ވިޔަފާރި

ބީއެމްއެލް އިން ދޫކުރި ލޯނުގެ އަދަދު 18 ޕަސެންޓް އިތުރު ވެއްޖެ

May 26, 2015

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު ދޫކުރި ލޯނުގެ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ މިދިޔަ އަހަރުގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރާއި އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދޫކުރި ލޯނުގެ ނިސްބަތް 18 ޕަސެންޓް އިތުރުވެ، ޓްރެޒަރީ މުއާމަލާތްތަކުގެ ފައިދާ 61 ޕަސެންޓް ކުރިއަރާފައިވުމުގެ ނަތީޖާއަކީ އިންޓްރެސްޓް އަދި ލިބުނު އާމްދަނީ 48 ޕަސެންޓް އިތުރު ވެގެން ދިއުމެވެ.

ބޭންކުން ބުނީ މިދިޔަ އަހަރުގެ ތެރޭގައި އިންޓަރެސްޓް ނުހިމެނޭ އާމްދަނީގެ ގޮތުގައި 466 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ 50 މިލިއަން ރުފިޔާގެ ކުރިއެރުމެއް ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

".. މީގެ މައިގަނޑު ސަބަބަކީ ބޭންކުން ފޯރުކޮށްދޭ ކާޑު އަދި ޓްރޭޑް ފައިނޭންސިން ހިދުމަތްތަކުގެ ފީ އިން ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ،" ބޭންކުން ބުނެފައިވެ އެވެ.

ބޭންކުން ދޫކުރި ލޯނުގެ ނިސްބަތް އިތުރުވެގެން ދިޔައިރު، އެ ކުންފުނިން ވަނީ ލޯނު ދޫކުރާ ގޮތަށް މި އަހަރުގެ ތެރޭގައި ބޮޑު ބަދަލެއްވެސް ގެނެސްފަ އެވެ. އެ ބޭންކުން މިދިޔަ އަހަރު ލުއި އެކްސްޕްރެސް އާއި ބީއެމްއެލް ހޯމް ލޯން އަދި ޓީޗަރުންނަށް ވެސް ހާއްސަ ލޯނު ސްކީމެއް ވަނީ ތައާރަފުކޮށްފަ އެވެ.