯ 2016 ގައި ސްޕެއިން ކެޓީ ދެ ވަނަ ބުރުންނެވެ. ޔޫރޯގައި ކުރިމަތިވި ނާކާމިޔާބާއެކު، އޭރު ކޯޗަކަށް ހުރި ވިންސެންޓޭ ޑެލްބޮސްކޭ މާގާމުން އިސްތިއުފާ ދިނެވެ. އޭގެ ފަހުން ކޯޗު ކަމާ ހަވާލުވީ ކުރިން ޒުވާން ގައުމީ ޓީމަށް ކޯޗު ކޮށްދިން ހުލެން ލޮޕެޓެގީ އެވެ. އަލުން ސްޕެއިން ބާރަކަށް ހެދި އެވެ. ވޯލްޑްކަޕް ކޮލިފައިންގައި އެ ޓީމު ދެއްކި ކުޅުމާއެކު މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ސްޕެއިން ވަނީ ބެލެވިފަ އެވެ. ނަމަވެސް ވޯލްޑްކަޕު ފެށެން އެއް ދުވަހަށް ވެފައި ވަނިކޮށް، ސްޕެއިންގެ އެފްއޭއިން ހުލެން ލޮޕެޓެގީ މަގާމުން ވަކި ކުރި އެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ސްޕެއިން ދަނީ، ދާހީލީ ބައިބައިވުން އުފެދިފައިވާ ވަގުތެއްގަ އެވެ. ސްޕެއިންގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ، ބާސެލޯނާ ހިމެނޭ ސަރަހައްދު ސްޕެއިންއާ ވަކިވެ ކަޓަލޯނިއާ ކިޔާ ދައުލަތެއް އުފެއްދުމަށް ވަރުގަދައަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެކަމުގެ ތެރެއަށް ސްޕެއިންގެ ފުޓްބޯޅަވެސް ވެއްޓުނެވެ. އެއީ ސްޕެއިންގެ ޗެމްޕިއަން އެފްސީ ބާސެލޯނާވެސް އެ މައްސަލަ ގަނޑުގެ ތެރެއަށް ވަނުމުންނެވެ. ސްޕެއިންގެ ގައުމީ ޓީމުގައި ބާސެލޯނާގެ ބޮޑު ހިއްސާއެއް އޮވެވެ އެވެ. ގައުމީ ޓީމުގެ ތެރޭގައި އެފަދަ މައްސަލައެއް ފަންމަތިވިޔަ ނުދިނުމަށްޓަކައި، ގައުމީ ޓީމަށް ހުސްވެ ތިބޭ ވަގުތު ސިޔާސީ ވާހަކަ ނުދެއްކުމަށް ސްޕެއިންގެ ފުޓްބޯޅަ ފެޑްރޭޝަނުންވަނީ ޓީމަށް އަންގާފަ އެވެ.

ކޮލިފައިވީ ގޮތް

ސްޕެއިން ވޯލްޑަކަޕަށް ކޮލިފައިވީ، ކޮލިފައިންގެ ޔޫރޯ ޒޯންގެ ގުރޫޕް "ޖީ" ގެ އެއް ވަނަ ހޯދައިގެންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން ނުވަ މެޗުން މޮޅުވި އެވެ. އެންމެ މެޗަކުންވެސް ބަލިވެފަ އެއް ނުވެ އެވެ. އަނެއް މެޗު ނިމުނީ އެއްވަރު ވެގެންނެވެ. އެއީ އިޓަލީއާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗެވެ. ނަމަވެސް ސްޕެއިންގެ ވެރިރަށް މެޑްރިޑްގެ މަޝްހޫރު ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބެރުނަބޭގައި ކުޅުނު ދެ ވަނަ ލެގް މެޗުގައި، ސްޕެއިން ވަނީ އިޓަލީ 3-0 ބަލިކޮށްފަ އެވެ. ގުރޫޕްގެ އެއް ވަނައިގައި ސްޕެއިން ވަނީ 28 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައަށް ދިޔަ އިޓަލީއަށް ލިބިފައި ވަނީ 23 ޕޮއިންޓެވެ. އިޓަލީއަށް ޖެހުނީ ޕްލޭއޮފް ބުރު ކުޅޭށެވެ. ޕްލޭއޮފް ބުރުގައި ސްވިޑެން އަތް ދަށުވެ އިޓަލީއަށް ވޯލްޑްކަޕް ޖާގަ ގެއްލުނެވެ.

މުހިންމު ކުޅުންތެރިން

ސްޕެއިންގެ ޓީމުގައި އެންމެ މަޝްހޫރު ކުޅުންތެރިޔަކަށް ވާނީ، ވައިސް ކެޕްޓަން އަންޑުރެސް އިނިއެސްޓާ އެވެ. ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު ބޭއްވ ވޯލްޑްކަޕް ސްޕެއިންއަށް ހޯދައިދިނުމަށް ފައިނަލު މެޗުގައި ހޮލެންޑް ކޮޅަށް ލަނޑު ޖެހީ އިނިއެސްޓާ އެވެ. އޭނާ އަށް މިހާރު 34 އަހަރެވެ. ޓީމުގެ ކީ ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ބަޔަކު މިހާރު ފާހަގަ ކުރަނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑާ އިސްކޯގެ ނަމެވެ. ބީބީސީ ސްޕޯޓްސްގައި ވާގޮތުން ސްޕެއިންގެ މިހާރުގެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އިސްކޯ އެވެ. ގިނަ ބަޔަކު އޭނާ ފާހަގަ ކުރީ ކޮލިފައިންގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ހާއްސަކޮށް އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި އިސްކޯ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެ މެޗުގައި ސްޕެއިނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ އިސްކޯ އެވެ. ކޮލިފައިންގައި އޭނާ ވަނީ ހަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ސްޕެއިންގެ ކުޅުމުގެ ސްޓައިލަކީ ބޯޅަ ޕޮޒިޝަން ހިފަހައްޓައިގެން ކުޅޭ ހަލުވި ޕާސިން ގޭމެކެވެ. އެހެންވެ އެ ޓީމުގެ ގޭމް ޕްލޭންގައި މިޑްފީލްޑްލައިންގެ ބޮޑު ހިއްސާއެއް އެވެ އެވެ. މިޑްފީލްޑްގައި އިސްކޯއާއެކު އިނިއެސްޓާ ހަރަކާތްތެރިވާނެ އެވެ. އަދި ސާޖިއޯ ބްސްކެޓްވެސް މުހިންމު ދައުރެއް އަދާ ކުރާނެ އެވެ. ސްޕެއިންގެ ކޮންމެ ޑިޕާޓެމެންޓެއްގައިވެސް ތީބީ ތަރިންނެވެ. ގޯލްގައި، މެންޗެސްޓާ ޔުނައިޓަޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ އެވެ. ކޮލިފައިންގައި ސްޕެއިން ގޯލަށް ވަނީ އެންމެ ތިން ލަނޑެވެ. އެހެންވެ އެޓީމުގެ ގޯލްކީޕިން އާއި ޑިފެންސަށްވެސް އިތުބާރު އެބައޮތެވެ. ޑިފެންސްގައި، ގައުމީ ޓީމާއި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް އާއި ބާސެލޯނާގެ ޖެރާޑް ޕީކޭގެ އިތުރުން ޖޯޑީ އަލްބާ އެވެ. އަދި ރެއާލް މެޑްރިޑްގެ ޑެނީ ކަރަވަހާލްއަކީވެސް ސްޕެއިންގެ ޑިފެންސްގައި މުހިންމު ނަމެކެވެ.

ކޯޗް

ސްޕެއިންގެ ކޯޗު ކަމުގައި 2020 ވަނަ އަހަރާ ހަމަޔަށް މަޑު ކުރަން ހުލެން ލޮޕެޓެގީ ކޮންޓްރެކްޓް އާ ކޮށްފައި ވީނަމަވެސް. ވޯލްޑްކަޕު ފެށެން ދެ ވުވަހަށް ވެފައި ވަނިކޮށް ލޮޕެޓެގީ ވަނީ ވޯލްޑްކަޕަށް ފަހު ރެއާލް މެޑްރިޑުގެ ކޯޗުކާ ހަވާލުވާން އުލޭކަމަށް އިއުލާން ކޮށްފަ އެވެ. އެ އިއުލާނާ ގުޅިގެން އޭނާ ކޯޗު ކަމުން ވަކި ކުރި އެވެ.

ބަދަލުގައި ކޯޗު ކަމަށް ހަމަޖެއްސީ ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފެނާންޑޯ އިއޭރޯ އެވެ. ހެޑް ކޯޗެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރީ އެންމެ ސީޒަނެއްގަ އެވެ. އެއީ ސްޕެއިންގެ ދެ ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ ރެއާލް އޮވިއޭޑޯގަ އެވެ. ނަމަވެސް އޭޏާ ވަނީ އިޓަލީގެ ތަޖުރިބާކާރު ކޯޗް ކާލޯ އަންޗެލޯޓީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ރެއާލް މެޑްރިޑްގައި މަސައްކަތް ކޮށްފަ އެވެ.